އިޒްރޭލު ޕާސްޕޯޓް ބޭން ކުރުވީ އެމްޑިޕީން | ޕީއެންސިއެއް ނޫން
މަޖިލިހަށް އިސްލާހު ހުށަހެޅީ މީކާއީލް ނަސީމް| ޕީއެންސީއެއް ނޫން
ރައީސް މުއިއްޒު ސަރުކާރަކީ ހަގީގަތުގައިވެސް އިޒުރޭލާ ދެކޮޅު ސަރުކާރެއް ހެއްޔެވެ. އިޒްރޭލާ މާ ދެކޮޅު ސަރުކާރެއް ކަމަށް ދެއްކިގެން އުޅެނީ ރައްޔިތުންގެ ފިއްތުންތަކާ ހެދިގެން ނޫންހެއްޔެވެ.
ޔަގީނުންވެސް ފަލަސްތީނުގައި އިޒުރޭލުން ހިންގަމުންދިޔަ ނަސްލު ނައްތާލުމުގެ ގަތުލު އާއްމުގެ އެންމެ ހޫނު ދުވަސްވަރު މުއިއްޒު ސަރުކާރު އޮތީ އެކަމަށް ލޯމަރައިގެންނެވެ. އަޅާ ކަހާވެސް ނުލައެވެ.
އިޒުރޭލަށް ވާގިދޭ ވިޔާފާރިތައް ބަންދުކުރުމަށާއި އިޒްރޭލު މީހުން ރާއްޖެއަށް އައުން ހުއްޓުވުމަށް ރައްޔިތުންގެ ތެރޭގައި އެދުވަސްވަރު އަޑުއުފުލާ އެއްވުންތައް އެއްވެ ރޮއިއާދޭސްކުރަމުން ދިޔައިރު އެކަމަށް ސަރުކާރުން ދިނީ ބީރު ކަންފަތެވެ.
ސަރުކާރު އޮތީ އެމެރިކާއާއި އިޒުރޭލުގެ ބައިވެރިންގެ ފަޅީގައި ގަދަކޮށެވެ. މަތިއޮމާންކުރަން ގޮތްދެއްކިޔަސް މުދަލާއި ފައިސާއަށްޓަކާ ރައްޔިތުންގެ އަޑެއް ނޭހުނެވެ. ހުއްދަ ނަގައިގެން އދގެ އާއްމު ޖަލްސާގައި ގަދަބަސް ބުންޏަސް އެއީ ކުޅުނު ޑްރާމާއެއްކަން އެންމެނަށްވެސް އެނގެއެވެ. މުއިއްޒު ޖައްސާ ވައްވަކެއްގެ ކުޑަވެސް އަސަރެއް ދުނިޔެއަށް ނުކުރާނެކަން ނުދަންނަ ބަޔަކު ނެތެވެ.
ސަރުކާރުން އަޅާ ނުލައިގެން އެންމެފަހުން އިޒްރޭލް ޕާސްޕޯޓްގައި ރާއްޖެއަށް މީހުން އެތެރެވުން މަނާކުރާ އިސްލާހެއް އިމިގްރޭޝަން ގާނޫނަށް ހުށަހެޅީ އެމްޑީޕީންނެވެ. ގަލޮޅު ދެކުނު ދާއިރާގެ މެންބަރ އަހުމަދު މީކާއީލް ނަސީމް 29 މެއި2024 ގައެވެ.
މަޖިލިހަށް އެ ހައްސާސް ބިލް ބަލައިގަނެ ކޮމެޓިއަށް ފޮނުވީ 10 ޖޫން 2024 ގައެވެ. ރައީސް މުއިއްޒުގެ އެންގުމަށް މަޖިލިހުގެ ކޮމެޓިގައި ގޮތެއް ނުނިންމާ އެތައް ދުވަހަކު ބިލު ބޭއްވިކަމީ ރެކޯޑްތަކުން ވެސް ފެންނަން ހަގީގަތެކެވެ.
ރައްޔިތުންގެ ޕްރެޝަރ ބޮޑުވެ އެހެންގޮތެއް ނެތިގެން މަޖުބޫރުވެގެން 14 އެޕްރީލް 2025 ގައި އިޒްރޭލް ޕާސްޕޯޓް ބޭންކުރަން މަޖިލީހުން ފާސްކޮށް 15 އެޕްރީލް 2025 ގައި ތަސްދިގުކޮށް ގެޒެޓްކޮށް އަމަލުކުރަން ފެށީއެވެ.
ރެއަކާ ދުވާލެއް ނުވެ ގާނޫނު އަސާސީ އިސްލާހުކޮށް ގެޒެޓްކުރާ މުއިއްޒު ސަރުކާރަށް އިޒްރޭލް ޕާސްޕޯޓް ބޭންކުރަން ބަރާބަރު 10 މަހާ ބައި ނެގިއެވެ. އެކިފަހަރު އެކި ހަމަ އަޅުވައި ގެންނެވެ. ގާތްގަޑަކަށް އަހަރެއްހާ ދުވަސް އެކަން ދެންމުމުގައި ހޭދަކޮށްލުމުން މުއިއްޒުގެ ނިޔަތުގެ ނުބައިކަން ކިތަންމެހާވެސް ރަނގަޅަށް ސާފުވާނެއެވެ.
އެވަރުގެ މީހަކު ރަސްމާލޭގައި ޒަޔަނިސްޓުން ވަޒަންވެރި ކުރުވާކަށް ނޫޅެމޭ ބުންޏަސް ގަބޫލުކުރާނީ ކާކުހެއްޔެވެ. ފައިސާ ލިބެންޏާ މުއިއްޒު ކޮށްފާ ނުކުރާނެ ކަމެއް ނުއޮންނާނެއެވެ. ޒަޔަނިސްޓުންނަށް ރާއްޖެ ހުޅުވާނުލާ މުއިއްޒަށް ހަމަނިދި ނުނިދޭނެއެވެ.




