ޒިންމާ ނުއުފުލަންޏާ ނަޝީދު އިސްތިއުފާ ދެއްވާ: އަސްލަމް
ސްޕްރީމް ކޯޓަށްވެސް ދާން ޖެހިއްޔެއްޔާ ދާނެ
ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަސްއޫލިއްޔަތު އަދާ ނުކުރެވެންޏާ ރައީސް ކަމުގެ މަގާމުން ރައީސް ނަޝީދު އިސްތިއުފާ ދެއްވުމަށް އެމްޑީޕީ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރ މުހައްމަދު އަސްލަމް މިއަދު ގޮވާ ލައްވައިފިއެވެ. އަސްލަމް އެހެން ވިދާޅުވީ ދާދި ދެންމެއަކު ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމެއްގައެވެ.
މެންބަރ އަސްލަމް ވިދާޅުވީ ރައީސް ނަޝީދު މަޖިލިސް ރައީސްކަމުގައި ހުންނެވުމަށް އަސްލަމް އެދިވަޑައިގަންނަވާ ކަމަށެވެ. އެހެން ނަމަވެސް އެއީ މަޖިލީހުގެ ރައީސް ކަމުގެ ޒިންމާތައް އުފުއްލަވާ ނަމަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެމްޑީޕީ ޕީޖީ ލީޑަރ ވިދާޅުވި ގޮތުގައި ރައީސް ނަޝީދުގެ އިތުބާރު އެމްޑީޕީ ޕީޖީ ގްރޫޕަށް މިހާރު ވަނީ ގެއްލިފައެވެ.
އަސްލަމް ވިދަޅުވި ގޮތުގައި މަޖިލީހުގެ ރައީސާއި ނައިބު ރައީސް ގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދީ އެއްފަހަރާ ނޫންކަމަށާއި އެއްފަހަރާ އެއްދުވަހު ވެއްދި ނަމަވެސް ވަކި ދެ ޖަލްސާގެ ގޮތުގައި ދެޖަލްސާ ބާއްވައިގެން ވެސް މަޖިލިސް ހުއްޓާ ނުލާ ކުރިއަށް ގެންދިޔުމުގެ ފުރުސަތު އޮތްކަމަށް އޭނާ ވިދާޅުވިއެވެ.
މަޖިލިސް ހުއްޓުވައިގެން އުޅުއްވަނީ ރައީސް ނަޝީދުކަމަށް ތަކުރާރުކޮށް އޭނާ ވިދާޅުވިއެވެ. ކޮމެޓީތަކުގެ މައްސަލަ އެޖެންޑާ ނުކުރެއްވުމާއި ގަވާއިދު އިސްލާހުކުރުމުގެ މައްސަލައާއި އެނޫންވެސް އެތައް ކަމެއް އަސްލަމް ފާހަގަ ކުރެއްވިއެވެ.
ރިޔާސަތު ބަލަހައްޓާން ކަނޑައަޅާފައި ތިއްބަވާ މެންބަރުންނަށް ވިދިވިދިގެން 3 ޖަލްސާއަށް ފަހު އެމެންބަރުން ލައްވާ މަޖިލިސް ހިންގިދާނެ ގޮތެއްގެ މިސާލު ވެސް އަސްލަމް ދެއްވިއެވެ. ރައީސް ޖަލްސާއެއް ފައްޓަވާ ދެއްވުމަށް ފަހު އެއިން މެންބަރަކާ ޖަލްސާގެ ރިޔާސަތު ހަވާލު ކުރުމަކީ ވެސް ކުރެއްވޭނެ ގޮތެއް ކަމަށް އަސްލަމް ވިދާޅުވިއެވެ.
އަސްލަމު ވިދާޅުވި ގޮތުގައި މަޖިލިސް ކުރިއަށް ގެންދިޔުމަށް ހައްލެއް ނުހޯއްދަވައިފި ނަމަ ސްޕްރީމް ކޯޓަށް ވެސް ވަޑައިގަންނަވާނެއެވެ.