ރާއްޖޭގެ ދިފާއަށް ކުރާ ބޮޑު ހޭދައިގެ ހަގީގީ ބޭނުމެއް ނުފުދޭ
މާލޭ ފަރުގައި ތެޅެމުން ބުރިޖަށް ލައްގާ ފޫވެއްޓި ދެ ބޯޓު އަޑިޔަށް ދިޔައިރުވެސް ދެނަހުރި ދިފާއެއް ނެތް
ރާއްޖޭގެ ސަރަހައްދު ވަރަށް ރަނގަޅަށް ބަލަހައްޓާ ވާހަކަ ވަރަށް އަނގަ ފުޅާކޮށްފާ މި އަހަރަށް މަޖިލިސް ހުޅުވި ޖަލްސާގައި ރައީސް މުއިއްޒު ދެއްކިއެވެ. ސިޔާސީ ސަރަހައްދާއި އިގުތިސޯދީ ސަރަހައްދު ބެލެހެއްޓުމުގައި އިންޗިއެއްވެސް ފަހަށް ނުޖެހޭނެ ކަމަށް ބުންޏެވެ. ދުނިޔޭގެ ކަނޑުތަކުގެ އިމާބެހޭ ކޯޓްގެ ހުކުމްވެސް ގަބޫލުނުކޮށް ރާއްޖޭގެ ސަރަހައްދުކަމަށް ގަބޫލުކުރާ ކަނޑުގެ ސަރަހައްދުތައް ބަލަހައްޓަމުން ދާކަމަށް އެ ދުވަހު ބުންޏެވެ.
ތުރުކީންނާއި އޮސްޓްރޭލިޔާއިން އާމްދަނީއާއި ނުބައްދަލު ހަރަދު ބޮޑު ދެ މަނަވަރު ހޯދައިގެން އެންމެ ޒަމާނީ ހަތިޔާރު ގަނެގެން ސަރަހައްދު އެބަ ބަލަހައްޓައެވެ. ރައްޔިތުން ބަނޑަށް ޖެހުނަސް 3 ޑްރޯނު ގަނެގެން އެއަރފޯސް އުފައްދައިގެން އުޅޭއިރު ކިހާރަނގަޅަކަށް ސަރަހައްދު ބެލެހެއްޓޭނެތާއެވެ. ސަރަހައްދު ބެލެހެއްޓުމައިގެން އުޅޭ މީހުންގެ މޭމަތީގެ ކުލަބަރި ގައިމުވެސް ކުޑައެއް ނޫނެވެ.
އެކަމަކު ކުރާނެ ކަމެއްނެތްތާއެވެ. ބޮޑެތި އާގު ބޯޓު ފަހަރު ގަވައިދާ ހިލާފަށް ރާއްޖޭގެ ސަރަހައްދަށް ވަދެގެން އަންނަކަމެއް ނޭނގެއެވެ. މާލޭ ބަނޑު ދަށުގައި އެއް އެންކަރެއްގައި ދެ އާގުބޯޓް ތިން ހަތަރު މަހު އޮތަސް ފެންނަނީއެއް ނޫނެވެ. މާލޭ ފަރުގައި ތެޅެމުން ގޮސް ސިނަމާލެ ބުރިޖަށް ލައްގާ ފޫވެއްޓި ދެ ބޯޓު މާކަނޑަށް އަޑިޔަށް ދިޔައިރުވެސް ދެނަހުރި ދިފާއެއް ނެތެވެ.
މަތިހަށި ނަގާފައި އުޅޭއިރު ރައްކާތެރި ކަމުގެ ކުއްލި ފިޔަވަޅުތަކަށް އެހާމެ ބީރައްޓެއްސެވެ. ފެތުނު އޮޑިން މީހުން ސަލާމަތް ކުރެވުނު އިރު މީހުން ސަލާމަތްކުރަން ދިޔަ މީހުން ފެތުނުއޮޑި ދަށުވެ ވީމަރެވެ. ހޮހަޅުން ގަބުރު ހޯދަންދިޔަ މީހާގެވެސް ލިބުނީ ގަބުރެވެ. މޮޅު އާލާތާއި އެސްއޯޕީގެ ބޭނުމެއް ނުހިފުނެވެ.
ގައުމީ ބަޖެޓުން އެންމެ ބޮޑު އެއް ހޭދައެއް ކުރަނީ ދިފާއަށެވެ. އާއސަންދަ ކަވަރުނުކޮށްގެން އާއްމު ރައްޔިތުން ބޭސްފަރުވާ ނުކުރެވިގެން މަރަށްތެޅުނަސް ދިފާއީ ބާރުގެ އެންމެންގެ އަނބިދަރިންނާއި މައިންބަފައިންނަށް ބޭސްފަރުވާކުރުމަކަށް ހުރަހެއް ނޯވެއެވެ. މުޅި ދައުލަތުގެ ބަޖެޓު ދިފާއަށް އަރިކޮށްލާފައި އޮތަސް ކުރާ ހޭދަޔާ ލިބޭހިދުމަތާ ނުބައްދަލެވެ.
ރާއްޖޭގެ ދިފާއަށް ކުރާ ބޮޑު ހޭދައިގެ ހަގީގީ ބޭނުމެއް ނުފުދެއެވެ. އަލިފާނާއި ކާރިސާހާލަތް ތަކުގައި ނިކުންނާނެ ކުއްލި ރިއެކްޝަން ފޯހެއް ފިޔަވާ ބޮޑު ސިންގާ އަސްކަރިއްޔާއެއް އޮތުމުގެ ބޭނުމެއް ނެތޭ މީހުން ބުނަނީ ކުރާ ހޭދައާއި ނަތީޖާ ދިމާ ނުވާތީއެވެ. ގައުމީދުވަހާއި މިނިވަން ދުވަސް ފަދަ ދުވަސް ދުވަހު ޔުނީފޯމަށް ރުލެއްވެސް އަރުވާނުލާ ގޮތްގޮތަށް ފައިޖަހާ ކުރުނީސްކުރަން ބޮޑު މިލިޓަރީ ފޯހެއް އޮތުމުގެ ބޭނުމެއް ނެތެވެ. އަހަރުން އަހަރަށް ޕްރަމޯޝަންދީ މޭފުރެންދެން ކުލަބަރި އެރުވަން ނަމެއްގައި ބަޔަކު ތިބެންޖެހޭ ހެއްޔެވެ.


