އެމްޑީޕީ ގިއަރަށް ލުމުން އިދިކޮޅު ސިިހިއްޖެ
އެމްޑީޕީއަށް ފުރަތަމަ ރައުންޑް ވެގެން ދިޔައީ ލިބުނު ވޭކަޕް ކޯލަކަށް
ދެވަނަ ބުރުގެ ރީ- ރެޖިސްޓްރޭޝަން 2 ދުވަސް ތެރޭ 25 ހާހަށްވުރެ މަތިވުމުން ޑރ މުއިއްޒު ކުރެއްވި ޓްވީޓަކުން އިދިކޮޅު ސިހިއްޖެކަން ހާމަވެއްޖެއެވެ.
ތާރީޚުގައި ރެކޯރޑް އަދަދަކަށް ވޯޓްލާން މީހުން ނުނުކުންނަ ފުރަތަމަ ރައުންޑްގެ ވޯޓުން މުއިއްޒަށް ކުރި ލިބިފައި ވަނިކޮށް ދެވަނަ ބުރުގެ ރީ-ރެޖިސްޓްރޭޝަންގެ މަސައްކަތް 24 ގަޑިއިރު އެމްޑީޕީން ކުރިއެވެ. އެމްޑީޕީގެ އެތެރޭގެ ގުޑުން ތަކުގެ ސަބަބުން ފަހަށް ޖެހި މޯޅިވެފައި ތިބި އެ ޕާރޓީގެ މެމްބަރުންނަށް ފުރަތަމަ ރައުންޑް ވެގެން ދިޔައީ ލިބުނު ވޭކަޕް ކޯލަކަށެވެ. އެއާ އެކު އެކި ދުވަސްވަރު އެމްޑީޕީގައި ހަރަކާތްތެރިވި ގިނަ ބަޔަކު ނުކުމެ އިންތިޚާބް ކާމިޔާބް ކުރުމުގެ މަސައްކަތް މިހާރު ގިއަރަށް ލާފައި ވަނީ އެ ޕާޓީގެ ކުރީގެ ސްޓައިލަށެވެ.
މުއިއްޒު 7 އަހަރު ވަޒީރުކަން ކުރެއްވި ސަރުކާރު ތަކުގެ އަނިޔާ ވަނީ އެ ފަރާތްތަކުން ތަހަންމަލު ކޮށްފައެވެ. އެހެން ކަމާއެކު 5 އަހަރު ހަމަޖެހިގެން ތިބުމަށްފަހު ކުރީގެ އަނިޔާވެރިކަން އަނބުރާ އިއާދަވުމުގެ ބިރަށް އެމްޑީޕީ މީހުން މިހާރު އެދަނީ ނުކުންނަމުންނެވެ.
ރައީސް ނަޝީދަށް ތާއީދު ކުރާ ގިނަ މީހުން ދެކޭ ގޮތުގައި އަނިޔާވެރިކަން އެނބުރި އަތުވެއްޖެނަމަ ދެންވެސް އެންމެ އަވަހަށް ޖަލަށްލާނީ ރައީސް ނަޝީދެވެ. އަބްދުއްލާ ގާޒީގެ މައްސަލާގައި ރައީސް ނަޝީދު ހައްޔަރު ކުރުމުގެ ފުރުސަތު އޮތްކަމަށް އިދިކޮޅުން ދެކެއެވެ. އެހެން ކަމުން އަނިޔާވެރި ކަމަށް ޖާގަ ނުދިނުމަށް ރައީސް ޞޯލިޙަށް ވޯޓު ދިނުމުގެ އޮއިވަރެއް މުޅިރާއްޖޭގައި ހިނގައިގެންފިއެވެ.
ކޮރަޕްޝަންގެ ތުހުމަތަކީ ހުރިހާ ސަރުކާރު ތަކަށް ވެސް އަމާޒުވާ ތުހުމަތެކެވެ. އެހެންނަމަވެސް ސަރުކާރުން އަނިޔާވެރިކަން ޢާންމުކޮށް، ގަނޑުކޮށް މީހުން ޖަލަށްލުމާ ގޭންގް މާރާމާރީއާ ޑްރަގާ ދީނީ ހައްދުފަހަނަ އެޅުމުގެ ތުހުމަތު ބޮޑުވުމަކީ މިއިންތިޚާބްގައި ޑރ މުއިއްޒަށް ވޯޓު ދިނުމަށް މީހުން ފަސްޖެހޭ ވަރަށް ބޮޑު ސަބަބެކެވެ.
އެމްޑީޕީ މީހުން ދެކޭ ގޮތުގައި ޑރ މުއިއްޒަކީ ހިޔަންޏެކެވެ. އަސްލަކީ ޔާމީނެވެ.