އިންތިހާބީ ރައީސް : ނަމަނަމަ ނަޝީދަށް އިތުބާރު ނުކުރައްވާތި
ނަޝީދަށް އިތުބާރު ކުރައްވާ ސަރުކާރުގެ އެއްވެސް ކަމަކާ ކައިރި ނުކުރައްވާ
އިއްޒަތްތެރި އިންތިޚާބީ ރައީސެވެ. މަނިކުފާނު ވެރިކަމަށް ތިޔަ އިސްވެ ވަޑައިގަންނަވަނީ ރައްޔިތުންނަށް ހެޔޮވެރި ކަމެއް ކޮށްދެއްވުމުގެ މަތިވެރި މަގުސަދުގައެވެ. ވެވަޑައިގެންނެވި ވައުދުފުޅުތައް ގިނަވެފައި ބޮޑެވެ. އެކަމަށްޓަކާ ރައްޔިތުންގެ އެއްބާރުލުމާ އެހީތެރިކަން އިންތިހާއަށް ބޭނުންވެ ވަޑައިގަންނަވާނެއެވެ. ގިނަ ބައެއްގެ އިހުލާސްތެރި މަޝްވަރާއާއި އެހީތެރިކަން ބޭނުންވެ ވަޑައިގަންނަވާނެ ކަންވެސް އެނގެއެވެ. ބިނާކުރަނިވި މަޝްވަރާއާއި ލަފަޔާއި އެހީތެރިކަން ވެސް ނުހަނު މަތީ ދަރަޖައަކަށް ބޭނުންވެ ވަޑައިގަންނަވާނެ ކަމަށް ވެސް ގަބޫލު ކުރަމެވެ.
އެހެނަސް ދަންނަވަންތޯއެވެ. ވެރިކަމުގެ ދަހިވެތި ކަމުގައި ގެރިހަން ލައިގެން އުޅޭ މިނިކާވަގު ވެސް އުޅޭނެއެވެ. ކައިރީގައާއި ދުރުގައެވެ. ނިތްކުރިއަށް ރުލެއް ވެސް އަރުވާނުލާ ހެޔޮއެދިގެން އުޅޭ މުނާފިގުން ވެސް ލައްކަ ގިނަ ވާނެއެވެ. ދަނޑިވަޅު ބަލާ އެނގަކުރި ހިފަން ތައްޔާރަށް ތިބި ހަސަދަވެރިން ވެސް މަދެއް ނުވާނެއެވެ.
ސިޔާސީ ލީޑަރުންގެ ގޮތުގައި ވެރިކަން ނޫން ކަމެއް ބޭނުންނުވާ މީހުންވެސް ނުލާހިކު ގިނައެވެ. އަލަށް އުފެދޭ ވެރިކަމެއްގެ ތެރެއަށް ފަލީތާ ލައިގެން ވެރިކަން ހަރާބު ކުރުވަން އުޅޭ މީހުންވެސް މަދެއް ނުވާނެއެވެ. ބާރުހުރި ކަންކަމުގެ ތެރޭގައި އެފަދަ ލީޑަރުންގެ އެޖެންޓުންގެ ގިނަ ބަޔަކު އަތުރުވައިގެން ހަރާބުގެ މަގަށް ދުއްވާލުމަށް މަސައްކަތްކުރާ ހީލަތްތެރިން ތިބޭކަން ނިމިދިޔަ ވެރިކަންތަކުން ސާފުކޮށް ފެނިވަޑައިގަންނަވާނެއެވެ.
ރައީސް މައުމޫނުގެ ވެރިކަމުގެ ފަހުކޮޅު އެމަނިކުފާނަށް ޖެހިވަޑައިގަތީ އެތެރޭގައި ތިބި އަދާވާތްތެރިންގެ އުނދަގުލެވެ. ރައީސް ނަޝީދުގެ ވެރިކަން ވެއްޓުމުގައިވެސް އެމަނިކުފާނުގެ ނައިބުގެ ދައުރު ބޮޑެވެ. ރައިސް ޔާމީނުގެ ވެރިކަމުގެ ދުވަސްވަރު ވެސް ތިން ނައިބު ރައީސުން އިސްކުރައްވަން ޖެހިވަޑައިގަތީ ކަންތައްތަކެއް ނުހިނގައެއް ނޫނެވެ. ވަޒީރުންގެ މަޖިލީހާއި ސަރުކާރުގެ ތެރޭގައި ގިނަ އަދަދަކަށް ކަތުރުފަނި ހުއްޓެވެ. ފަސް އަހަރުގެ ދައުރު ނިންމާ ލެއްވީ އޮބި އަޅުއްވައިގެން މަރަށް ފުރާނައަށެވެ.
ރައީސް ސޯލިހަށްވެސް ޖެހިވަޑައިގަތީ އެތޭރޭގެ ފިތުނައެވެ. ތަފާތު ސިޔާސީ ފިކުރުގެ ކޯލިޝަނެއް ދަމަހައްޓަމުން ގެންދެވީ ދަތިއުދަނގޫ ތަކާއެކުގައެވެ. ރައީސް ސޯލިހަށް ޖެހިވަޑައިގެން އެންމެ ބޮޑު މުސީބާތަކީ އަމިއްލަފުޅު ޕާޓީގެ ރައީސް ކަމުގައި ހުންނެވި ބޭފުޅާގެ މުސީބާތެވެ. ވެރިކަން ނޫން އެއްވެސް ކަމެއް ބޭނުންފުޅުވެ ވަޑައި ނުގަންނަވާ ރައީސް ނަޝީދުގެ ދުއްތުރާލެވެ. އަމިއްލަފުޅު ޕާޓީން ސިޔާސީ މަގާމުތަކަށް ފޮނުވާފައި ތިބި އެޖެންޓުންގެ ފިއްތުމާ ލަސްކުރުމާ ފަސްކުރުމެވެ. އިދިކޮޅަށްވުރެ އިދިކޮޅުވެގެން ސަރުކާރު ފޭލިކޮށްލަން ކުރި ނޭއްގާނި މަސައްކަތާއި ފެތުރިހާ ފިތުނަ ފަސާދައެވެ.
ރައީސް ސޯލިހުގެ ކުޑަ ދުވަހުއްސުރެ އެންމެ އަރިސް އެންމެ އިތުބާރު ކުރެވޭ އަޚާގެ ގޮތުގައި ހުންނަވައިގެން ރައީސް ނަޝީދު ކުރައްވަމުން ގެންދެވީ އުދަނގުލާ ދުއްތުރާލެވެ. ޕާޓީގެ ވެރިކަމާއި މަޖިލިސްގެ ރައީސް ކަމާއި ވިދާޅުވިހާ ބަޔަކަށް އަތްގުޅި ނުކާވަރުގެ ވަޒީފާތަކެއް ދެއްވުމުންވެސް ރައީސް ނަޝީދުގެ ހިތްޕުޅެއް ނުފުރުނެވެ. ކޮންމެ އަގެއް ދައްކައިގެން ވެސް ބޭނުންފުޅުވީ ވެރިކަމެވެ. ތިމާއަށް ނެތް ކަމެއް ކިތަންމެ ގާތް ނަމަވެސް އެހެން މީހަކަށް އޮތުން ނޭދޭ މީހަކު ކޮށްފައި ނުކުރާނެ ކަމެއް ނުއޮންނާނެ ނޫންތޯއެވެ.
ބަރުލަމާނީ ގެނައުމުގެ ވާހަކަ ހުއްޓަވާލައްވާ އިންތިޚާބީ ރައީސް ޑރ. މުއިއްޒަށް ވެރިކަން ކުރެއްވުމަށް ޖާގަ ދެއްވާކަމަށް ރައީސް ނަޝީދު ވިދާޅުވީމާ ވަރަށް ކަންބޮޑުވެއެވެ. އަމްދުން ރައީސް ނަޝީދަކީ އިންތިހާބީ ރައީސް ޑރ. މުއިއްޒު އުފައްދަވާ ސަރުކާރުގެ ބައިވެރިއެއް ކަމަށް ވިދާޅުވީމާ ގައިން ހީބިހި ނަގައިގެން ދެއެވެ. ބަރުލަމާނީ ގެނެސްގެން ރައީސުލްޖުމްހޫރިއްޔާގެ ބާރުކަނޑުވާލާ ޑރ. މުއިއްޒުގެ އަތްޕުޅު ބަންނަވަން އިއްޔެއާއި ހަމައަށް މަސައްކަތް ކުރެއްވީ ރައީސް ނަޝީދު ނޫން އެހެން މީހެއް ނޫނެވެ.
ރައީސް ނަޝީދު ބަރުލަމާނީ ނިޒާމު ގެންނަން ކުރެއްވި މަސައްކަތްޕުޅު އެމްޑީޕީން ފޭލިކޮށްލުމުން އަންނަން އޮތް ސަރުކާރުގެ ތެރެއަށް ރައީސް ނަޝީދު ވަންނަވަން އުޅުއްވުމުގައި ފޮރުވިފައިވަނީ ކޮންފަދަ ނުރައްކަލެއް ކަމާމެދު ކަން ބޮޑުވެއެވެ. ރައީސް ނަޝީދުގެ އެ ނިންމެވުމުގެ ފަހަތުގައި ހެވެއް އޮތުމަށް ވުރެ އޮތުން ގާތީ ބޮޑުވެގެންވާ ނުރައްކަލެކެވެ. ނަމަނަމަ ރައީސް ނަޝީދަށް އިތުބާރު ކުރައްވާ ސަރުކާރުގެ އެއްވެސް ކަމަކާ ރައީސް ނަޝީދު ކައިރި ނުކުރައްވައްޗެވެ. ރައީސް ނަޝީދު ދައްކަވާ މީހަކުވެސް އެއްވެސް ކަމެއްގެ ތެރެއަށް ކޮންމެވެސް ނުގެންނަވައްޗެވެ. ރެކޯޑަށްޓަކާ މިވާހަކަ އަޅުގަނޑު މި ދެންނެވީއެވެ. ރައްޔިތުންނޭ ހެކިވާށެވެ.