ސްވިޑަންގައި ކީރިތި ޤުރުއާން ރޯކޮށްލި މައްސަލަ ރާއްޖެއިން ކުށްވެރިކޮށްފި!

ސްވިޑަންގައި ކީރިތި ޤުރުއާން ރޯކޮށްލި މައްސަލަ ރާއްޖެއިން ކުށްވެރިކޮށްފި!

އަޟްޙާ ޢީދު ދުވަހާ ގުޅުވައިގެން ސަލްވާން މޮމިކާ ނަމަކަށް ކިޔާ މީހަކު ސްވިޑަންގައި ކީރިތި ޤުރުއާނަށް ފުރައްސާރަކުރި މައްސަލަ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

މީގެ އެތައް އަހަރެއް ކުރިން ސްވިޑަންއަށް ފިލައިގެން ދިޔަ އިރާގުގެ އުމުރުން 37 އަހަރުގެ ސަލްވާން މޮމިކާ ވަނީ ސްޓޮކްހޯމްގެ މަރުކަޒީ މިސްކިތުގެ ބޭރުގައި މިދިޔަ ބުދަ ދުވަހު އިސްލާމީ  އެންމެ މަތިވެރި ފޮތްކަމައްވާ ޤުރުއާންގެ ސަފުހާތައް އިރާލައި ރޯކޮށްލައިފައެވެ.

މި މީހާގެ މިއަމަލާއި ގުޅިގެން މިއަމަލު ކުށްވެރިކޮށް ދިވެހި ސަރުކާރުން މިވަނީ ބަޔާނެއް ނެރެފައެވެ. މިއަމަލު ކުށްވެރިކޮށް ދިވެހި ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "މި ވަރަށް ނިކަމެތި އަދި އިހާނެތި އަމަލެއް ތަކުރާރުވުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެތައް މިލިއަން މުސްލިމުންގެ ދީނީ އިހުސާސްތަކަށް ގެއްލުންދޭ ކަމެއް ކަމަށާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ މައްޗަށް ބިނާކޮށް އެކަން އިންސާފުވެރި ނުކުރެވޭނެ" ކަމަށެވެ.

އިސްލާމް ދީނަށް ފުރައްސާރަކުރުމުގެ މި ބިރުވެރި ޢަމަލުތަކުގެ ސަބަބުން، ކެތްތެރިކަމާއި އެއްބައިވަންތަކަމުގެ އުޞޫލުތައް ދެމެހެއްޓުމަށް އެންމެން ގުޅިގެން ކުރާ މަސައްކަތަށް ބުރޫއަރާކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ. އަދި އިސްލާމްދީނާ ޚިލާފު މިފަދަ ހުތުރު އަމަލުތައް ހުއްޓާލުމަށް ދިވެހި ސަރުކާރުން ތަކުރާރުކޮށް ގޮވާލާފައިވެއެވެ.

ބުދަ ދުވަހު ގުރުއާން އަންދާލުން ހިނގާފައިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މުސްލިމުން އަޟްހާ އީދުގެ ފުރަތަމަ ދުވަސް ފާހަގަކުރަމުން ދަނިކޮށެވެ.