ވާލާއި ކާޅާއި މީދަލާއި މަދިރިއާއި އެކުގައި މަރިޔަނބު އުޅުއްވާ!

ރާއްޖޭގެ ދަނޑުވެރިންނަށް އަބަދުވެސް އޮންނަ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ކާޅާއި ވާލުގެ އުނދަގުލެވެ. ވާލާއި ކާޅާއި އެކީގައި އުޅެއުޅެ ދިވެހިން ތިބީ ހަފުސްވެފައެވެ. ވާލާއި ކާޅު މެރުން ނޫން އެހެން ގޮތެއް ދިވެހިންނަކަށް ނެތެވެ. ކުރީ ސަރުކާރުތަކުން ރަށްރަށުގައި ވާލާއި ކާޅު މެރުމުގެ ޕަރޮގްރާމްތައް ދޭތެރެ ދޭތެރެއިން ހިންގީ ވާލާއި ކާޅަކީ މަދުކުރަންޖެހޭ އެއްޗަކަށް ވާތީޢެވެ.
ވާލާއިކާޅު މަދުކުރަން ޖެހެނީ ކީއްވެކަން ރާއްޖޭގެ ޖަނަވާރު މިނިސްޓަރަށް ނޭނގުމަކީ ވާލާއި ކާޅާއެކީގައި އުޅެންޖެހޭ ސަބަބެއް ނޫނެވެ. ގުދުރަތީ ވެށީގައި ވަކި ވަރަކަށްވުރެ ވަކި ބާވަތެއް ގިނަ ވެއްޖެނަމަ އެކަމުގެ ސަބަބުން އެހެން ބޮޑެތި ނުރައްކާތައް ފެށޭކަން މަރިޔަނބަށް ނޭނގެނީތާއެވެ. މަރިޔަނބަށް ނޭނގެންޏާ ދަސްކުރާށެވެ. ހަނދާން ނެތިއްޔާ ހަނދާން ކޮށްލާށެވެ. މިހާވަރުން މަރިޔަނބަށް ނޭނގެންޏާ ކަތިވަޅި ގެއްލި ކޮށިދަނޑު ގެއްލި މަރިޔަނބުވެސް އޮންނާނީ ގެއްލިފައެވެ.
ތުޔަބުނާ ގޮތަކަށް އުޅުނީމާ ގަސްގަހުގައި ހުންނަ ބަނބުކޭލާއި ފަޅޮލުން ބޭނުމެއް ކޮށްލަން ލިބޭނީ ވާލާއި ކާޅު ކައިފާ ބާކީ ހުންނަ އެއްޗެކެވެ. ވާލާކާޅުގެ ތުނބުން ސަލާމަތްކޮށްގެން ފޭރެއް ދޮންކުރެވޭނީ ނާށިލައިގެންނެވެ. ޖަނބުރޯލު މުސޫމުގައި މުޅިގަހުގައި ދައުއަޅައިގެންނާއި ރޭނިދި ނުނިދާ ހޭލާތިބެ ދަޅުފަތި ރަނގަބީލުޖަހައި ގަހުކުރިއަށް ދަނޑިދައިތަ ނުނަގާ ޖަނބުރޯލެއވަރުވެސް ކާލަން ނުލިބެއެވެ. އަނބާއި އަންނާރާއި ކުންނާރާއި އަތަވެސް ހަމަ އެފަދައެވެ. ކުރުކޮށް ބުނަންޏާ ބުނެވޭނީ ބިމުން މައްޗަށް ހެދޭ ގަހެއްގައި އަޅާ އެއްވެސް ބާވަތެއްގެ މޭވާއެއް ތަރުކާރިޢެއް ވާލާއި ކާޅުގެ ކިބައިން ސަލާމަތެއް ނުވެއެވެ.
ވާލާއި ކާޅުގެ ޒަރިއްޔާއިން އިންސާނުންނަށް ބޮޑެތި ބަލިތައްޖެހި ބޮޑެތި ރޯގާތައް އާއްމުވެފައި ވާކަން ހަނދާން ނެތިއްޔާ މަރިޔަނބު ޑިމެންޝިއާއަށް ޓެސްޓް ހަދާލަން އެބަޖެހެއެވެ. ރާއްޖޭގައި އުޅޭ ވާލާއި ކާޅު ގުނުމުގެ ނަމުގައި ދައުލަތުން ފައިސާތަކެއް ހަރަދު ކުރަން ކޮންމެހެން ރާވާނެކަމެއް ނެތެވެ. ކާޅުމަރާ ބަޑި ދީފައި ސިފައިން ނެރެ ވާލާއި ކާޅު މަރާ މަދުކުރަން ދައުލަތުން އެ ފަައިސާ ހޭދަކޮށް ބަލާށެވެ. އޭރުން ގަސްގަހުގައި ބަނބުކޭލާއި ފަޅޮލާއި ފޭރާ އެނޫންވެސް މޭވާއާއި ތަރުކާރީގެ ބާވަތްތައް ހަރުވެ ފުދުންތެރިވެ މީހުންގެ ސިއްހަތު ރަނގަޅުވާނެއެވެ.
ޖަނަވާރު މިނިސްޓަރު ކަމުގައި މަރިޔަނބު ހުރީތީ މީދަލާއި މަދިރިއާއި ސެއްޅިއާއި ކުރަތްޕާއި ކާޅާއި ވާލާއެކު ދިވެހިން ގެންގުލުވަން އުޅޭނެކަމެއް ނެތެވެ. މިހާވަރުން ދަންޏާ ވާލާއި ކާޅާއި މީދަލާއި މަދިރިއާއި ކުރަފި ގުނާ ހިސާބުކޮށް އޮޅުހިޔާ ވެސް މަރިޔަނބު ހަދާނެއެވެ.