ކިޔަމަންތެރިންގެ ނަމާދު ކުރެވޭތަ!

ނޭނގެންޏާ ދަސްކޮށްލާ!

ކިޔަމަންތެރިންގެ ނަމާދު ކުރެވޭތަ!

ޟުޙާ ނަމާދަކީ ގަދަވެގެންވާ ސުންނަތެކެވެ. ކީރިތި ނަބިއްޔާ އެނަމާދު އާދަކޮށް ކުރެއްވިއެވެ. އެކަލޭގެފާނުގެ އަސްހާބުންނަށް އެނަމާދު ކުރުމަށް އިރުޝާދު ދެއްވިއެވެ.

ކުރާނީ ކިހިނެތް:

ޟުހާ ނަމާދުގެ މަދު މިންވަރަކީ ދެ ރަކުޢަތެވެ. އެނަމާދަށް ނިޔަތްގަނެ ދެ ރަކުޢަތް ކުރުމުން އެނަމާދު އަދާކުރެވުނީއެވެ. އެނަމާދަށް ވަކި އަދަދަކަށް ރަކުއަތްކުރުމަށް ހައްދެއް ކަނޑައެޅިފައެއް ނުވެއެވެ. ހަތަރެއް، ހައެއް، އަށެއް ނުވަތަ އެއަށްވުރެ ގިނަ ރަކުއަތް ކުރިކަމުގައިވިޔަސް މައްސަލައެއް ނެތެވެ. ފަސޭހަ މިންވަރަކަށް ކުރުމުން ފުދޭނެއެވެ. އާއްމުކޮށް ނަބިއްޔާ ކުރެއްވި ކަމަށް ވަނީ ދެ ރަކުޢަތެވެ. ހަތަރު ރަކުއަތްވެސް ކުރެއްވިކަމަށް ވަރިދުވެފާވެއެވެ. މައްކާ ފަތަހަ ކުރެއްވި ދުވަހު ކުރެއްވީ އަށް ރަކުއަތެވެ. 

ސަހީހު މުސްލިމްގެ ރިވާޔަތެއް (1175)ގެ މާނާގައިވެއެވެ. "ނަބިއްޔާ ޟުޙާ ނަމާދުގެ ހަތަރު ރަކުޢަތް ކުރައްވައެވެ. އަދި އިރާދަކުރެއްވި މިންވަރަކަށް އިތުރު ކުރައްވައެވެ."  

މުސްލިމް (1845)އާއި ބުހާރީ (1182)ގައި އަބޫ ހުރައިރާގެ އަރިހުން ރިވާކުރައްވާފައިވެއެވެ. "ތިމަންކަލޭގެފާނުގެ ހަލީލު ތިމަންކަލޭގެފާނަށް ތިން ކަމަކަށް ވަސިއްޔަތް ކުރެއްވިއެވެ. ކޮންމެ މަހެއްގައި ތިން ދުވަހު ރޯދަ ހިފުމާއި ޟުޙާ ނަމާދުގެ ދެ ރަކުއަތް ކުރުމާއި، ނިދުމުގެ ކުރިން ވިތުރި ކުރުމަށެވެ."

މައްކާ ފަތަހަކުރެއްވި ދުވަހު ނަބިއްޔާ ޟުޙާ ނަމާދުގެ އަށް ރަކުއަތް ކުރައްވަނިކޮށް އުންމު ހާނީ ދެކެވަޑައިގަތްކަމަށް  މުސްލިމް(1177) އާއި ބުހާރީ (344) ރިވާކުރައްވާފައިވެއެވެ. 

ޟުޙާ ނަމާދުގައި އަށެއް، ދިހައެއް، ބާރަ ނުވަތަ އެއަށްވުރެ ގިނައިން ނުވަތަ މަދުން ރަކުއަތް ކުރުމަކީ މައްސަލައެއް ނޫންކަން އަންނަނިވި ހަދީސުން ސާބިތުވެއެވެ.

ޟުޙާ ނަމާދު ކުރުމުގައި ސުންނަތް ގޮތަކީ ކޮންމެ ދެރަކުޢަތަކުން ސަލާމްދެމުން ދެ ރަކުއަތުން ދެ ރަކުއަތުން ނަމާދުކުރުމެވެ. ޟުޙާ ނަމާދުގެ އެންމެ މަދު މިންވަރަކީ ދެ ރަކުޢަތެވެ. އެއީ އިރު އެރީއްސުރެ އިރު މެދު ޖެހުމާ ހަމައަށެވެ. ޟުޙާގެ ވަޤުތަކީ އެއީއެވެ. އެންމެ ރަނގަޅު ގޮތަކީ އިރުގެ ހޫނު ގަދަވެގަންނަ ވަގުތު އެ ނަމާދު ކުރުމެވެ. ރަސޫލާ ހަދީސް ކުރައްވާފައިވަނީ " ކިޔަމަންތެރިންގެ ނަމާދުވަނީ (އެބަހީ: ޟުޙާ ނަމާދުވަނީ) ހޫނުކަން ގަދަވެގަންނަ ވަގުތެވެ."

ނުކޮށް ދޫކޮށްލުން:

ޟުހާ ނަމާދު އެއް ދުވަހު ކޮށްފައި އަނެއް ދުވަހު ދޫކޮށްލުމަކީ މައްސަލައެއް ނޫނެވެ. އެންމެ ރަނގަޅު ގޮތަކީ ދާއިމީ ގޮތެއްގައި އެނަމާދު ކުރުމެވެ. ހަމަކަށަވަރުން މަތިވެރި ރައްބު އެންމެ ލޯބިވެވޮޑިގެންވާ އަމަލަކީ ކިތަންމެ މަދުވިޔަސް ދާއިމީގޮތެއްގައި ކުރާ ކަންކަމަށް ރަސޫލާ ހަދީސް ކުރައްވާފައިވެއެވެ.

އެންމެ ހެޔޮވެގެންވަނީ ދާއިމީ ގޮތެއްގައި ޟުހާ ނަމާދުކުރުމެވެ. ދެކޮޅުވެރިކަމެއް ނެތި ދާއިމީގޮތެއްގައި ޟުޙާ ނަމާދު ދޫކޮށްލައިފި މީހަކު ނުވަތަ ބައެއް ދުވަސް ދުވަހު އެނަމާދު ދޫކޮށްލައިފި މީހެއްގެ މައްޗަށް އެއްވެސް ކަމެއް ނެތެވެ. އެހެނީ އެއީ ސުންނަތެކެވެ. ވާޖިބެއް ނޫނެވެ. 

ކިޔަވާނީ ކޮން ސޫރަތެއް:

ޟުޙާ ނަމާދުގައި ސުންނަތްވެގެން ވަނީ ފާތިހާ ސޫރަތާއެކު އެމީހަކަށް ފަސޭހަވެގެންވީ މިންވަރަކަށް ސޫރަތްތަކެއް ނުވަތަ އާޔަތްތަކެއް ކިޔެވުމެވެ. ކިޔެވުމަށް ވަކި މިންވަރެއް ކަނޑައެޅިފައެއް ނުވެއެވެ.  ވާޖިބުވެގެންވަނީ ފާތިޙާ ސޫރަތް ކިޔެވުމެވެ. އޭގެ އިތުރަށް ކިޔަވާ ކިޔެވުމަކީ ސުންނަތެވެ. ވަކި އަދަދަކަށް އާޔަތްތަކެއް ނުވަތަ ފާތިހާ ސޫރަތަށް ފަހު އެންމެ އާޔަތެއް ކިޔެވިކަމުގައިވިޔަސް މައްސަލައެއް ނެތެވެ. މިހުރިހާ ގޮތެއްވެސް ރަނގަޅެވެ.

ވަގުތު:

ޟުޙާ ނަމާދު ކުރެވޭނެ އެންމެ ފުރަތަމަ ވަގުތަކީ އިރުއެރުމަށްފަހު، ގާތްގަނޑަކަށް 15 މިނެޓު ފަހުންނެވެ. އެންމެ ފަހު ވަގުތަކީ މެންދުރު ނަމާދުގެ ގާތްގަނޑަކަށް 20 މިނެޓު ކުރިންނެވެ.