މަގާމަށް ލޮނުވެލިނުހިކި ރައްޔިތުންގެ ނިންމުމަށް ގޮންޖެހި އީސީ ރައީސް
އިންތިހާބުތައް އެއްކުރަން ވިސްނުމަށް ޕީއެންސީ އެކްޓިވިސްޓް އީސީ ޝަކީލް ގޮވާލުން
ބޮޑު މަންޒަރު އެހުރެ އަންނަނީ ތިލަވަމުން ސާފު ވަމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ބަހުސްގައި އެއޮތީ 2.0 ބިލެވެ. ރާއްޖޭގެ ކަންކަން ޑިޖިޓަލައިޒް ވުމުން ލާފުރާ ފުރިހަމަވީއެވެ. ޖަނާބު ބުނާހެން ކާނީވެސް ބޯނީވެސް ނިދާނީވެސް ޑިޖިޓަލް ކޮށެވެ. އޭރުން އޮންނާނީ ހަތަރެސްކަން ހަމަވެފައެވެ.
ރާއްޖޭގެ އަބާދީގެ ބޮޑު ބަޔަކަށް އަދިވެސް އެއުޅެނީ އަތުގައި އޮންނަ ސްމާޓް ފޯނު ބޭނުންކޮށްގެން އަމިއްލަ އެކައުންޓުން ޓްރާންސެކްޝަނެއް ހަދާލަން ނޭނގިގެނެވެ. ބަޔަކަށް ލައްކައެކޭ ހީވިޔަސް ރާއްޖެ އަދި އޮތިއްޔަކީ އެ ހިސާބަކު ނޫނެވެ. އެހެނެކޭ ކިޔާފައި ޑިޖިޓަލައިޒް ކުރެވޭތޯ އުޅުމަކީވެސް އެއްވެސް މައްސަލައެއް ނޫނެވެ.
މައްސަލައަކީ ޑިޖިޓަލައިޒޭޝަނަކީ ރައީސް މުއިއްޒަށް ދެވަނަ ދައުރެއް ކަށަވަރުކުރަން ކޮށާ މަގަކަށް ވުމެވެ. މުޅި ދައުލަތުގެ ނަޒާހަތްތެރިކަމާ ދޭތެރޭ މިހާބޮޑަށް ސުވާލު އުފެދުނު ޒަމާނެއް ރާއްޖެ ނުދެކެއެވެ. ކިތަންމެ ރަނގަޅަށް ކަމެއްކުރިޔަސް އިތުބާރު ނުކުރެވޭ ވަރަށް އިތުބާރު ގެއްލިފައިވާ ޒަމާނެއްގައި ޑިޖިޓަލައިޒޭޝަނެއް ކަމަކު އިތުބާރެއް ނުކުރެވެއެވެ. އިންސާނީ އަތްތަކާ ނުލާ އެކަންކަން ނުކުރެވޭތީއެވެ.
ރައީސް މުއިއްޒުގެ ސަރުކާރަކީ ނިޒާމުގެތެރެއިން ފާޅުގައި ވައްކަން ކުރާކަން ބޭޒާރުވެފައިވާ ސަރުކާރެކެވެ، އައިޑީ ކާޑުން ވައްކަންކޮށްގެން އެތައް ހާސް ބަޔަކު ޕާޓީއަށް ވައްދާ ޕާޓީ ބޮޑުކުރި ސަރުކާރެކެވެ. ހާމަކަން ބޮޑު އެ ބިޔަ ވައްކަން ބަލާ ފިޔަވަޅު ނޭޅުނު ސަރުކާރެވެ، ހިނގަހިނގާ ހުންނަ ކުންފުނިތައް ޝެއަރ ހޯލްޑަރުންނަށް ނޭނގި ހިއްސާދާރުން ބަދަލުކޮށްލާ ސްމާޓްވެރިން ހިމެނޭ ސަރުކާރަށް އިތުބާރު ކުރާނީ ކިހިނަކުން ހެއްޔެވެ.
އޭތި މީތި ކިޔައިގެން 2.0 ގާނޫނު ފާސްކޮށްގެން ކުރާން އުޅޭކަމަކީ ރިޔާސީ އިންތިހާބު ވަގަށް ނެގުން ކަމަށް ބުނެއުޅެއެވެ، އެ މަންޒަރު އަންނަނީ ތިލަވަމުންނެވެ. ސަރުކާރުގެ ކުންފުންޏެއްގައި ހުރި ރަތްލާޖެހި ޕީއެންސީ މެންބަރަކު އެކުންފުނީގެ އެމްޑީކަމުން ވަކިކޮށް ޕާޓިން ކަނޑާލުމަށް ފަހު އިލެކްޝަން ކަމިޝަންގެ މެންބަރަކަށް ހަޖައްސާ ނިންމާލީ އިއްތިފާގަކުން ނޫނެވެ.
ރަތްލާޖެހި ޕީއެންސީ މެންބަރަކަށް އިލެކްޝަން ކޮމިޝަންގެ ރައީސްކަން ދީގެން ޖަހަން އުޅޭ ސަކަރާތަކީ ކޮބައިކަން ނޭނގިގެން ބަޔަކު ނޫޅެއެވެ. މަގާމަށް އައްޔަނު ކުރުމާއެކު އިލެކްޝަންސް ކޮމިޝަނަރ ދެއްކި ވާހަކައިން ވެސް އީސީ (ޕީއެންސީ) ރައީސް ޝަކީލާ މުއިއްޒު ހަވާލު ކޮށްފައިވާ ޓާސްކަކީ ކޮބައިކަން ވަރަށް ސާފެވެ. އާއްމު އިންތިހާބުތަކުގައި ޑިޖިޓަލް ވޯޓަށް ދިޔުމުގެ ހުރަހެއް ނެތްކަން މަގާމަށް ލޮނުވެލި ނުހިކެނީސް ޝަކީލަށް އެނގިއްޖެއެވެ.
އަނެއްކޮޅުން އިންތިހާބުތައް އެއްކުރަން ރައްޔިތުން ނޫނެކޭ ބުނެފައިވަނިކޮށް އެކަމާ ދިމާ ދެކޮޅަށް އިސީގެ ރައީސް ވާހަކަ ދެއްކުމުން ވާން މިއުޅެނީ ކީއްކަން އެގޭހާވެއެވެ. އިންތިހާބުތައް އެއްކުރަން ވިސްނުމަށް މަޖިލީހުގެ މެންބަރުންނަށް ޕީއެންސީ އެކްޓިވިސްޓް އީސީ ޝަކީލް ގޮވާލުމުން އިންތިހާބުތައް އެއްކޮށްގެން އީވޯޓްގެ ތެރެއިން އިންތިހާބުތައް ހިލާލުމުށް އަމާޒު ހިފާފައިވާކަން ކަށަވަރު ވެއެވެ.
އީސީ ޝަކީލު އެހުރީ އެކަން ކޮށްދޭން މުއިއްޒާ ބައިއަތު ހިފައިގެންކަމަށް ގިނަބަޔަކު ދެކެއެވެ. ރެޔަކާ ދުވާލުން ސިޔާސީ ފިކުރުނެރެ އެއްލައިލިކަމަށް ދެއްކިގެން ހުރި ރަތްލާޖެހި ޕީއެންސީ އެކްޓިވިސްޓަކު އިލެކްޝަންސް ކަމިޝަނުގެ ރައީސް ކަމުގައި ކޮށްފާ ނުކުރާނެ ކަމެއް ނުއޮންނާނެއެވެ.


