އެލީޓް ވިސްނުމަށް ރައީސް ޖާގަ ނުދެއްވާނެ: ހިސާން

ހުންނެވީ ރައްޔިތުންގެ އުންމީދުތަކުގައި ކުލަ ޖައްސައިދޭނެ ފަޅީގައި

އެލީޓް ވިސްނުމަށް ރައީސް ޖާގަ ނުދެއްވާނެ: ހިސާން

ރައްޔިތުންގެ އުންމީދުތަކުގައި ރައީސް ސޯލިހު ކުލަޖައްސަވައި ދެއްވައިފި ކަމަށް ތުޅާދޫ ދާއިރާގެ މެންބަރ ހިސާން ހުސައިން ވިދާޅުވެއްޖެއެވެ. އަދި އެކަމަނާ ހުންނެވީ ރައްޔިތުންގެ އުންމީދުތަކުގައި ކުލަ ޖައްސައިދޭނެ ފަޅީގައި ކަމަށް ހިސާން ވިދާޅުވިއެވެ. ހިސާން މިހެން ވިދާޅުވީ މ. ދިއްގަރުގައި ބޭއްވި ރައީސް ޞާލިޙްގެ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ސޯލިހު ކަމެއް ކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފިނަމަ އެކަމެއް ކޮށްދެެއްވާނެ ކަން އެ މަނިކުފާނުގެ އަމަލާފުޅާއި ބަސްފުޅުން މިދިޔަ ފަސް އަހަރު ސާބިތު ކޮށްދެއްވާފައިވާކަމަށް ހިސާން ވިދާޅުވިއެވެ.

މިދިޔަ ފަސް އަހަރުގެ ތެރޭގައި ބޮޑެތި މަޝްރޫއުތައް ވެރިކަން ކުރާ ރަށައް ހާއްސަ ނުކޮށް މުޅި ރާއްޖެއަށް ތަރައްގީ ބަހާލުމުގެ ބިންގާ ރައީސް އަޅުއްވައިދެއްވާފައިވާ ކަމަށާއި އެ މަސައްކަތްތަކުގެ އަމަލީ މަސައްކަތް ނިމުމަކާއި ގާތްވެފައިވާ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

ރަށުގެ އާބާދީ ކުޑަވުމަކީ އެރަށަށް ލިބެންޖެހޭ ހިދުމަތްތަކުން ބާކީ ނުކުރަށްވާނެ ކަން ރައީސް އަމަލުން ސާބިތު ކޮށްދެއްވާފައިވާ ކަމެއް ކަމަށް ހިސާން ވިދާޅުވިއެވެ.

އިދިކޮޅުންނާއި އެތެރޭގައި ތިބެ އިދިކޮޅުގެ ދައުރު އަދާކުރަމުން ގެންދިޔަ ހުރިހާ އެންމެންގެ ވިސްނުމާއި ބަހާއި ދެކޮޅު ހެދުންތަކާއިއެކު ވެސް ރާއްޖޭގެ ކުދި އާބާދީ ތަކަށް ތަރައްގީގެ އަސަރު ފޯރުކޮށްދެވިއްޖެކަމަށާއި ކުޑަރަށެއްގައި ބަނދަރު ހެދުމާއި ކުޑަ ރަށެއްގައި ތާރުއެޅުމަކީ ބޭކާރު ކަމެއް ކަމަށް ބުނާ ވިސްނުން ބޮލާލައި ޖައްސަވައިފިކަމަށް ވިދާޅުވަމުން ހިސާން ވިދާޅުވީ އެ "އެލީޓް" ވިސްނުމަށް ޖާގަ ނުދެއްވާނެކަން ރައީސް ސާބިތު ކޮށްދެއްވައިފި ކަމަށެވެ.