މާބޮޑަށް ރިއެކްޓް ކުރުމުން ނަތީޖާ ސަޅި ނޫން: ހިސާން
ކުއްލި ކުއްލިއަށް ކުރާ ރިއެކްޝަން ތަކުގެ ނަތީޖާ އަކީ ރައްޔިތުން މަގުމަތިވުން
ހަމަތެދެކެވެ. މާ ގަދައަށް "ރިއެކްޓް" ކުރުމުން ވެރިކަން ވެއްޓޭގޮތް ވެއެވެ. އެމްޑީޕީގެ ފުރަތަމަ ވެރިކަން ވެއްޓުނީ ވެސް މާގަދައަށް ރިއެކްޓް ކުރުމުންނެވެ. ރައީސް ޔާމީނަށް ދެވަނަ ދައުރު ނުލިބުނީވެސް މާ ގަދައަށް ރިއެކްޓް ކުރުމުންނެވެ. ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ރޭގައި ވެލިދޫގައި އެ ވިދާޅުވީ އެ ވާހަކައެވެ.
ރައީސް އިބްރާހިމް މުހައްމަދު ސާލިހު ކަންކަމުގައި ރިއެކްޓް ނުކުރައްވާ ކަމަށް ވިދާޅުވެ ރައީސް ނަޝީދު ސަރުކާރަށް ފާޑުވިދާޅުވަމުން ރިޔާސީ ޓިކެޓަށް ވާދަ ކުރައްވާ ކުރެއްވުމަށް ރައްދު ދެއްވާ ނ. ވެލިދޫގައި ބޭއްވި "އިބޫ 2023" ޖަލްސާގައި ހިސާން ވިދާޅުވީ ގައުމެއްގެ ވެރިއަކު ކުއްލި ކުއްލިއަށް ރިއެކްޓް ކުރުމަކީ މާގަދަ ކަމެއް ނޫން ކަމަށެވެ. މާ އަވަހަށް އަދި މާ ބޮޑަށް ރިއެކްޓް ކުރުމުން ނިކުންނަ ނަތީޖާ އެހާ "ސަޅި" ނޫން ކަމަށް ހިސާން ވިދާޅުވިއެވެ.
ހަމަ ތެދެކެވެ. ހިސާން ވިދާޅުވާހެން ބައެއް ފަހަރު މާ ބޮޑަށް ރިއެކްޓް ކުރުމުން ރިޔާސީ ދައުރެއްގައި ތިން ނައިބު ރައީސުން އައްޔަން ކުރަންޖެހޭ ހާލަތު ވެސް އާދެއެވެ. އަނެއްބައި ފަހަރު މާ ގަދައަށް ރިއެކްޓް ކުރެއްވީމަ ވެރިކަން އެބަ ވެއްޓިގެންދެއެވެ. ކުއްލި ނުރައްކާގެ ހާލަތު އިއުލާން ނުކޮށް ވެރިކަން ނުހިފެހެއްޓޭ ހާލަތަށް ދެއެވެ. ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަގައި ފަނޑިޔާރުން ދަމާ ކޫއްތާ ނެރެން ޖެހެއެވެ.
އާދޭހެވެ. ކުއްލި ކުއްލިއަށް ކުރާ ރިއެކްޝަން ތަކުގެ ނަތީޖާ އަކީ ރައްޔިތުން މަގުމަތިވުމެވެ. ރައްޔިތުންނަށް ޖެހެނީ މަގުމަތީގައި ގަނަތެޅޭށެވެ. 7 ފެބްރުއަރީ 2012 ގެ ފަހުން ފާއިތުވި ހަތް އަހަރު ހިސާންގެ ދުވަސް ފެށެނީ ހައްޔަރީންގެ ލިސްޓުން ކަމަށް ގާނޫނީ ވަކީލު ހިސާން ހުސައިން ވިދާޅުވެއެވެ. ރައީސް ސާލިހުގެ ވެރިކަމުގައި ފާއިތުވި ހަތަރު އަހަރު ދުވަހު ހިތް ފަސޭހަކަން ހޯދާދީފައިވާ ކަން ހިސާން ކަށަވަރުކޮށް ދެއްވިއެވެ.
"އިބޫ 2023" ވެލިދޫ ޖަލްސާގައި އުސްތާޒާ ހިސާނު ވިދާޅުވީ އެމްޑީޕީގެ މެމްބަރުން އަލުން އަނބުރާ މަގުމައްޗަށް ދާން ބޭނުންނުވާ ކަމަށެވެ. އެމްޑީޕީގެ މެމްބަރުން އެތައް ގުރުބާނީއެއް މަގުމަތީގައި ވެއްޖެ ކަމަށެވެ. މިއަދަކީ ހަމަޖެހިގެން ހިންދަމާލައިގެން ދިރިއުޅެވެން އޮތް ދުވަސް ކަމަށެވެ. ގައުމު ހަލަބޮލިކޮށް އަލުން އަނބުރާ ސިޔާސީ ހަލަބޮލި ކަމެއްގެ ތެރެއަށް ވަންނަން އެމްޑީޕީ ބޭނުންނުވާ ކަމަށެވެ.