ނަޝީދަށް ބަރުލަމާނީ ގުއިވުން

މެންބަރުކަމަށް ކުރިމަތިލިޔަސް ކާމިޔާބު ކުރެވޭ ވަރުގެ މަގުބޫލު ކަމެއްނެތް

ނަޝީދަށް ބަރުލަމާނީ ގުއިވުން

ނިޒާމީ ވޯޓު ނުނަގާ އެންމެ ދުވަހެއް ވެސް ލަސްކުރާނެ ކަމެއް ނެތެވެ. ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ޑިމޮކްރެޓްސްއިން ހުށަހަޅާފައިވާ ގޮތަށް އަވަހަށް އެ ވޯޓު ނަގާ ޑިމޮކްރެޓްސް ޕާޓީގެ އަސްލު ސައިޒު ބުނެދޭން އެބަ ޖެހެއެވެ. އުސްތާޒާ ހިސާން ހުސެއިން އެ ވިދާޅު ވަނީ ރަނގަޅަށެވެ.

ދިވެހި ރައްޔިތުންނަކީ ރައީސް ނަޝީދާއި ޑިމޮކްރެޓްސްގެ ގުނބޯތަކެއް ނޫންކަން އެ މީހުނަށް ސާފުވާން އެބަޖެހެއެވެ. އެމީހުންގެ ސައިޒް އެމީހުނަށް އަންގަދޭން އެބަ ޖެހެއެވެ.

ނިޒާމީ ވޯޓު ނެގިފަހުން އަށްޑިހަ ހާހެއްހާ މީހުން ވޯޓަށް ކުފޫ ހަމަވާތީ ވެރިކަމުގެ ނިޒާމް ބަދަލުކޮށްގެން ބޮޑުވަޒީރުކަން ހޯދިދާނެ ކަމަށް ރައީސް ނަޝީދަށް ހީވާ ކަހަލައެވެ. ވެރިކަމުގެ ނިޒާމަކީ ދެއިރުކާ ބޭހެއްހެން ބަދަލު ކުރަން އޮންނަ އެއްޗެއް ނޫނެވެ. ރައީސް ނަޝީދަށް ހެޔޮވަރަށް ފަހާދޭ ކޯޓަކަށް ދައުލަތް ހިންގުމުގެ ނިޒާމް ބަދަލު ކޮށްދޭކަށް ނުޖެހެއެވެ.

އަމިއްލަ މުށަށް ލައިގެން ގެންގުޅުނު ޕާޓީ ލޮނދި ހިކައެއްހެން އަތުން ލޫދިގެން ދިޔުމުން ފަޔަށް ހިނި އަރައިގެން އުޅުނަސް އެންމެނަކު އުޅެނީކީ ފަޔަށް ހިނި އަރައިގެނެއް ނޫނެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގެ ތާއީދު އެކީ އެކައްޗަކަށް ގެއްލި ޕާލަމެންޓްރީ ގްރޫޕުގެ ކޮންޓްރޯލް ގެއްލި އެމްޑީޕީގެ ސެކެރެޓެރިއޭޓް ގެއްލި ރިޔާސީ ޓިކެޓް ގެއްލުމުން ވެސް މައިތިރިވެ އިސްލާހު ވާކަށް ނޫޅެވުނެވެ.

ފިކުރެއް ދިރުވަން އުޅެގެން އެޅުނީ ބޮލާ ފޮށައެވެ. ޑިމޮކްރެޓް ވީވީނުން ޕާޓީއަށް ހަމަވީ ކިރިޔާ ތިންހާހެވެ. އެމްޑީޕީ ރޫޅާލަން ގޮވަމުން ހިތުން ލިބުނު މޮޅުގާ ބަރުލަމާނީ ބޮލަށް ލައިގެން ދުއްވައިގަތީ ގާސިމް ބާނާށެވެ. ކޮށްލީ ސައްޕު ޖަހާ ބޭރެވެ. ބަރުލަމާނީ ދޮލަނގާއެކު ގޮސްޖެހުނީ ޕީޕީއެމް ފައިބުޑަށެވެ. ޕީޕީއެމުން ފައިކުރުކޮށްފާ ޖެހުމުން ތެދުވެ ނިކުތީ ރިޔާސީ ރޭހަށެވެ. 

ވަހީދަށް ވީވަރު ނުވެ ސަލަމަތްވީ ކިރިޔާއެވެ. ލިބުނީ އެންމެ ހަތް ޕަސެންޓެވެ. މިވަރުންވެސް ރައްޔިތުން ތިބިގޮތް ނަޝީދަކަށް ސާފެއް ނުވިއެވެ. ފުރަތަމަ ބުރުގައި ކުރި ހޯއްދެވި ދެކެންޑިޑޭޓުންނާ ކައިރިކޮށްލާ ވަރުގެ ވޯޓެއް ލިބުނު ނަމަވެސް ރަނގަޅުތާއެވެ. ދެވަނަ ބުރުގައި ފަޅިއެއް ނުނަގާ ހުރެ ދިމާކުރީ ރައީސް ކަމަށް ހޮވޭ މީހެއްގެ އަތް ބަންނާށެވެ. ރައްޔިތުން ހޮވާ ރައީސަކީ އާރެއް ބާރެއްނެތް ކޮންމަސް ބުރިއަކަށް ހަދާފާ ބަރުލަމާނީ ގެނެސްގެން ދައުލަތް ހިންގުން ފޭރިގަންނާށެވެ. 

ޑރ. މުއިއްޒު ރައީސްކަމަށް ހޮވުމުން އެމްޑީޕީގައި އޮތް މެޖޯރިޓީ ބޭނުންކޮށްގެން ބޮޑުވަޒީރުކަމާއި އެމްޑީޕީ ނަޝީދު އަތަށް ކަހާލެވޭނެ ކަމަށް ހީކުރުމަކީ އޭނާގެ ދެއުޅި އެއްނުވާ ކަމެވެ. ބޭނުންވީ ގޮތަށް ކަންނުވާނެ ކަން ޔަގީން ވުމުން އަމިއްލައަށް ހުށަހަޅާ ފާސްކޮށް ތަންފީޒު ކުރަން ކޮށިއަރައިގެން އުޅުނު ގަރާރު ގުއިވީއެވެ. ބަރުލަމާނީ ވޯޓު ނެގުމަކީ މިހާރަށް މުހިންމު ކަމަކަށް ނުވިއެވެ. 

އެމްޑީޕީ ބޭނުން ނެތަސް ޕީޕީއެމް-ޕީއެންސީ ބޭނުން ނެތަސް ބަރުލަމާނީ ވޯޓުނަގާ ނަޝީދުގެ ސައިޒް ނަޝީދަށް އަންގާދޭން ޖެހެއެވެ. ހަމަތެދެކެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ދެން ނަޝީދު ކުރިމަތި ލިޔަސް މަޖިލީހުގެ ގޮނޑިއެއް ކާމިޔާބު ކުރެވޭ ވަރުގެ މަގުބޫލު ކަމެއްވެސް މި ގައުމުގައި ނަޝީދުގެ ނެތެވެ.