ސަރުކާރަށް މެޖޯރިޓީ ދިނުމުން ރަނގަޅު ނުވާކަމަށް މުއިއްޒު އެއްބަސްވެއްޖެ.

ޕީއެންސީއަށް މަޖިލީހުގެ މެޖޯރިޓީ ލިބެން މުއިއްޒު ތާއީދު ނުކުރައްވާ!!؟

ސަރުކާރަށް މެޖޯރިޓީ ދިނުމުން ރަނގަޅު ނުވާކަމަށް މުއިއްޒު އެއްބަސްވެއްޖެ.

ސަރުކާރަށް މެޖޯރިޓީ ދިނުމުން ކަންކަން ރަނގަޅު ނުވާ ކަމަށް ރައީސް މުއިއްޒު ވެސް އެއްބަސްވެވަޑައި ގަނެއެވެ. ރައްޔިތުން އެމްޑީޕީއަށް މެޖޯރިޓީ ދިނަސް އެމްޑީޕީ ސަރުކާރާ ދެކޮޅަށް އެމްޑީޕީގެ މެޖޯރިޓީން މުއިއްޒު މާލޭ މޭޔަރަކަށް ހޮވުމަށް އެއްބާރުލުން ދީފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެހެން ކަމުން ސަރުކާރު ހިންގާ ޕާޓީއަށް މެޖޯރިޓީ ދިނުމަކީ މަޖިލީހުން ސަރުކާރަށް އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން އޮތް ކަމެއް ނޫން ކަމަށް މުއިއްޒު ދެކިވަޑައިގަނެއެވެ. ސާފުކޮށް މުއިއްޒު އެ ވިދާޅުވަނީ މަޖިލީހުގެ މެޖޯރިޓީ ސަރުކާރު ހިންގާ ޕާޓީއަށް ބޭނުން ނުވާކަމަށެވެ. 

ޕީއެންސީގެ ޓިކެޓް ލިބުނު އެތައް ބަޔަކަށް ރައީސް މުއިއްޒު ތާއީދު ނުކުރައްވާ، ވަކިވަކި ކެންޑިޑޭޓުންނަށް މުއިއްޒު ތާއީދު ކުރައްވަނީ ސަބަބެއް ނެތިއެއް ނޫނެވެ. ޕީއެންސީއަށް މަޖިލީހުގެ މެޖޯރިޓީ ލިބެން މުއިއްޒު ތާއީދު ނުކުރައްވާތީއެވެ.

ހާއްސަކޮށް ޕީއެންސީގެ މާލިމީ އަދުރޭއަކީ މުއިއްޒު އެއްވެސް ވަރަކަށް އިތުބާރު ކުރައްވާ ބޭފުޅެއް ނޫންކަމަށް އިތުބާރު ހުރި މަސްދަރު ތަކުން މައުލޫމާތު ލިބެއެވެ. އަދުރޭއަށް މުއިއްޒު އިތުބާރު ކުރައްވަން ޖެހިވަޑައިގަންނަވާ އެއްވެސް ސަބަބެއް ނެތްކަމަށް ރައީސް މުއިއްޒުގެ އަރިސް ބޭފުޅަކު ވިދާޅުވިއެވެ. ރައީސް ޔާމީނަށް ދޯކާދިން މީހަކު ރައީސް މުއިއްޒަށް ދޯކާ ނުދޭނެ ކަމަކަށް މުއިއްޒު ގަބޫލުފުޅު ނުކުރައްވާ ކަމަށްވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަދުރޭ މަޖިލީހަށް ހޮވިވަޑައިގެންފިނަމަ އަދުރޭގެ ބާރު އެކީ އެކައްޗަކަށް ސަރުކާރުގެ ތެރެއިން ފުހެލައްވާނެ ކަމަށްވެއެވެ. އޭރުން އަދުރޭ ހުންނަވާނީ މަޖިލީހުގެ އެހެން އާދައިގެ މެންބަރެއް ފަދައިންނެވެ. އަދުރޭއަކީ މަޖިލީހުގެ ރައީސްކަން ކުރެއްވޭވަރުގެ ބޭފުޅެއް ކަމަކށްވެސް މުއިއްޒު ގަބޫލުނުކުރައްވާ ކަމަށް ވެއެވެ. 

މަޖިލީހުގެ މެޖޯރިޓީ ޕީއެންސީއަށް ލިބުނަސް މަޖިލީހުގެ ރައީސްކަމަށް އަދުރޭ އިސްވިޔަ ނުދެއްވާނެ ކަމަށާއި ރައީސް މުއިއްޒު ބޭނުންފުޅު ވަނީ އެ މަނިކުފާނުންގެ ދެބެންގެ ދެދަރި ބޭބޭފުޅު އަހުމަދު ނާޒިމް (ނަމިރާ ނާޒިމް) މަޖިލީހުގެ ރައީސް ކަމަށް އިސްކުރުވަން ކަމަށް އަރިސް ބޭފުޅަކު މައުލޫމާތު ދެއްވިއެވެ. ނާޒިމަކީ ރައީސް މުއިއްޒާ އެއްލޭހިނގާ ވަފާތެރި ސިޔާސީ މުދައްބިރެކެވެ. މަޖިލީހުގެ ނައިބު ރައިސްކަން ކުރައްވާފައިވާ ތަޖުރިބަކާރު ޕާލަމެންޓޭރިއަނެކެވެ. ނާޒިމް މަޖިލީހުގެ ރައީސްކަމަށް އިސްކުރުވުމަށްވުރެ ރައީސް މުއިއްޒަށް މޮޅުއެހެން ގޮތެއް ނުއޮންނާނެ ކަމަށްވެއެވެ.  

އެންޓި-ޑިފެކްޝަން ގާނޫނު އޮތަސް ނެތަސް ސަރުކާރުން ބޭނުންވާ ކަންކަމަށް ވޯޓު ހޯދުމަށް ވަކިޕާޓީއެއްގައި މެންބަރުން ތިބުން މުހިންމު ނޫންކަމަށް މުއިއްޒު ގަބޫލު ކުރައްވައެވެ. ޕާޓީ ބަދަލު ނުކޮށްވެސް ކަމެއް ފާސްކުރަން ސަރުކާރަށް ބޭނުންވާ ވޯޓު ހޯދަން ކުރައްވަން ޖެހޭ ކަމެއް ކުރައްވައިގެން ސަރުކާރުން ބޭނުންވާ ގޮތަށް ކަންކަން ފާސްކުރުވުމަކީ ރައީސް މުއިއްޒުގެ ވިސްނުންފުޅު ހުރިގޮތެވެ. ކޮންމެ ކާއްޓެއް އުފުލާލެވޭނެ ނަރެއް އެކާއްޓެއްގައި އިންނާނެކަން މުއިއްޒު ދެނެވަޑައިގަނެއެވެ.