އަމިއްލަފުޅު އެކައުންޓަކަށް ކުންފުންޏަކުން ފައިސާ ޖަމައެއްނުވާނެ: ރައީސް

މުއިއްޒުގެ އަމިއްލަފުޅު އެކައުންޓަށް ކޮރަޕްޝަންގެ ގިނަ ފައިސާ ޖަމާވުމުގެ ތުހުމަތު

އަމިއްލަފުޅު އެކައުންޓަކަށް ކުންފުންޏަކުން ފައިސާ ޖަމައެއްނުވާނެ: ރައީސް

ރައީސް ސޯލިހުގެ އަމިއްލަފުޅު އެއްވެސް އެކައުންޓަކަށް އެއްވެސް ކުންފުންޏަކުން ފައިސާ ޖަމާކޮށްފައި ނުވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވެއްޖެއެވެ. ރައީސް ސޯލިހު މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުއިއްޒު ވަޒީރު ކަމުގައި ހުންނެވި ދުވަސްވަރު މުއިއްޒުގެ އަމިއްލަ ފުޅު އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ދައުލަތުގެ މަސައްކަތްތައް ކުރަމުން ދިޔަ އެތައް ކުންފުންޏަކުން ޖަމާކުރި ކަމަށް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ. 

ހައުސިން މިނިސްޓަރު ކަމުގައި ފެބްރުއަރީ 2012 އިން ނޮވެމްބަރު 2018 އަށް ހުންނެވި، ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވިއިރު، ރާއްޖޭގައި އެކި މަޝްރޫއުތައް ހިންގި ބައެއް ކުންފުނިތަކުން ގިނަ އަދަދެއްގެ ފައިސާ އޭނާގެ އެކައުންޓަށް ޖަމާވެފައިވާ ކަމަށް އޮންލައިން ނޫހަކުން ވަރަށް ތަފްސީލީ ގޮތެއްގައި ވަނީ ރިޕޯޓްކޮށްފައެވެ. ކުރީގެ ރައީސް ޔާމީނުގެ އަމިއްލަފުޅު އެކައުންޓްތަކަށް ވެރިކަމުގައި ހުންނެވިއިރު ކޮރަޕްޝަންގެ ފައިސާ މިލިޔަން މިލިޔަނުން ވައްދާފައިވާކަންވެސް ވަނީ ޝަރީއަތަށް ސާބިތުވެފައެވެ. 

ރައީސް ސޯލިހު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް އެމަނިކުފާނުގެ އެކައުންޓަށް ކޮރަޕްޝަނަށް ތުހުމަތުވާނެ އެއްވެސް ފައިސާއެއް ނުވައްދަވާނެކަމަށެވެ. އެފަދަ ކަމެއް އެއްގޮތަކަށްވެސް ނުހިނގާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވިއެވެ.

ހދ. ނޮޅިވަރަންފަރުގައި ބޭއްވި ޖަލްސާގައި ރައީސް އެވަހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވަނީ މިއީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގި ދައުރެއް ކަމަށާއި ނަމަވެސް އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަށް އެއްވެސް ފައިސާއެއް ޖަމާކޮށްފައި ނުވާނެ ކަމަށެވެ. "މި ދައުރަކީ ހަމަ ގައިމު ވެސް ރާއްޖޭގެ ތާރީހުގައި އެއް ދައުރަކަށް އެންމެ ގިނަ ތަރައްގީގެ މަޝްރޫއުތައް ހިންގުނު ދައުރު. ހުރިހާ ރަށަކަށް ބެލި ނަމަވެސް އެކަން ފެންނާނެ. އެހެން ނަމަވެސް, ހަމަ ގައިމު ވެސް އަޅުގަނޑުގެ އެކައުންޓަކަށް އެއްވެސް ފައިސާއެއް ވަދެފައި ނޯންނާނެ," ރައީސް ވިދާޅުވިއެވެ. "ކުރިޔަކު ވެސް ނުވަދޭ. މިހާރަކު ވެސް ނުވަންނާނެ. ދެނެއް ވެސް އަޅުގަނޑުގެ އެކައުންޓަކަށް އެއްވެެސް ކުންފުންޏަކުން ފައިސާއެއް ޖަމާނުކުރާނެ," ރައީސް އިތުރަށް ވިދާޅުވިއެވެ.

މި ސަރުކާރުން އެތައް ހާސް ޕްރޮޖެކްޓެއް ފަށައި ނިންމަމުން ދަނީ ހާމަކަން ބޮޑުކޮށް ކަމަށާއި ކުރީގެ ސަރުކާރުން ރާއްޖޭގައި ކަންކަން ނުކުރެވި ލަސްވެގެން ދިޔަ ސަބަބަކީ ފަށާ ކޮންމެ ޕްރޮޖެކްޓަކުން ވެރިންނަށް ބައި އަޅަން ޖެހުމުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.