އޮޓޮޕްސީ ނުހެދުމަށްވުރެ ހެދުމުގެ ޒަރޫރަތް މާބޮޑު!

އޮޓޮޕްސީ ހަދަންޖެހޭ ކަމަށް ނިންމުމަކީ އިޖުރާއަތުތައް ފުރިހަމަ ނުކުރުމެއް ނޫން!

އޮޓޮޕްސީ ނުހެދުމަށްވުރެ ހެދުމުގެ ޒަރޫރަތް މާބޮޑު!

މަރެއްގެ ސަބަބު ހޯދަން އޮޓޮޕްސީ ހަދަން ވިޔަސް އެނގެނީ ކުރިން ފުލުހުންގެ ތެރޭގައި އުޅެފައި ނިކުންނަ މަރުދޮޅި އަކަށެވެ. ފުލުހުންގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ތަހުގީގަށް މީހެއްގެ އޮޓޮޕްސީ ހަދަން ޖެހޭ ކަމަށް ނިންމުމުގެ ބާރު ނެޝަނަލް އިންޓަގްރިޓީ ކަމިޝަނަށް އޮންނަ ކަމަކަށް އޭނާ ނުދެކެއެވެ. 2012 ފެބްރުއަރީ 8 ވަނަ ދުވަހު ރާއްޖޭގެ އެންމެ ބޮޑުޕާޓީގެ އެތައްހާސް ރައްޔިތުން ގައިގާ ތަޅާ ލޭ ކޮށާލުމުގައި އިސްކޮށް ހުރި މީހާއަށް އަނިޔާއަކީ މަރަކީ އޮޓޮޕްސީއަކީ ކޮން އެއްޗެއް ކަމެއް ނޭގޭނެއެވެ. އަމްދުން އިންޓަގްރިޓީ ކަމިޝަނަކީ އޮންނަން ޖެހޭ ތަނެއް ކަމަކަށް އެއްވެސް އިރަކު އޭނާ ގަބޫލެއް ނުކުރާނެ ތާއެވެ.

އިންޓަގްރިޓީ ކަމިޝަނުން އޮޓޮޕްސީ ހަދަންޖެހޭ ކަމަށް ނިންމުމަކީ އޮޓޮޕްސީ ހެދުމަށްޓަކާ ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތުތައް ފުރިހަމަ ނުކޮށް ބޮޑު ކަތިވަޅި ހިފައިގެން ނިކުމެ އިންޓަގްރިޓީ ކޮމިޝަނުން މައްޔިތާ ފަޅާ ވާހަކައެއް ނޫނެވެ. ކޮންމެ ކަމެއްގައި ސިޔާސީ ފިތުނައެވެ. އެހެންނޫނީ ގަމާރު ވިޔަސް އެއީ ބޮޑުވަރެވެ.

އޮޓަޕްސީ ހެދުމަށްޓަކާ ހޯދަންޖެހޭ ހުއްދަތައް ހޯދުމާއި އެ ކަމުގެ ހާއްސަ ބަޔަކު ހޯދައިގެން އެބަޔަކު ލައްވާ އެކަން ކުރަންޖެހޭ ގޮތަކަށް ކުރުމަކީ އޮޓަޕްސީ ހަދަންޖެހޭ ކަމަށް އިންޓަގްރިޓީ ކަމިޝަނަށް ނުނިންމެންވީ ސަބަބެއް ނޫނެވެ. ކޯޓު އަމުރަކާ ހަމަޔަށް ދާނީ ވެސް އެކަން ކުރަން ޖެހިއްޖެ ކަމަށް ބަޔަކު ނިންމައިގެން އެ އަސާސުގެ މަތީގައި ނޫން ހެއްޔެވެ. އަމުރު ދިނުމާ ނުދިނުން އެއީ ކޯޓުގެ ކަމެއް ތާއެވެ.

ގދ.ހޯޑެއްދޫ އަބްދުﷲ ރަޝީދު ނިޔާވީ ފުލުހުންގެ ބެލުމުގެ ދަށުގައި ވަނިކޮށެވެ. އެކަމުގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބެލުމަށް ކުރާ ތަހުގީގަށް އޮޓޮޕްސީ މުހިންމެވެ. އޭނާ ނިޔާވީ ހާޓުއެޓޭކެއް ޖެހިގެން ފަރުވާ ނުލިބި ލަސްވުމުންކަން ސާފުވާ ކަމަށް މިހާރު އާއިލާއިން ބުނެ ޕޯސްޓްމޯޓަމް ހެދުމުގެ ޒަރޫރަތެއް ނެތްކަމަށް ބުނުމުގެ ނިޔަތާމެދު ސުވާލު އުފެދެއެވެ. ފުލުހުންގެ މުއައްސަސާއަށް ތުހުމަތުކޮށް އާއިލާއާއި އިދިކޮޅު ސިޔާސީ ފަރާތް ތަކުން ދައްކާފައިވާ ވާހަކަ ތަކުން ޕޯސްޓްމޯޓަމް ނުހަދާ ހަށިގަނޑު ހޯދަން އުޅުމުގައި ހެޔޮ ނިޔަތް ނެތްކަން ވަރަށް ސާފެވެ. އެހެން ކަމުން ސުވާލެއް ނެތް ވަރަށް މައްސަލަ ތަހުގީގުކޮށް އިހުމާލުވާ ބަޔަކަށް ޝަރީއަތް ހިންގުމަށް އޮޓޮޕްސީ ހެދުމުގެ ޒަރޫރަތް މާ ބޮޑެވެ.