އެމްޑީޕީ މެންބަރުން ބިރެއް ނުގަންނާނެ!
އެމްޑީޕީއަށް އަބަދުވެސް މުހިންމީ މެންބަރުންގެ މެޖޯރިޓީ ވިސްނުން
އެމްޑީޕީގެ މެންބަރުންނަކީ މީހަކު ދައްކަފާނެ ބިރަކަށް ފަހަށް ޖެހޭ ބައެއް ނޫނެވެ. ވަޒީފާ ގެއްލިދާނެތީ ލޯނެއް ނުލިބި ދާނެތީ ބިރުން ކުރަން ބޭނުން ކަމެއް ނުކޮށް ތިބޭނެ ބައެއްވެސް ނޫނެވެ. އެމްޑީޕީ މެންބަރުން ކަމެއް ނުކޮށް ތިބިއްޔާ ތިބެނީ ހަގީގަތުގައި ވެސް އެކަމެއް ކުރަން ބޭނުން ނެތީމައެވެ. ހިތުގެ އަޑިން ކުރަން ބޭނުން ކަމެއް ނުކޮށް ފަސްޖެހޭ ބަޔަކަށް އެއް އިރަކުވެސް އެމްޑީޕީ މެންބަރުން ނުވެއެވެ.
އެތެރޭގެ އިންތިހާބު ތަކުން އެކަން ވަރަށް ސާފުކޮށް ފެނެއެވެ. ގައުމީ މަޖިލީހުގެ ބަހުސް ތަކުންނާއި ނިންމުން ތަކުން އެކަން އެނގެއެވެ. ރައްޔިތުންގެ މަޖިލީސްގެ ބަހުސް ތަކުންނާއި ވޯޓު ތަކުން އެ މީހަކު ދެކޭ ގޮތުގައި ސާބިތުވެ ތިބޭކަން ރަނގަޅަށް އެނގެއެވެ. ވަކި މީހެއް ވެގެން ވަކި ގޮތަކަށް ކަންކަން ނިންމުމުގައި ބަސް ބުނެ ވޯޓު ދޭން ފަސް ނުޖެހޭކަން ވަރަށް ރަނގަޅަށް އެނގެއެވެ. އެމްޑީޕީ ވަކި މީހެއްގެ ވަށައިގެން އަނބުރަން ބަޔަކު ބޭނުން ވިޔަސް އެކަން އެހެން ނުވާކަށް އާއްމު މެންބަރުން އެދަނީ ސާބިތުކޮށް ދެމުންނެވެ.
އެމްޑީޕީ މެންބަރުންނަށް ވަކި މީހަކު މުހިންމު ނުވާކަން އެއް ފަހަރަށް ވުރެ ގިނަ ފަހަރު ދައްކާ ދީފިއެވެ. އިބްރާއެއް މުނައްވަރެއް ވަހީދެއް ކިޔާނެ ކަމެއް ނެތްތާއެވެ. އަންނިއެއް އިބޫއެއް ވެސް އެމްޑީޕީއަކަށް މުހިންމެއް ނޫނެވެ. އެމްޑީޕީއަށް އަބަދުވެސް މުހިންމީ މެންބަރުންގެ މެޖޯރިޓީ ވިސްނުމެވެ. ރައްޔިތުންނަށްޓަކައި ހެޔޮވެރިކަމެއް ކުރުމެވެ. ކޮންމެ މީހަކު ވެސް ކޮށްދޭ ރަނގަޅު ކަންކަން ހިތުގެ އަޑީން އެމްޑީޕީ އާއްމު މެންބަރުން ބަލައިގަނެއެވެ.
އެމްޑީޕީއަށް ރައީސް ނަޝީދު ވެސް މުހިންމުވީ އެ މަނިކުފާނު ވެރިކަމުގައި ހެޔޮ ބަދަލު ތަކެއް ގެނެސް ދެއްވީތީއެވެ. އެ މަނިކުފާނާއެކު އެމްޑީޕީ މެންބަރުން ފޮނި އުންމީދުތަކެއް ކުރިއެވެ. އެ އުންމީދުތައް އެ މަނިކުފާނަށް ހާސިލުކޮށް ދެއްވޭނެ ކަމަކަށް ގިނަ މެންބަރުން މިހާރަކު ގަބޫލެއް ނުކުރެއެވެ. އެ އާއި ހިލާފަށް ރައީސް ސޯލިހުގެ ހެޔޮވެރިކަން ގިނަ މެންބަރުން ބަލައިގަނެ އެމްޑީޕީގެ އުންމީދުތައް ހަގީގަތަކަށް ހައްދަވާ ދެއްވާނީ ރައީސް ސާލިހުކަމަށް އެމްޑީޕީގެ މެޖޯރިޓީ މިއަދު ގަބޫލުކޮށްފިއެވެ.
ރައްޔިތުން މަޖިލީހުގެ ސާފު މެޖޯރިޓީ ރައީސް ސޯލިހުގެ ފަހަތްޕުޅުގައި އޮތީ ދާއިރާ ތަކުގެ ރައްޔިތުންގެ އުންމީދުތަކާ އެއްގޮތަށް ރައީސް ސާލިހު މަސައްކަތްޕުޅު ކުރައްވާތީއެވެ. ކުރިން ހީކުރި ގޮތާއި ހިލާފަށް އެމްޑީޕީ ގައުމީ މަޖިލީހުގެ މެޖޯރިޓީ ރައީސް ސާލިހުގެ ވިސްނުންފުޅާއެއް ގޮތަށް ބަދަލު ވެގެން ދިޔައީ އާއްމު މެންބަރު އެ ގޮތް ބޭނުންވެ އެ މީހުންގެ ވޯޓުންނެވެ. އެމްޑީޕީގެ އިދާރީ ހިންގުން ވެސް ރައީސް ސޯލިހުގެ ވިސްނުންފުޅާއެއް ގޮތަށް ބަދަލުކޮށްލީ އާއްމު މެންބަރުންނެވެ. ޕާޓީގެ ޗެއަރޕަރސަން އިންތިހާބުން އެ ނަތީޖާ އާއްމު މެންބަރުން އެ އޮތީ ދައްކާ ދީފައެވެ. އެންމެ ފަހުން އޮތް ކޮންގްރެސްއިން ދައްކާދިނީ އެމްޑީޕީގެ މެޖޯރިޓީ ވިސްނުން މިހާރު އޮތްގޮތެވެ.
ތަފާތު ހިޔާލާ ތަފާތު ފިކުރަށް ޖާގަ އެމްޑީޕީގައި އޮންނަކަން އެނގޭ އެހެން ހަގީގަތެއް ވެސް އެބައޮތެވެ. ރައީސް ސޯލިހުގެ ސަރުކާރުގައި ރައީސް ސާލިހު އައްޔަން ކުރައްވާފައި ތިއްބެވި ބައެއް ސިޔާސީވެރިން ސަރުކާރާއި ރައީސަށް ފާޅުގައި ފާޑުކިޔުއްވާ ޓްވީޓްކުރައްވާ ޖެއްސުން އެބަކުރައްވައެވެ. ރައީސްގެ ވިސްނުންފުޅާ ދެކޮޅަށް ކެންޕޭން އެބަކުރައްވައެވެ.
އެހެނެކޭ ކިޔާ އެ މީހުންނަށް ވަޒީފާގެ ބިރު ދައްކާ މަގާމުން ވަކޮށެއް ނުހައްދަވައެވެ. އެހެން ކަމުން އާދައިގެ ދަށް ފަންތީގެ މުއައްޒަފުންނަށް އެ މީހުންގެ ސިޔާސީ ފިކުރު ހުންނަ ގޮތުން އެއްވެސް ބިރެއް އެމްޑީޕީގެ ސަރުކަރެއްގައި ނޯންނާނެއެވެ.
ހަމަ ތެދެކެވެ. އެމްޑީޕީގެ ތެރޭގައި ތަފާތު ހިޔާލަށް ޖާގަ އޮތްވަރު އިންތިހާބު ތަކުންނާއި ކުރެވޭ ސިޔާސީ ބަހުސް ތަކުން ފެނެއެވެ. ވަކި މީހެއް ވެގެން މެންބަރުން ގަބޫލުކުރާ ގޮތަކަށް ވާހަކަ ދެއްކުމާއި އަމަލު ކުރުމުގައި ބިރެއް ނުދެއްކޭކަން ވަރަށް ސާފެވެ. އެމްޑީޕީ މެންބަރުން ކަމެއް ކުރާނީ ނުވަތަ ނުކުރާނީ ބިރަކުން ނޫނެވެ. ބޭނުންވެގެންނެވެ. ވަކި މީހަކަށް ތާއީދު ކުރުމާ ނުކުރުން ވެސްއެއީ އެ މެންބަރެއްގެ އަމިއްލަ ނިންމުމެކެވެ. ތާއީދު ނުކުރާ މީހެއްގެ ކެންޕެއިން ޖަލްސާއަށް ދިޔުމާއި ނުދިއުން ވެސް އެއީ މެންބަރުންގެ އަމިއްލަ ނިންމުމެކެވެ.