ޒަކާތުފައިސާއިން މަނީލޯންޑް ކުރަން ލައިސަންސް ހޯދަނީ؟

ރާއްޖޭގައި ޒަމާނުއްސުރެ މިސްކިތްތަކުގައި ފަސްވަގުތު ބަންގިގޮވާ ނަމާދު ގާއިމުކުރަނީ ވަލޮއީ ގާނޫނަކުން ލާޒިމުކޮށްގެނެއް ނޫނެވެ. ރޯދަމަހު ރޯދަ ހިފަނީ ގާނޫނަކުން މަޖުބޫރުކޮށްގެނެއް ނޫނެވެ. ހައްޖަށްދާ ބަޔަކު ހައްޖައް ދަނީވެސް ގާނޫނަކަށް ތަބާވުމުގެ ގޮތަކުންނޫނެވެ. ފިތުރު ޒަކަތާއި މުދަލު ޒަކާތް ނެރެނީވެސް ގާނޫނަކުން ނެރެން ޖައްސައިގެނެއް ނޫނެވެ. 900 އަހަރަށްވުރެ ގިނަ ދުވަހު ރާއްޖޭގައި އިސްލާމް ދީނުގެ ފަރުލުތަކާއި ވާޖިބުތައް މީހުން އަދާކުރަމުންއައީ ވަލުއީ ގާނޫނުނަކަށް ބޯލެނބުމުގެ ގޮތަކުން ނޫނެވެ.
ކުއްލިއަކަށް ޒަކާތު ގާނުނެއް ވުޖޫދުކޮށްގެން ޒަކާތް ނެރުވާ ޒަކާތާކުޅެން މުއިއްޒު ސަރުކާރުން މިއުޅެނީ ވަރަށްވެސް ނުބައި ނިޔަތެއްގައެވެ. ކިތަންމެ މަތިއޮމާންކޮށްގެން ވާހަކަ ދެއްކިޔަސް ވުޖޫދު ކުރަން އުޅޭ ޒަކާތު ގާނޫނަކީ ބޮޑުވެގެންވާ ޖަރީމާއެކެވެ.
ޒަކާތު ހައުސްއާއި ޒަކާތު ކައުންސިލާއި ޒަކާތު ފަންޑްގެ ފަހަތުގައި އޮތީ ހިޔާނަތާއި ފަސާދައާއި އިސްރާފެވެ. ދީނީ ވާޖިބު އަދާކުރުމުގެ ނަންބޯޑު އަޅުވައިގެން ރައްޔިތުންގެ ޖީބުކެނޑުމާއި ހިޔާނާތްތެރިވުމާއި އިސްރާފުކުރުމެވެ.
ޒަކާތު ފައިސާއިން ޒަކާތު ހައުސް ހިންގުމުގެ ނަމުގައި އެތައް ބައެއްގެ ޖީބުތަކަށް ޒަކާތު ފައިސާ އަޅާ ފުރާލުމެވެ. ޒަކާތު ފައިސާއިން ހަރަދުކޮށްގެން ޒަކާތު ކައުނަސިލްގެ މެންބަރުންނާއި މުއައްޒަފުނަށް ބޮޑެތި ހޭދަތައް ކުރުމެވެ. ދައުލަތުން އެތައް ބަޔަކަށް މުސާރއާއި އިނާޔަތް ދޭނެ އޮނިގަނޑެއް ހަދާ ސަހީމުގެ ސިޔާސީ ބާރުވެރިކަން އިތުރުކޮށް ބޮޑިކުރުމަށް ދައުލަތުން މަހު މުސާރަ އިތުރު ބަޔަކަށް ދިނުމެވެ.
ޒަކާތުގެ ގޮތުގައި އެތައް މިލިޔަން ރުފިޔާއެއް ދަމައިގަނެ ޒަކާތް ހައްގުވާ މީހުނަށް ނުދީ ޒަކާތު ފަންޑު ހަދައިގެން ވިޔަފާރިކޮށް ޝަހީމާ ޝަހީމުގެ އައުވާނުންގެ ޖީބުތައް ފުރާލުމަކީ އެއްބޭނުމެވެ. މުއިއްޒުގެ ވެރިކަން ނަގަހައްޓަން މަނީ ލޯންޑް ކުރާ މެޝިނަކަށް ޒަކާތުފަންޑާއި ޒަކާތު ހައުސް ހެދުމުގެ ލައިސަންސަށް ނޫނީ ޒަކާތު ގާނޫނެއް ނުވާނެއެވެ.
މިހާވަރުން ދަންޏާ ނަމާދުކުރާ މީހުންނާއި ރޯދަ ހިފާ މީހުންގެ އަތުންވެސް ފީއެއް ނެގުމަކަށް މިސަރުކާރުން ފަހަކަށް ނުދާނެއެވެ.