ނަމުން ކާނަލް ކެނޑި ބާގީ ބޯދަށުލީ ފިސްތޯލަ
ކޯޓު އަމުރުން މޭފުރާ ހޯދި މެޑެލިން ރުހުމެއް ނުހޯދުނު
ސައިޒަށްވުރެ ބޮޑެތި ބޫޓަށް އަރައިގެން އުޅެންޏާ ލައްކަ ކެހި ލިބޭނެއެވެ. ހޫރާލާ ފައިން ނެއްޓިގެން ދާ ބޫޓު އަމިއްލަ ބޮލުގައި އައިސް ޖެހޭ ފަހަރުވެސް އަންނާނެއެވެ. އަޅާކޮންމެ ފިޔަވަޅަކަށް ފުންނާބުން ބަޑިވެސް ޖަހާނެއެވެ. އަތްގުޅި ނުކާވަރު ކަންކަމަށް މެހިގަނެގެން ނެތްމޮޅު ހޯދަން އުޅެންޏާ ކޮންމެ މީހަކަސް ލިބޭނީ ލަނޑެވެ.
ކަމަކާ އުޅެގަތުމުގެ ކުރިން ރަށެއްގެ ގޮނޑު ދޮށުގައި ހިނގާލާފައި ވެސް ނެތީތާއެވެ. ގޮނޑުދޮށުގައި ހިނގާލެވިފައި ހުރިނަމަ ވަރުވަރުން ކޮނެފާ ހުރި ކަކުނި ހޮރުތައް ފެނުނީހެވެ. ކޮންމެ ކަކުންޏެއް ވެސް ހޮރު ކޮނެފައި ހުންނާނީ އެ ކަކުންޏެއްގެ ވަރުންނެވެ.
ސިފައިންގެ ޔުނީފޯމު އަޅައިގެން ގުންފައި ޖަހާފައި ދުންފިނި ހަރުގެ ރޫޅާލަން އިސްވެ އުޅުނު މީހަކު ދުށީމެވެ. ދެވަނަ ބާރަ ތޭރައިގެ ދުވަހުގެ ރޭގައެވެ. ފުރަ މެންދަމުއެވެ. ފިސާރި ސަމަންތަރު ހުރި އަސްކަރީ ފަހުލަވާނެކެވެ. އެ މީހެއްގެ ކަންތައް ކިހާވަރަކުން ދާނެ ބާއޭ އޭރުވެސް ހިތަށް އެރިއެވެ.
އެތާކު އެވީކަމެއްވެ ނިމުނުތާ ދުވަސް ގަނޑެއް ފަހުން އިވުނީ ސިފައިގެއިން ކަނޑާލައިގެން ކޯޓަށް ދިޔަ ވާހަކައެވެ. ކޯޓު އަމުރަކުން ގެއްލުނު ދުނިޔެ ހޯދައިގެން ވަނތް ގޮތަށް ވަދެ މޭފުރާ އިތުރު މެޑެލި ޖަހައިގެން މުސްކުޅިވެގަތެވެ. ރިޓަޔަރޑް ކާނަލަކަށް ވެގެންނެވެ.
ކަމަކު ދާކަށް ނެތެވެ. ގިނަ ދުވަހެއް ނުވެ ބަގާވާތަކުން ވެރިކަމެއް ވައްޓާލަން ވަދެހުރީ ސިފައިންގެ ތެރޭގައެވެ. ވައްޓާލަން އުޅުނު ވެރިކަން ވެއްޓި ނަމުގެ ކުރީގައި އޮތް ކާނަލް ކެނޑި ނަމުގެ ކުރިއަށް ބާގީ ލަގަބު ލިބިއްޖެއެވެ. އެއްކޮޅު މީހުންނާ، ދެކޮޅު މީހުން ވެސް ބާގީއެއް ކަމަށް ދެކި ނިމިއްޖެއެވެ. ވައްޓާލި ވެރިކަމަށް ފަހު އުފެދުނު ބަގަވީ ސަރުކާރުގެ ދިފާއީ ވަޒީރުކަން ގަޔަށް ހެޔޮވަރުވިއެވެ.
އޭގެ ފަހުން އުފެދުނީ ބަގާވާތުގެ ރޫހީ ލީޑަރަށް ކޯޓުން ވެރިކަން ހޯދާދިން ސަރުކާރެވެ. އެ ސަރުކާރުގެ ދިފާއީ ވަޒީރުކަމަށް ވެސް އެންމެ ފައްކާވީ ބަގަވީ ސަރުކާރުގެ ވެސް ދިފާއީ ވަޒީރެވެ. ދެނަކާ ދެނެއް ނެތެވެ. އުތުރު ކަރައިގެ އުގަށް ގައުމުގެ ދިފާއީ ކަންކަން ވައްޓާލިއެވެ. ދުނިޔޭގެ މާފިޔާ ގޭންގް އާތަރ ބްރަދަރސްގެ ދެބެންގެ މިތުރަށްވެ މުޅި ގައުމާއި ސަރަހައްދުގައި ދަނޑިމަތި އަނބުރަން ފެށިއެވެ. ދެންމެ ދެންމެ ވެރިކަން ފިރުކައިގެންފާނެކަން ކަށަވަރު ވުމުން ފިސްތޯލަ މަޅީގައި ޖަލުގެ ތޭރިތަކުގެ ފަހަތުގައި ގައިދުކޮށްލިއެވެ.
ހިހޫތަނުން ކާން ލިބުނު ބޮނޑިބަތެއްގައި ޖަލުން ނިކުމެވުނެވެ. އެވަރުންވެސް ބާގީ ގާޒީއަކަށް ނުވެވުނެވެ. ދެން ދިމާކުރީ ބޮޑު ސާދާގަރުގެ މުއްޕަތުން ރައްޔިތުންގެ ބޮޑުހަރުގެއަށް ވަންނާށެވެ. ކުރު މަގަކުން ފަސޭހަ ކަމާއެކު އެކަން ވުމުން ކާން ދިން އަތުގައި ދަތްއަޅާ އަމިއްލަ ނަމުގައި ހިޒުބެއް ހަދައިގެން ބޮންތީގައި ހިފަން ފުންމައިގަތެވެ. ރުއްބުޑަށް ގުޅައަކަށް ޖެހެން ވީލަހަކީ ފުންމައިގަންނަން ވީލަހެކެވެ.
ޖެހުނު ތަދުގެ ވޭން ހުއްޓާ ބޮޑުފަޅިއަށް އަރާ ލަވަކިޔާ ބުންޒީލަ ހަމަ ކޮށްލިއެވެ. ބޮޑުފަޅި ބޮންތީގައި ހިފުމާއެކު ބޯކިބައިން ބޮޑު ފޮއްޗެއް އަރުތެރެއަށް ދުއްވާލަން އެހުރީ އެއް ރޮއްޖަށް ފޫގަޅައިގެންނެވެ. އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވެވޭހާ ހަކަތަނެތަސް ހިހޫތަނުން ކާންވެގެން އެއޮތި އަނގަ މަޅައިގެނެވެ. ކުރީފަހަރު ބޯދަށުލީ ފިސްތޯލައަކާ ހަމައިން ނިމިއްޖެއެވެ. މިފަހަރު ކިހާވަރަކުން ދާނެ ބާވައެވެ.