ގައްސާނަށް: ތިޔަ އުޅެނީ ރަން ފާހާނާތަށީގެ މަސްތުގާ
އުފެދުމުގައި ވެސް ރިޔާސީ މަސްތު ޖެހިފައި
ރިޔާސީ އެނދެއް މަތީ ބިސްދީ، އެ މައްޗަށް ބިސްއަޅާ، ބިސްފީވެ ފަތްފަޅާ ބޮޑުވި ފިޔޮއްގަނޑެއް މައި ފިއްލަވާލި ތަނާ މަގުމަތި ވުމަށްވުރެ އަސަރު ހުރިކަމެއް ނުއޮންނާނެއެވެ. އެރި އުޅުނު ފަތާ ފެންގަނޑާ ޗަކުޒީ ހުވަފެނުން ވެސް ފެންނާނެއެވެ. މެންދުރު ކެއުމަށް ތާކު ނުޖައްސާ ގެންނަ ޖަބުރޯލުކޯނި އަދިވެސް ކާހިތް ވާނެއެވެ. ދެކަމުދާ ރަން ފާހާނާ މަތިން ހިތް ނުކެނޑޭނެއެވެ.
އުފެދުމުގައި ވެސް ރިޔާސީ މަސްތު ޖެހިފައި ހުރި މީހަކަށް ވާވަރު އަދި ކުޑައެވެ. 30 އަހަރު ހަޒާނާގައި ބަގުޑި ބައްދައިގެން އޮތް ދެ އާއިލާއިން އުފަންވީ ކުރަތްޕަކަސް ރަސްކަމުގެ ހުވަފެން ދެކޭނެތާއެވެ. ބޯވަ ހެދިގެން ހުރިހާ ހަރަކަށް ތޮރުފި ގަނެގެން އުޅެނީ ވެސް އެހެން ވެގެން ތާއެވެ. ސިޔާސީ ކުޅި ކުޅޭގޮތް ބަދަލުވެ ބައި ބަހާލީމާ ކޮންމެ ބައެއްގެ ތެރެއަށް ފަލީތާ ވައްޓާލައިގެން ކޮންމެ ތާކުން ވެސް ނެތް މޮޅު ހޯދަން ތެޅެބާލާ ގޮތް ނެނގޭ އެކަކުވެސް މިހާރަކު ނޫޅެއެވެ.
އެންދެރިކާ މީހުންނަށް ނޫނީ ރަނގަޅަށް ކަމެއް ކުރެވޭ ކަމަށް އެބަ ވޭހެއްޔެވެ. ކޮންމެ ކަމެއް ކުރަން ވަނީ ވެސް މި އެންދެރިކާ މީހުން ބުނާ ގޮތަށޭ ހީވާކަހަލައެވެ. ރާއްޖެއަކީ (އެންދެރި-ކާމިނީ) މިލްކެކޭ އަދިވެސް ހީކުރަނީ ތާއެވެ. ގިތެޔޮ އެޅި ގުޅިއަކުން ވަހެއް ނުފިލާނެއޭ ބުނެވެނީ އެހެންވެ ތާއެވެ.
ބަނގުރޫޓު ވުމާ ދިމާލަށްދާ ސަރުކާރެއް ހޯދަން ގައްސާނުމެން ގައިވީދަނީ ކީއްކުރަން ހެއްޔެވެ. ގައްސާނު ބުނާ ގޮތުން ދަރަންޏަށް ލާރި ފޮއްޗެއް ދިއްކޮށްލާނޭ ބަޔަކު ވެސް ރާއްޖެ އަކަށް އޮތީ އެއްނޫނެވެ. އިންފްލޭޝަނަށް އަތްފޯރާނީ އެއް ނޫނެވެ. އަންނާނެ ޓޫރިސްޓަކު ހުރީއެއް ނޫނެވެ. މައްސަލަތައް ހައްލު ކުރަން ޓެކުސް ބޮޑު ކުރުމަކީ ނަތީޖާ ނެރެވޭނެ ކަމެއް ކަމަށް ވަނީއެއް ނޫނެވެ. ރިޔާސީ ވައުދު ތަކާއި ސިޔާސީ ވަޒީފާ ތަކާއި މަގާމު ތަކުގެ ގިނަކަމާ، ހަފުލާތަކާއި ދަތުރު ތަކުގެ ބޮޑު ކަމުން ހަރަދު ދެކޮޅެއް ޖެއްސޭކަށް އޮތީއެއް ނޫނެވެ. މި ވަރުގެ ކަމަކާ ހަވާލުވާން ލޮލުފިޔަ ނުޖެހިގެން ރޫޅި ވެރެނީ ދެން ކީއްވެ ހެއްޔެވެ. ރިޔާސީ މަސްތުން ހިތް ނުކެޑެނީ ތާއެވެ.
ތިޔަ އާއިލާގެ އެކަކު އަނެކަކާ ސިޔާސީ ގޮތުން ގުޅުމެއް ނެތް ކަމަށް ދައްކައިގެން ރައްޔިތުންނަށް ޗަރުކޭސް ދައްކަން ނުހަދާށެވެ. ތިރީސް އަހަރުގެ ޗަރުކޭސް ބަލާބަލާ ހިތު ދަހެވެ. ބަފާމީހާ ހައްރުކުރީމާ ދެކިލަން ނުދިޔައީ ވެސް ހީލަތްތެރި ކަމުން ނޫން ހެއްޔެވެ. ކުޑަ ބެއަށް ހިލަންވެ ދަނޑުން ބޭރުކޮށްފާނެ ތީ ނޫންހެއްޔެވެ. މާ އިންސާފާ ހަމަ ގަބޫލުކުރާ މީހެއް ކަމަށް ދެއްކެން ހީލަތްތެރި ރޭވުމަކުން ވެސް ނުދިޔަ ނުދިއުން މީހުން ސިފަ ކުރަނީ ރަހުމެއް ނެތް ހިލަ ހިތެއްގެ ވެރިއެއް ގޮތަށެވެ. އެހެން މީހުނާ ގައުމަށް އެދޭނެ ހެވެއް އޮންނާނެ ކަމަށް މީހަކު ގަބޫލެއް ނުކުރެއެވެ.
އަމިއްލަ އެދުމުން ފޯވެފާތިބޭ މުނާފިގުން ރައްޔިތުންގެ ކަން ކަމަށް ބަސްކީމާ ތެދެއް ވިޔަސް މީހަކު ތެދެއް ކަމަށް ގަބޫލެއް ނުކުރެއެވެ. މީހުން އަދިވެސް ގަބޫލުކުރަނީ ރަން ފާހާނާ ތަށީގެ މަސްތުގާ އުޅޭ ކަމަށެވެ.