އެއްލައްކަ ބަންގާޅީން ހަމަވާކަމަކަށް އިހުސާނަކަށް ނުވާނެ!
ވެރިކަން ހިސޯރުކުރީ އިންސާނީ ވަގުފާރި ކުރަން
އިންޑިއާ ސިފައިން ރާއްޖޭގައި ތިބިވަރު ނޭނގުނަސް ރާއްޖޭގައި އުޅޭ ބަންގާޅީންގެ އަދަދު މުއިއްޒު ސަރުކާރަށް ހޯދާލާކަށް މާ އުދަގުލެއް ނުވިއެވެ. ހިނި ދަރުގަނޑަކުން ހިނި އުތުރި އަރާހެން މުޅި ރާއްޖޭގައި ބަންގާޅުން އުތުރި އެރިޔަސް ފަރުވާލެއް ނެތްތާއެވެ. ލައްކައެއްވެސް ހަމަވީއެއް ނޫނެވެ. ނޫނޭވާ އިހުސާނު މޮޅެވެ.
ގަބޫލު ކުރަމެވެ. އެއް ގައުމަކުން އަން-ސްކިލްޑް ލޭބަރުންގެ ގޮތުގައި ރާއްޖެއަށް އެތެރެ ކުރެވޭނީ އެއްލައްކަ މީހުންނެވެ. ރާއްޖޭގައި މި ވަގުތު ތިބީ 90،624 ބަންގްލަދޭޝް މީހުން ކަމަށް ރާއްޖޭގެ ބޯޑަރ ކޮންޓްރޯލް ސިސްޓަމުން ދައްކަފާނެއެވެ. އާނއެކެވެ. 90،624 އަކީ އެއްލަކައެއް ނޫނެވެ. އެއްލައްކަ ހަމަވާން 9376 މަދެވެ. ކޮންމެ ހެނެއްވެސް އެއްލައްކަ ވާނީ ހަމަކުރާށެވެ. ރާއްޖޭގެ ހޯމް ލޭންޑް ސެކިއުރިޓީ ކަށަވަރު ކޮށްދެވޭނީ އޭރުންނެވެ.
އަންތަރީހެއް ނުވާނެހެއްޔެވެ. ބަންގާޅީންގެ މައްސަލައަކީ ރާއްޖޭގައި ހަމަލަމަ ގެއްލިފައި އޮތް ގައުމީ މައްސަލައެއްކަން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރަކަށް ނޭނގެއެވެ. ރައީސް މުއިއްޒުގެ ވެރިކަމަށް ތިންހަތް ދުވަސް ވީއިރުވެސް ރަސްމީ ހިސާބު ތަކުން 136000 އަށް ވުރެ ގިނަ ބަންގާޅީން މަސައްކަތު މީހުންގެ ގޮތުގައި ތިބި ކަމަށް ރަސްމީ ހިސާބު ތަކުން ދައްކައެވެ. މީގެ 4 އަހަރު ކުރިއްސުރެ ބަންގާޅީ މަސައްކަތު މީހުން ރާއްޖެ އެތެރެކުރުމަށް ހުއްދަ ދިނުން ވަނީ ހުއްޓާލާފައެވެ. ބަންގްލާދޭޝް މަސައްކަތު މީހުން ރާއްޖެ އެތެރެކުރުމަށް ހުއްދަ ދިނުން ކުރީގެ ސަރުކާރުން ހުއްޓާލީ އެކަން އެހެން ނުކޮށް ވާން ނެތިގެންނެވެ. ގައުމީ ސަލާމަތަށްޓަކައެވެ.
ރާއްޖޭގެ ބޯޑަރ ކޮންޓްރޯލް އޮޓޮމެޓިކް ސިސްޓަމް ޒަމާނީ ފެންވަރަށް ގާއިމު ކުރެވުނީ ދާދި ފަހުންނެވެ. އޭގެ މާކުރިއްސުރެ ވެސް ބަންގާޅީ މަސައްކަތު މީހުން ފަސޭހަ ކަމާއެކު ރާއްޖެ އެތެރެވެ ބޭރުވެ އުޅެމުން ދިޔައެވެ. އެހެން ކަމުން އެ ހުރިހާ ރެކޯޑް ރަނުން ރަނަށް މިހާރު ފެންނަން ނެތިދާނެއެވެ. އެހެނެކޭ ކިޔާފައި ރާއްޖޭގެ ވިޔަފާރިވެރިންގެ ބޮލުގައި އަޅުވާފައި ބަންގާޅިން އެތެރެ ކުރަން އަލުން ހުއްދަ ދޭކަށް ނުޖެހެއެވެ. ހުއްދަ އޮތްތާކުން މީހުން ގެނެސްގެން ވިޔާފާރިވެރިން އެމީހުންގެ މަސައްކަތްތައް ކުރަމުން ދާނެއެވެ.
ވެގެން އުޅެނީ އެހެނަކުން ނޫނެވެ. އިންސާނީ ވަގުފާރިއަކީ ފިސާރި ފައިދާ ބޮޑު ނުލާހިކު ލުއިކޮށް އަމިއްލަ ޖީބަށް ފައިސާ އަޅާލެވޭ ކަމެކެވެ. އިންސާނީ ވަގުފާރިއަށްޓަކާ ބަންގާޅު މީހުން އެތެރެ ކުރަން ހުޅުވާލުމުގެ ބޭނުމުގައި ގާނޫނީ އަދަދު ހަމަނުވާ ކަމަށް ބުނެ ވަގުފާރިއަށް ބަންދުކޮށްފައި ހުރި ދޮރުގެ ތަންޑު ނައްޓާލީއެވެ. އިންސާނީ ވަގުފާރި ހިންގުމުގެ ރެކޯޑް އޮތް މީސް މީހުންގެ އަތްމައްޗަށް ލޭބަރުން އެތެރެކުރުމުގެ ހުއްދައާއި ކޯޓާދިނުން އެރީމާ ފިސާރި ކުޅިކުޅެލާނެއެވެ. ބާރުފޯރާ ހަމަޔަށް އާދެވުނީމާ ޑާޓާ ބޭސް ބަދަލުކޮށްގެން ވެސް އުސޫލުގެ ތެރެއިން ވަގުފާރި ހިންގާލާނެއެވެ.
ވަކިކަމެއް ހަލާލު ކުރުމަށް ޑާޓާ ބޭހަށް ބަދަލު ގެނައުމަކީ މިސަރުކާރަށް މިވީ މަހެއްހާ ދުވަހުގެ ތެރޭގައި އާއްމު ކަމެއްކަން އެނގެއެވެ. އެއް ގައުމަކުން އެންމެ ގިނަ މީހުން އެތެރެކުރެވޭނެ ކަމަށް ގާނޫނުގައި އޮތް އަދަދު ހަމަނުވާކަން ދެއްކުމަށްޓަކާ ބޯޑާރ ކޮންޓްރޯލް ޑާޓާބޭހަށް މި ސަރުކާރުން ބަދަލު ނުގެންނާނެ ކަމުގެ އެއްވެސް ޔަގީން ކަމެއްނެތެވެ. އެކޮނޮމިކް މިނިސްޓްރީގައި އޮތް ލޭބަރުންގެ ޑާޓާތައް ޑިލީޓްކުރި ބަޔަކު ބޯޑަރ ކޮންޓްރޯލްގެ ޑާޓާތައް ބަދަލުކޮށް ބޭނުންވާ ގޮތަށް ބަދަލު ނުކުރާނެ ކަމަށް ގަބޫލެއް ނުކުރެވެއެވެ.
މޭންޑޭޓް ބަދަލުވުމަކީ ކުރީގެ ނިންމުންތަކާއި އުސޫލުތަކާ ރެކޯޑްތައް ފުހެލަން ޖެހޭ ސަބަބެއް ނޫނެވެ. ކަންކުރަމުން އައި ގޮތް ބަދަލުވިޔަސް ކުރީން ކޮށްފައިވާ ކަންކަން ކޮށްފައިވާގޮތް ރެކޯޑްތަކުން ފެންނަން ހުންނަން ޖެހެއެވެ. އެއްޔަކީ ވުޖޫދުން ފުހެވިގެން ދާންޖެހޭ ކަންކަމެއް ނޫނެވެ.
ދެލޯ ސަލާމަތުން ހުރި ވަޒީރެއް ނަމަ ރާއްޖޭގައި އޮތް ބޮޑު މުސީބާތަކަށް ބަންގާޅީން ވެފައިވާކަން އެނގޭނެއެވެ. ގަވައިދުގެ ތެރެއިންނާ ގައިވައިދާ ހިލާފަށް ރާއްޖޭގެ އަބާދީގެ ބޮޑެތި މީހުންގެ އާބާދީގެ ދެބައިކުޅަ އެއްބައިހާ ބަންގާޅިން އުޅޭކަން އެނގޭނެއެވެ. އުސޫލުގައި އޮތް އެންމެ ހަނިމަގު ހޯދައިގެންވެސް ބަންގާޅީން އެތެރެކުރަން އުޅޭނީ ގައިމު ކަމެއްވީމައެވެ. އިންސާނީ ވަގުފާރި ކުރަން ވެރިކަން ހިސޯރުކުރި ބައެއްވިއްޔާ އުސޫލުގެ ތެރެއިން ބަންގާޅީން އެތެރެކުރެވޭނެ ގޮތްވެސް ހަދާނެއެވެ. ހޯމް ލޭންޑް ސެކިއުރިޓީ ކަށަވަރު ކުރެވޭނީ އޭރުންތާއެވެ. އެއް ގައުމަކުން އެތެރެ ކުރެވޭނެކަމަށް ގާނޫނުގައި އެބުނާ އެއްލައްކަ ދުވަހަކުވެސް އިހުސާނަކަށް ހަމައެއް ނުވާނެއެވެ.