ދާންދޫގައި ފެނުގެ ހިދުމަތްދޭން ފަށައިފި

މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބޭންކްގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްއެއް

ދާންދޫގައި ފެނުގެ ހިދުމަތްދޭން ފަށައިފި

ހުވަދު އަތޮޅު އުތުރުބުރީ، ދާންދޫ ފެނުގެ ނިޒާމުގެ ހިދުމަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރަސްމީކޮށް ފައްޓަވައިދެއްވައިފިއެވެ. ދާންދޫ ފެނުގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވީ، މިހާރު އެ މަނިކުފާނު ހުވަދުއަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައެވެ. މިއަދު ހެނދުނުއެވެ. 

މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބޭންކްގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގުނު މަޝްރޫއެކެވެ. ޓްރިވެނީ އިންޖިނިޔަރިންގ އެންޑް އިންޑަސްޓްރީސް ލިމިޓެޑާ ޙަވާލުކޮށްގެން ނިންމާފައިވާ މިމަޝްރޫއުގެ އަގަކީ 3،118،271.96 ޑޮލަރއެވެ.

ދާންދޫ ފެނުގެ ނިޒާމުގެ މަޝްރޫޢުގެ ދަށުން ބޯ ހޯލް ހެދުމާއި، ރެއިން ވޯޓަރ ކަލެކްޝަން ޓޭންކާއި ސްޓޯރޭޖް ޓޭންކް ޤާއިމްކުރުމާއި، އާރް.އޯ ޕްލާންޓް އިންސްޓޯލް ކުރުން ހިމެނެއެވެ.‏

ފެނުގެ ނިޒާމަކީ އަސާސީ ހިދުމަތްތައް ކަށަވަރުކޮށް ދެއްވުމަށް ކުޑަރަށެއް ބޮޑުރަށެއް ތަފާތުނުކޮށް ރައީސް ސޯލިހު ކުރިއަށް ގެންދަވާ ގައުމީ ސިޔާސަތުގެ ތެރެއިން ދާންދޫގައި ހާސިލް ކުރެވުނު ކާމިޔާބީއެކެވެ. އަތޮޅުތަކުގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް ޚިދުމަތްތައް ފުޅާކުރެއްވުމަށް ސަރުކާރުން ވަނީ ރަށްރަށުގައި ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގައި ނިންމާފައެވެ.

އެގޮތުން ރައީސް އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގާ އެތަންތަން ރަސްމީ ގޮތުން ހުޅުއްވައި ދެއްވައި، ޚިދުމަތްތައް ދަނީ އިފްތިތާޙް ކޮށްދެއްވަމުންނެވެ.
ރައީސް ޞާލިޙް ސަރުކާރުގެ ސިޔާސަތަކީ ވަކިރަށެއް ތަފާތުކުރުމެއްނެތި ހުރިހާ ރަށަކަށްވެސް ތަރައްޤީ ކަށަވަރުކޮށްދިނުމެވެ.