މަރުހަބާ ރައީސް ނަޝީދު

އަދިވެސް ރައީސް ނަޝީދުގެ ލީޑަރޝިޕް އެމްޑީޕީއަށް ބޭނުންވާކަން މެންބަރުން ކަށަވަރުކޮށްދީފި

މަރުހަބާ ރައީސް ނަޝީދު

މަރުހަބާ ރައީސް ނަޝީދު!

ވާދަވެރި ކެންޕޭނަކަށް ފަހު ބޮޑު ތަފާތަކުން އެމްޑީޕީގެ ޗެއަރޕާސަންކަން ރައީސް ނަޝީދު ހޯއްދެވުމަކީ ބޮޑު ބަދަލަށް އެމްޑީޕީ މެންބަރުން ބޭނުންވެފައިވާކަން ކަށަވަރުކޮށްދިން ކަމެކެވެ. އިންތިހާބުގެ ނަތީޖާއިން އަންގާދިނީ އެމްޑީޕީއަށް ރައީސް ނަޝީދު އަދިވެސް ބޭނުންވާކަމެވެ. ރައީސް ނަޝީދާއެކު މުޅި އެމްޑީޕީ އެކަތި ގަނޑެއްގެ ގޮތުގައި އޮތުމަށް މެންބަރުން ބޭނުންވާ ވަރެވެ. 

ގާނޫނީ ހަމަތަކުމަތީން ރައީސް މުއިއްޒުގެ ދޯދިޔާ ފެންނުހިފޭ ވެރިކަން ވީހާވެސް އަވަހަކަށް ނިންމުމަށް އެމްޑީޕީ މެންބަރުން ނިހާޔަތަށް ބޭނުންވެއެވެ. ދައުލަތް ހިންގުމުގެ ނިޒާމަށް އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެނެސް ގައުމުގެ ކަންކަން އިސްލާހު ކުރުމަށް އެމްޑީޕީ ބޭނުންވެއެވެ. 2028 ކާމިޔާބު ކުރުމަށްވެސް އެމްޑީޕީ ބޭނުންވެއެވެ. އެމްޑީޕީއަށް އެ ލަނޑު ދަނޑިތައް ހާސިލުކުރެވޭނީ ރައީސް ނަޝީދު އިސްކޮށް ބަހައްޓައިގެން ކަމަށް އެމްޑީޕީގެ ގިނަ މެންބަރުން ގަބޫލުކޮށްފިއެވެ. 

ޒުވާން ޖީލަށް ޕާޓީ ހިންގުން ބަދަލުކުރުމަށްޓަކާ ވެސް މިވަގުތު ބޭނުންވަނީ ޖެހެލުންކުޑަ ތަޖުރިބާކާރު ބޭފުޅެކެވެ. ޕާޓީއާއި ގައުމުގެ ކަންކަން ހަމަ މަގަށް އެޅުވޭނީ ވެސް ސިޔާސީ ތަޖުރިބާ ބޮޑު ސިދާ ހަރަކާތަށް ފަރިތަ ބޭފުޅަކަށެވެ. ބައިނަލްއަގުވާމީ ގުޅުންތައް ވަރުގަދަ ބޭފުޅަކަށެވެ. އެވަގުތަކު އަޅަށްޖެހޭ ފިޔަވަޅެއް އެޅުމަށް ފަސްޖެހި ވަޑައި ނުގަންނަވާނެ ބޭފުޅަކަށެވެ. އާއްމު މެންބަރުނާއި ގާތުން މަސައްކަތް ކުރައްވަން ދެނެވަޑައިގަންނަވާ ބޭފުޅަކަށެވެ. އެ ބޭފުޅަކީ ރައީސް ނަޝީދު ކަމަށް އެމްޑީޕީގެ ގިނަ މެންބަރުން އަދިވެސް ގަބޫލު ކުރާކަށް އިންތިހާބުގެ ނަތީޖާއިން ބުނެދީފިއެވެ.

އެމްޑީޕީގެ އާރުކާޓީއަކަށް ރައީސް ނަޝީދު ކަނޑައެޅިގެން ދިޔުމަކީ އެމްޑީޕީގައި ތިއްބެވި ސީނިއަރ ޕޮލިޓީޝަނުންނަށް އޮތް ނުރައްކަލެއް ނޫންކަން ރައީސް ނަޝީދު ވެސް ސާބިތުކޮށް ދެއްވަން ޖެހެއެވެ. ވެދިޔަތަނުގެ ތަޖުރިބާގެ އަލީގައި އެތެރޭގެ ކޯޅުންތައް ނައްތާލަންޖެހެއެވެ. އިހުތިރާމާއެކު ސިޔާސީގޮތުން ހަރަކާތްތެރިވެ ކުރިއަރާ ދިޔުމަށް ޖާގަ ދޭންޖެހެއެވެ. އެމްޑީޕީގެ ތެރޭގައި އިހުތިރާމާއި ލޯތްބާއި އެއްބާރުލުމާއި މެންބަރުން އެކެއް އަނެކަކަށް އިތުބާރުކޮށް ދިފާއުކުރާ ވެއްޓެއް ބިނާކޮށްދޭން ޖެހެއެވެ.

އެމްޑީޕީގެ ސަފުތައް އަލުން ރުކުރުވާލާ ރައީސް މުއިއްޒު ސަރުކާރު ބަލިކޮށްލަން ވަރުގަދަ ޓީމް ވޯކެއް ބޭނުންވެއެވެ. ގައުމަށް ބޮޑު ބަދަލެއް ގެނައުމަށް ޒިންމާދާރު ވަރުގަދަ އޮޕަޒިޝަނެއްގެ ގޮތުގައި އެމްޑީޕީ އޮތުން ބޭނުންވެއެވެ. ރައީސް ނަޝީދުގެ ލީޑަރޝިޕްގެ ދަށުގައި އެމްޑީޕީ ހަށިފޮޅާލާ ރައީސް މުއިއްޒުގެ ވެރިކަން ނިންމާ ގައުމަށް ބޮޑުބަދަލު ގެނެވޭތަން ދެކެން ތިބީ ކެތް މަދުވެފައެވެ.