ޑިސެމްބަރގެ އާމްދަނީގެ %70 އަކީ ޑޮލަރު
ހުސްވި އަހަރުގެ 4 ވަނަ ކުއާޓަރުގައި ޖުމްލަ 246.30 މިލިއަން ޑޮލަރު މީރާއަށް އާމްދަނީ ގޮތުގައި ލިބިފައިވޭ.
މީރާއިން ހާމަކޮށްފައިވާ ކުއާޓަރލީ ރިވިއު ރިޕޯޓް ބުނާ ގޮތުން 2021 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރާއި އަޅާބަލާއިރު %26 މިދިޔަ އަހަރުގެ 4 ވަނަ ކުއާޓަރގައި މީރާއަށް ޑޮލަރުން ލިބުނު އާމްދަނީ އިތުރެވެ. މިދިޔަ އަހަރުގެ 4 ވަނަ ކުއާޓަރުގައި ލިބުނު ޖުމްލަ އާމްދަނީގެ %70 އަކީ ޑޮލަރުން ލިބުނު އާމްދަނީއެވެ.
2021 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރުގައި ލިބިފައިވަނީ 195.52 މިލިއަން ޑޮލަރެވެ. ހުސްވި އަހަރުގެ 4 ވަނަ ކުއާޓަރުގައި ޖުމްލަ 246.30 މިލިއަން ޑޮލަރު މީރާއަށް އާމްދަނީ ގޮތުގައި ލިބިފައިވެއެވެ. އެއީ 3.78 ބިލިއަން ރުފިޔާއެވެ. އެހެންކަމުން ކުރީ އަހަރަށްވުރެ ހުސްވިއަހަރު މީރާއަށް ޑޮލަރުން ލިބުނު އާމްދަނީ %26 އިތުރެވެ.
2022 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރުގައި އެންމެ ގިނަ އަދަކަށް ޑޮލަރުން އާމްދަނީ ލިބިފައިވަނީ ޑިސެންބަރު މަހުއެވެ. އެގޮތުން، ޑިސެންބަރު މަހު ޖުމްލަ 135.95 މިލިއަން ޑޮލަރު ލިބިފައިވެއެވެ. މިއީ 2021 ވަނަ އަހަރުގެ ޑިސެންބަރު މަހު ދައުލަތަށް ލިބުނު 105.48 މިލިއަން ޑޮލަރާއި އަޅާބަލާއިރު %28.9 އިތުރު އަދަދެކެވެ.
ޑޮލަރުން ލިބުނު އާމްދަނީ އިތުރުވެފައިވަނީ ޓީ.ޖީ.އެސް.ޓީ ނުވަތަ ފަތުރުވެރިކަމުގެ މުދަލާއި ޚިދުމަތުން ނެގޭ ޓެކްސްގެގޮތުގައި ލިބުނު އާމްދަނީ އިތުރުވެފައިވާތީއެވެ. ބިމުކުލީގެ ގޮތުގައި ވެސް ދައުލަތަށް ވަނީ ބޮޑު އަދަދަކުން އާމްދަނީ އިތުރަށް ލިބިފައިއެވެ. ހުސްވި 2022 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރުގައި ބިމު ކުލީގެ ގޮތުގައި ޖުމްލަ 20.53 މިލިއަން ޑޮލަރު ލިބިފައިވެއެވެ.