ޢިޒުރޭލު ޕާސްޕޯޓް މަނާނުކޮށް މުއިއްޒު ގާޒާއޭ ނުކިޔާ!

ރައީސް ގަރާރަކުން މަނާކޮށްލެވޭނެ ކަމެއް ނުކޮށް

ޢިޒުރޭލު ޕާސްޕޯޓް މަނާނުކޮށް މުއިއްޒު ގާޒާއޭ ނުކިޔާ!

އިޒްރޭލަށް ފިޔަވަޅު އަޅާ ވާހަކަ ރާއްޖޭން ވެސް ދައްކަނީ ނަމެއްގައެވެ. ކުރެވެން ހުރިކަން ކަން ނުކޮށް އަމިއްލައަށް ނުކުރެވޭނެ ކަންކަމުގެ ވާހަކަ އެހެންނޫނީ ނުދައްކާނެއެވެ. އަމިއްލައަށް ކުރެވެން ހުރި ކަންކަން ކޮށްފައި އެހެން މީހުން ކުރަންޖެހޭ ކަންކަމުގެ ވާހަކަ ދައްކަމުން ދުވާށެވެ.

އިޒްރޭލު ޕާސްޕޯޓް މަނާކުރުން އެއީ ރައީސް ނެރެލާ އެންމެ ގަރާރަކުން ވެސް ކޮށްލެވެން އޮތް ކަމެކެވެ. ގާނޫނީ ހުރަސްތަކެއް އެބަހުއްޓޭ ކިޔައިގެން ދިގު ނުދަންމާ މިހާރުން މިހާރަށްވެސް ކޮށްލެވެން އޮތް ކަމެކެވެ. އެމެރިކާ ދެކެ ގަންނަ ބިރަކުން ނުކޮށް ދިގުދަންމަމުން މާ އިސްލާމު ދީނަށް ނަސްރުދޭ ކަމަށް ދެއްކޭކަށް އުޅޭނެ ކަމެއް ނެތެވެ.

ރާއްޖޭގައި ކުރާ އިޒްރޭލުގެ މަސްލަހަތު ހުރި ވިޔަފާރިތައް ހުއްޓުވަކީ ވެސް ސަރުކާރުން ކުރާނެ ކަމެއް ނޫނެވެ. އިޒްރޭލަށް ނަފާވާ ގޮތަށް ރާއްޖޭގައި ހިންގާ ވިޔަފާރިތަކާ ދެކޮޅަށް ތެދުވާ މީހުންނަކީ ހައްދު ފަހަނަ އެޅި މީހުންނަށް ހަދާ އެ މީހުންނާ ދެކޮޅަށް ފުލުހުން ނެރެގެން ތަޅާ ރޯނާ ގަންނަވާލަނީ ފަލަސްތީނު މީހުންދެކެ ކިހާ ލޯތްބެއް ވާތީހެއްޔެވެ. 

ހަރު އަޑުން ކުށްވެރިކޮށްކޮށް ތިއްބާ ފަލަސްތީނުގެ ނަސްލު ނައްތާލާ އެތިބަ ނިންމަނީއެވެ. ބުނާ މޮޅު ބަހަކުން ކަމެއް ހުއްޓުވޭނަމަ ގާޒާ އެހާލަކު ނުއޮތީހެމެ. ގާޒާގައި އދ މިހާރު ވެފައިވަނީ ވިހާމަރުވާ ބަލަހައްޓާ ބަޔަކަށެވެ. ލިބޭ ގެއްލުންތަކުގެ ތަފްސީލްތައް ހާމަކޮށްދޭ އިދާރާއަށެވެ.

ގަޒާގައި އދގެ އޭޖެންސީތަކުން ހިންގާ ހުރިހާ ސްކޫލަކަށް ބޮންއަޅައި ސުންނާފަތި ކޮށްލައިފިއެވެ. އދގެ އޭޖެންސީތަކުގެ އޮފީސްތައް ގޮއްވާލައި، އދގެ ޓީމުތައް ގާޒާގެ އުތުރާއި މެދުތެރެއިން ފައްސާލައިފިއެވެ.

އދއަށް މަސައްކަތް ކޮށްދޭން އުޅުނު ފަލަސްތީނަށް ނިސްބަތްވާ 190 އަށްވުރެ ގިނަ ސްޓާފުން ޝަހީދުކޮށްލައިފިއެވެ. އެތައް ދުވަހެއްގެ އިންޒާރަށް ފަހު، ގާޒާއިން ބޭރުގައި ގުދުސްގައި ހުންނަ އދގެ އޮފީހަށް ހަމަލާދީ ބޮޑެތި ގެއްލުންތައްދީ، މަސައްކަތް ހުއްޓުވައިފިއެވެ. އެހެނެއް ކަމަކު އދ އަށް ވާކަމެއް ނެތެވެ.

މިލިއަނަކަށްވުރެ ގިނަ މީހުން ހިމާޔަތް ހޯދައިގެންތިބި ރަފަޙަށް އިންސާނީ އެހީ އެތެރެ ކުރަމުންދިޔަ ހަމައެކަނި މަގުކަމުގައިވާ ރަފަޙް ދޮރާށި، ހިސާރުކޮށް ބަންދުކޮށް ރަފަޙަށް އެއްވެސް އެހީއެއް އެތެރެވުން ހުއްޓުވައިފިއެވެ. މިލިޔަނަކަށްވުރެ ގިނަ އާންމުން ބަނޑަށް މަރަމުން ދާތާ 12 ދުވަސް ވަނީއެވެ.

އދ އާއި މުސްލިމު ގައުމުތަކާއި ރާއްޖޭން ތިބީ ހަރުކަށި އިބާރާތުން ކުށްވެރި ކޮށް ހަރު އަޑުން ކުށްވެރި ކޮށްލަކޮށްލައެވެ. ކުރާކަމެއް ކުރެވޭ ކަމެއް ހަރާމުން ހަރާމެވެ.