ފާޑުކިޔުން ތަކަށްވުރެ މުހިއްމީ ވައުދު ފުއްދުން: ރައީސް

މުރައިދޫ ފެނަކައިގެ އާ އޮފީހާއި ފުޓްބޯޅަ ދަނޑު ވެސް ހުޅުވައި ދެއްވި

ފާޑުކިޔުން ތަކަށްވުރެ މުހިއްމީ ވައުދު ފުއްދުން: ރައީސް

ފާޑުކިޔުންތަކަށްވުރެ ސަރުކާރަށް އެންމެ މުހިއްމީ ވައުދު ފުއްދުމެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވަނީ ފާޑުކިޔުންތައް ހައްދުން ނައްޓައިގެން ގޮސްފައި ވިޔަސް އެކަންކަމާ އަޅާލެއްވުމަށްވުރެ ރައްޔިތުންނަށް ވީ ވައުދުތައް ފުއްދުން މާ މުހިއްމު ކަމަށެވެ.

"އަޅުގަނޑު އުފަލާ އެކު ދަންނަވާނީ އަޅުގަނޑުމެން ވީ ވައުދުތަކުގެ 90 ޕަސެންޓް އިރާދަކުރެއްވިއްޔާ މިހާރު މި ނިމެނީއޭ،" ރައީސް ސޯލިހު ވިދާޅުވިއެވެ. ދެން ވެސް ވައުދެއް ވެއްޖިއްޔާ އިރާދަކުރެއްވިއްޔާ ފަސް އަހަރު ދުވަހުގެ ތެރޭގައި އެކަން ވެސް ކޮށްދީ ނިންމާނެކަމަށް ވިދާޅުވިއެވެ. ރައީސް ބެއްލެވީ ސިޔާސީ ހަލަބޮލިކަން އެކަހެރިކޮށް ވައުދުތައް ފުއްދުމުގައި ދެމިތިއްބަވަން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް މި މޭރުމުން ވާހަކަފުޅު ދެއްކެވީ ރިޔާސީ ކެންޕެއިންގައި މުރައިދުއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތުގައެވެ. އެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަނީ ފެނަކައިގެ އާ އޮފީހާއި ފުޓްބޯޅަ ދަނޑު ވެސް ހުޅުވައި ދެއްވާފައެވެ.

މުރައިދޫ ރައްޔިތުންނާ މުހާތަބުކޮށް ރައީސް ވިދާޅުވީ މިދިޔަ އަހަރުތަކުގައި މުރައިދުއާ މެދު އޮތީ އިހުމާލުވެފައި ކަމަށެވެ. ޕީޕީއެމްގެ ސަރުކާރުގައި މުރައިދޫގައި ހިންގީ އެންމެ ތިން މަޝްރޫއު ކަމަށާއި އޭގެ ތެރެއިން ބައެއް މަޝްރޫއުތައް ފަސް އަހަރު ވީއިރުވެސް ނުނިންމާ ކަން ރައީސް ހަނދާންކޮށް ދެއްވިއެވެ. އެކަމަކު މި ސަރުކާރުން މުރައިދޫގައި ހަތް މަޝްރޫއެއް ނިންމާފައިވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ވިއްސާރަ ވީމާ މުރައިދޫގެ މަގުތަކުގައި ޗަކަ ހެދި ފެންބޮޑުވާ މައްސަލަ ހައްލުކޮށް ދިނުމުގެ ގޮތުން ރަނގަޅު ފެން ހިންދާ ނިޒާމަކާ އެކު މަގުތައް ރަނގަޅުކޮށް ދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. މުރައިދޫ ގިރާ ސަރަހައްދު ހިމާޔަތްކޮށް އަންހެނުން ކުޅޭނެ ވޮލީ ކޯޓެއް ހަދައިދޭނެ ކަމަށް ވެސް ރައީސް މިއަދު ވިދާޅުވިއެވެ.

ބައެއް ކަންތައްތައް ހުރި ނަމަވެސް ރާއްޖޭގެ ރައީސަކު ހޮވުމުގައި ވިސްނަން ވާނީ ގައުމަށް އެންމެ ފައިދާ ހުރި ގޮތަށްކަމަށާއި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަށްކަމަށް ރައީސް ރައްޔިތުންނަށް ވިސްނަވާ ދެއްވިއެވެ.  އެހެންވީމާ ރައްޔިތުން އެކަން ދެނެގަނެ، ފުރަތަމަ ފަހަރަށް މުރައިދޫގެ ނަތީޖާ އެނބުރިގެންދާ އަހަރަށް މި އަހަރު ވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.