އެމްޑީޕީގެ ހިކުމަތްތެރި ނިންމުމެއް!

އެމްޑީޕީގެ ރައީސް އޮނަރަބަލް ޝާހިދަށް މަރުހަބާ!

އެމްޑީޕީގެ ހިކުމަތްތެރި ނިންމުމެއް!

އެމްޑީޕީއަކީ ސިޔާސީ ގޮތުން ތަސައްރަފު ފުދިފައިވާ ޕާޓީއެއްކަން ވަރަށް ރަނގަޅަށް ސާބިތު ކޮށްދީފިއެވެ. ކޮން އިރަކު ކުރަންވީ ކީއްކަން ވަރަށް ރަނގަޅަށް އެމްޑީޕީއަށް އެނގެއެވެ. އެހިނދަކަށް ކުރަންވީ ކީއްކަމާއި އެކަމެއް ކުރަންވީ ކިހިނެތްކަން ވެސް އެމްޑީޕީއަށް އެނގެއެވެ. 

ރާއްޖޭގެ އެންމެ ފުރަތަމަ އަދި އެންމެ ބޮޑު ސިޔާސީ ޕާޓީގެ ގޮތުގައި އެމްޑީޕީ އުފެދުނީއްސުރެ ދެމި އޮންނަނީ ވަރުގަދަ އަސާސް ތަކެއްގެ މަތީގައި އޮތް ޕާޓީއަކަށް ވާތީއެވެ. ވަކި އެކަކަށް ވުރެ އެމްޑީޕީ ބޮޑު ވީމައެވެ. ރާއްޖޭގައި ނަން ހިނގާ އެތައް ބަޔަކު އެމްޑީޕީގެ ލީޑަރޝިޕަށް އައިސް ގޮސް ވެއްޖެއެވެ. ވަކި މީހަކު ނެތުމުން ޕާޓީ ހުއްޓި ވާގިނެތިގެން ނުދެއެވެ. 

ސިޔާސީ ލީޑަރުން އުފެއްދުމުގައި ވެސް އެމްޑީޕީއަކީ މިސާލެއް ނެތް ޕާޓީއެކެވެ. ގޮފި ފެންވަރުން ރަށު ފެންވަރުން ދާއިރާ މަޖިލީހުން ގައުމީ މަޖިލީހުން ލީޑަރޝިޕަށް ދިވެހި ކޮންމެ ރައްޔިތަކަށް ވެސް އައުމުގެ ފުރުސަތު އެންމެ ފަހި ޕާޓީއަކީ އެމްޑީޕީއެވެ. އެމްޑީޕީގެ ޑިމޮކްރެޓިކް ހަމަތައް އޮޔާލާ އަމިއްލަ ބާރުވެރިކަން އިސްކުރުމަކަށް އެމްޑީޕީގައި ޖާގައެއް ނޯވެއެވެ. އެގޮތަށް އުޅޭ ކޮންމެ މީހަކު ޖެހެނީ ބާކީވެ އެކަހެރިވާށެވެ. އެމްޑީޕީގައި ލީޑަރަކަށް ވެވެނީ ޕާޓީގެ ހައްގުގައި އެ މީހަކު ކުރާ މަސައްކަތަކުންނެވެ. ވަކި ނަސްލެއްގެ ވަކި ދަރިކޮޅެއްގެ ވަކި ރަށެއްގެ މީހަކަށް ވެގެނެއް ނޫނެވެ.

ވަކި ރަށެއްގެ ވަކި ޝާހީ އާއިލާއަކަށް ނިސްބަތް ވެގެން ވާކަމެއް ނަމަ އެމްޑީޕީގެ ރިޔާސީ ޓިކެޓްގައި ޅ. ހިންނަވަރު މީހަކު ރާއްޖޭގެ ރައީސް ކަމެއް ނުކުރީހެވެ. އައްޑު އަތޮޅު ހިތަދޫ މީހަކު މަޖިލިސް ރައީސް ކަމެއް ނުކުރާނެއެވެ. އަނެއް ކޮޅުން އެމްޑީޕީ ސަރުކާރަށް ނިސްބަތްވާ މީހަކު އދ މަޖިލީހުގެ ރައީސް ކަމެއްވެސް ނުކުރީހެވެ. އެ ހުރިހާ ކަމަކުންވެސް ސާބިތު ކޮށްދެނީ އެމްޑީޕީ ސިޔާސީ ގޮތުން ތަސައްރަފު ފުދިފައިވާ މިންވަރެވެ.

އެމްޑީޕީން ސިޔާސީ ނިންމުމެއް ނިންމަނީ ވަށައިގެން ހުރި ހުރިހާ ކަމަކަށް ބަލާފައެވެ. ތަޖުރިބާގެ އަލީގައެވެ. ސިޔާސީގޮތުން އެމްޑީޕީ ނުކުރާ ތަޖުރިބާއެއް ރާއްޖޭގެ އެހެން އެއްވެސް ޕާޓީއަކަށް ކުރެވިފައެއް ނުވާނެއެވެ. ޕެޕަރ ސްޕްރޭއާއި ޖަލުގޮޅިއެވެ. ކޯލިޝަންވެރިކަމުގެ ހިތިކަމާއި ޕާޓީ ބަދަލު ކުރުމެވެ. މަޖިލީހުގެ މެޖޯރިޓީ ނެތުމާއި ބަގާވާތުން ވެރިކަން ވެއްޓުމެވެ. ވަރުބަލި ކަމެއްނެތި މުޒާހަރާ ކުރުމާއި ލީޑަރުން ޕާޓީ ދޫކޮށް ދިއުމެވެ. ޕާޓީގެ ތެރެއިން ޕާޓީތައް އުފެދި އެ ޕާޓީތައް ހުލިވުމެވެ. ވެރިކަމުގެ ކޯލިޝަން ދެމެހެއްޓުމާއި އެތެރޭގެ އިންތިހާބީ ކޯޅުމެވެ. ވެރިކަން ލިބުމާއި ވެރިކަން ގެއްލުމެވެ. 

އެމްޑީޕީގެ ތާރީހުގައި މިއަދަކީވެސް ފާހަގކޮށްލެވޭ ހަރުދަނާ ނިންމުމެއް ނިމިގެންދިޔަ ދުވަހެކެވެ. ޕާޓީން ހުސްވެފައިވާ ޕާޓީގެ އެންމެ އިސް މަގާމަށް އިންތިހާބަކާ ނުލާ ބޭފުޅަކު ހަމަޖެހިގެން ދިޔަ ދުވަހެވެ. ރައީސް ކަމުގެ މަގާމަށް ވާދަކުރާ އެހެން މީހަކު ނެތުމުން ޕާޓީގެ އަސާސީ ގަވައިދުގައިވާ ގޮތުގެ މަތީން އޮނަރަބަލް އަބްދުއްލާ ޝާހިދު ރައީސް ކަމަށް އެކަށައެޅުނު ދުވަހެވެ. 

އޮނަރަބަލް ޝާހިދަށް ލިބިވަޑައިގެން ރައީސް ކަމަކީ ތަބަކަށްލާފައި ދިން އެއްޗެއް ނޫނެވެ. އޮނަރަބަލް ޝާހިދާ މީހަކު ވާދަ ނުކުރީ އެކަން ކުރެވޭވަރުގެ މީހަކު ނެތިގެނެއް ވެސް ނޫނެވެ. އެހެން އެކަން ނިންމުމުގައި ގިނަގުނަ ސަބަބުތަކެއް ވެއެވެ. އެގޮތުން ކުރިމަތީގައި އޮތް ގައުމީ ބޮޑު އިންތިހާބު އެމްޑީޕީއަށް ގެއްލި ދާނެ ގޮތަކަށް ޕާޓީގެ ތެރޭގައި ގަދަ ހިފުމަކަށް ދާއްކަށް އެމްޑީޕީ ބޭނުން ނުވުން ހިމެނެއެވެ.

އެމްޑީޕީގެ ރައީސްކަމަށް އޮނަރަބަލް ޝާހިދު ފަދަ ކުޅަދާނަ ގާބިލު ތަޖުރިބާކާރު ބޭފުޅަކު ކުރިމަތިލައްވާފައި ވަނިކޮށް އެތެރޭގެ ގަދަ ހިފުމަކަށް ދިޔުމަކަށް އެމްޑީޕީ މެންބަރުން ބޭނުމެއް ނުވެއެވެ. ހިފާ ގަދަ ހިފުމަކުން ޕާޓީއަށް ލޮޅުން އެރުވުމަށްވުރެ ޕާޓީއަށް ހުރިހާ ގޮތަކުންވެސް މިވަގުތު އެންމެ ފައިދާ ބޮޑީ އެގޮތެވެ. ބައިލައްކައަށް ވުރެ ގިނަ މެންބަރުން ހިމެނޭ ރާއްޖޭގެ އެންމެ ބޮޑު ޕާޓީން އެކަން ނިންމީ ގަވައިދުތަކާއި އުސޫލުތަކާ އެއްގޮތަށް މެންބަރުންގެ ހިތާ ރޫހުންނެވެ.  ގައުމީ މަސްލަހަތާއި ޕާޓީގެ މަސްލަހަތު ކުރިއަށް ނެރެގެންނެވެ.

އެމްޑީޕީ އުފެދުނީއްސުރެ އެމްޑީޕީގެ ހިތަކީ ރައީސް ސޯލިހޭ ބުނުމަކީ ކުށަކަށް ނުވާނެއެވެ. ރައީސް ސޯލިހުގެ ބައިވެރިވުންނެތް އެއްވެސް ސިޔާސީ ނިންމުމެއް އެމްޑީޕީގެ މުޅި ތާރީހުގައި ނެތުމަކީ ރައީސް ސޯލިހަކީ އެމްޑީޕީގެ ހިތޭ ބުނަންޖެހޭ ސަބަބެވެ. ޕީޖީ ލީޑަރުގެ ގޮތުންނާއި އިސްލީޑަރުގެ ގޮތުންނާއި ވަގުތީ ރައީސްގެ ގޮތުން، ރައީސް ސޯލިހު އެމްޑީޕީއަށް ކޮށްދެއްވި ހިދުމަތަށް ފަށްފަށުން ޝުކުރުވެރިވަމެވެ. މުޝްތަޝާރެއްގެ ގޮތުގައި އަބަދުމެ އެމްޑީޕީއާއި އެކު ހުންނަވާނެކަމާ މެދަކު ޝައްކެއް ނުކުރެވެއެވެ. 

އޮނަރަބަލް ޝާހިދުގެ ލީޑަރޝިޕްގައި އެމްޑީޕީއަށާއި ރާއްޖެއަށް އުފާ ފާގަތިކަން ލިބިގެން ދިއުމަކީ ކުރެވޭ ދުއާއެވެ. އޮތް ހެޔޮ ނިޔަތެވެ. ސަރުކާރު ޖަވާބުދާރީ ކުރުވުމަށް 20ވަނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ހޯދުމަކީ އޮނަރަބަލް ޝާހިދުގެ މޭސްތިރި ކަމުގައި ކުރެވިގެން ދާނެ އެންމެ ކާމިޔާބު މަސައްކަތަށް އިރާދަފުޅުން ވެގެން ދާނެ ކަމަށް ޔަގީންކުރެވެއެވެ. ހީރަސް ނިއުސް ޓީމުން އެމްޑީޕީގެ އައު ރައީސަށް ތަހުނިޔާ އަރިސްކުރަމެވެ. މަރުހަބާ! އެމްޑީޕީގެ ރައީސް ޝާހިދު!