ބޮޗޭއަށް: ބާރުއޮތަތީ ގާނޫނު ހަދައިގެން މީހުންގެ މުދަލެއް ނުފޭރެވޭނެ.
މަރުކަޒީ ބޭންކުގެ އިތުބާރު ގެއްލުމުން ހަދާ ގާނޫނަކުން ޑޮލަރެއް ނުހިފެހެއްޓޭނެ
ރިސޯޓުތަކުން ހޯދާ ފައިސާއަކީ ކާކުގެ ފައިސާއެއްކަން ބޮޗޭއަށް މިހާރު އޮޅުނަސް ރިސޯޓު އޯނަރުންނަށާއި ރިސޯޓު މުއައްޒަފުންނަކަށް އެކަމެއް ނޯޅެއެވެ. ސަރުކާރާ ދެކޮޅަށް ރިސޯޓު މުއައްޒަފުން ނެރެން މާލަސްވެއްޖެއެވެ.
ރިސޯޓު އޯނަރުން އެ މީހުންގެ މުވައްޒަފުން އައްޑަނައަކަށް ނުހަދައެވެ. ހަދާކަށް ނުވެސް ޖެހެއެވެ. ރިސޯޓު މުވައްޒަފުން އެ ތެދުވަނީ ލޮލުން ބޮލުން އެދިގެން އެމީހުންގެ އަމިއްލަ ހައްގުތައް ހިމާޔަތްކުރުމަށްޓަކައެވެ. ގާނޫނު ހަދައިގެން މީހުންގެ ހައްގުތަކަށް އަރައިގަންނަން ސަރުކާރާއި މަޖިލީހަކަށް ހައްގެއް ނުއޮންނާނެއެވެ. ޑޮލަރާއި ގުޅުވާ ހަދައިގެން ތަންފީޒުކުރަން ތިޔައުޅޭ ގާނޫނަކީ ނިޒާމީ ގޮތެއްގައި ލޫޓުވުމުގެ ގާނޫނެކެވެ. ގައިރު ގާނޫނީ ގާނޫނެކެވެ.
އާނއެކެވެ. ދުނިޔޭގެ ކޮންމެ ގައުމެއްގައި ވެސް ވިޔަފާރިތައް ހިންގަންޖެހެނީ އެ ގައުމެއްގެ މާލީ ގާނޫނުތަކުގެ ތެރެއިންނެވެ. އެއްޔަކީ ކުޅިކުޅިވަރަށް ބޮޑުގެރި ބޭރަށް ހިންގާހެން ޖަޒްބާތުގައި ކުއްލިކުއްލިއަށް ބަދަލުގެނަން އެއްޗެއްވެސް ނޫނެވެ. ދުނިޔޭގައި މީހުން ކަންކަން ކޮށް އުޅޭގޮތަކީ ގައުމީ ބޮޑެތި މައްސަލަތަކުގައި އިލްމީފެންވަރެއްގައި ބޮޑެތި މަޝްވަރާތައްކޮށް ގުޅުންހުރި ހުރިހާ ދާއިރާއެއްގެ ރުހުމާއެކު ކޮންމެހެން ގެންނަންޖެހޭ ބަދަލެއް ގެނައުމެވެ. އެނޫން ގޮތަކަށް އަމަލުކުރުން އެއީ އަނިޔާވެރިވުމެވެ. އެއްޔަ ކީ ދުނިޔޭގައި ކަންހިނގާއާންމު އުސޫލެއްވެސް ނޫނެވެ.
ބޮޗޭ މަނިއްގަޑާ ގަމާރުވިޔަސް ތިޔަ ވަރަށް ގަމާރުވާކަށް ނުވާނެއެވެ. ކޮންމެ ރިސޯޓަކީވެސް ސަރުކާރާއި ރިސޯޓުގެ ވެރިފަރާތް ނުވަތަ ހިންގާ ފަރާތާއި ދެމެދު ގާނޫނާ އެއްގޮތަށް ވެވިފައިވާ އެއްބަސްވުމެއްގެ ދަށުން ހިންގަމުންދާ ތަންތަނެވެ. ކަނޑައެޅިފައިވާ ކުއްޔަކާއި ޓެކްސްއަކާއި ފީއެއް ދައްކަމުން ހިންގާތަންތަނެވެ. އެ ތަންތަން ބޭނުންކޮށްގެން ހޯދާ އާމްދަނީއަކީ ސަރުކާރުގެ އެއްޗެއް ނޫނެވެ. ރައްޔިތުންގެ އެއްޗެއްވެސް ނޫނެވެ.
މީހަކަށް ކުއްޔަށްދޭ އިމާރާތެއް ބޭނުންކޮށްގެން ކިތަންމެ ފައިސާއެއް ކުއްޔަށް ހިފިފަރާތުން ހޯދިޔަސް އެ ފައިސާއަކީ އިމާރާތުގެ ވެރި ފަރާތުގެ އެއްޗަކަށް ނުވޭ ނޫންހެއްޔެވެ. އިމާރާތުގެ ވެރިފަރާތަށް ލިބޭނީ އެއްބަސްވެފައިވާ ކުއްޔާއި އެނޫން ގޮތަކުންވެސް ދޭން ކަނޑައެޅިފައި އޮންނަ އެއްޗެކެވެ. މަގޭ މިލްކު ބޭނުންކޮށްގެން ހޯދާ ފައިސާގެ ވެރިއަކީ ތިމަންނައޭ ކިޔައިގެން އިމާރާތުގެ ވެރިފަރާތަކުން ނޫޅޭ ނޫން ހެއްޔެވެ. ރިސޯޓުތައް ކަމަށްވިޔަސް އެއުސޫލުން ބޭރެއް ނުވާނެއެވެ.
ރިސޯޓުތަކުގެ އާމްދަނީން ރައްޔިތުންނަށް ނުވަތަ ސަރުކާރަށް ލިބޭނީ އެއްބަސްވެފައިވާގޮތަށް ދައްކަންޖެހޭ އެންމެހާ ފައިސާއެވެ. އެނޫން ހުރިހާ އެއްޗަކީ ރިސޯޓްތަކުގެ އޯނަރުންގެ އަމިއްލަ މިލްކެވެ. އެ ފައިސާއިން ހޭދަކުރާނެ ކަމަކާއި ބަހައްޓާނެތަނަކާ އެނގޭނީ އެ މާލުގެ ވެރިފަރާތް ރިސޯޓް އޯނަރަށެވެ. ހިތުހުރިހާ ގޮތްގޮތަށް ގާނޫނު ހަދައިގެން ބާރު އޮތަތީ މީހުންގެ މުދަލެއް ގާނޫނަކުންވެސް ނުފޭރެވޭނެއެވެ.
މުއިއްޒާ ޕީއެންސީއަށް ވެރިކަން ކުރަން ނޭނގިގެން ގައުމުގައި ޑޮލަރު ނުހިފެހެއްޓުމުގެ ޒިންމާ ބައެއްގެ ބޮލުގައި އަޅުވާ ލޫޓުވަން ގާނޫނުތައް ނުހަދާށެވެ. ރާއްޖޭގައި ޓޫރިޒަމަށް އިންވެސްޓްކޮށްގެން ތިބި ދުނިޔޭގެ ބޮޑެތި ހޮޓެލް ޗޭނުތައް ރާއްޖެ ދޫކޮށް ހިނގައިދާނެއެވެ. ރާއްޖޭގައި ޓޫރިޒަމަށް އިންވެސްޓްކޮށްގެން ތިބީ ކޮލި ފެމެލީ އާއި ޗަންޕާ ފެމެލީ އާއި ބުރުމާ ކަހަލަ ދިވެހިން އެކަންޏެއް ނޫނެވެ.
ގަދަކަމުން ޑޮލަރު މާރު ނުކުރުވިޔަސް ރިސޯޓް މުއައްޒަފުންނަށް ޑޮލަރުން މުސާރަ ދިނަސް ރާއްޖޭގެ މާލީ ނިޒާމަށް އިތުބާރު އޮންނަ ނަމަ ރާއްޖޭގެ ބޭންކުތަކުގައި ބޭރު ފައިސާ ( ޑޮލަރ) ހުރީހީ ފުނިޖެހިފައެވެ. ސިޔާސީ ނުފޫޒުގައި ޖެހި ވެރިންގެ ބަންގާޅުފޮއްޓަށް އެމްއެމްއޭވެ ރާއްޖޭގެ މަރުކަޒީ ބޭންކުގެ އިތުބާރު ގެއްލުމުން ހަދާ ގާނޫނަކުން ޑޮލަރެއް ނުހިފެހެއްޓޭނެއެވެ.


