2028 ރައީސް ޔާމީނަށް ލިބިވަޑައެއް ނުގަންނަވާނެ

ޔާމީން އަތްޕުޅުން މުއިއްޒު ޕީޕީއެމް ޖަހައެއް ނުގަންނަވާ

2028 ރައީސް ޔާމީނަށް ލިބިވަޑައެއް ނުގަންނަވާނެ

ރައީސް ޔާމީނެއް ކަމަކު ދެހަރާ ވާގޮތަށް ވާހަކަ ނުދައްކަވާށެވެ. އިރެއްގައި ޕީޕީއެމް - ޕީއެންސީ އަކީ އެކަށްޗަކަސް މިހާރު ތިޔައީ އެކައްޗެއް ނޫނެވެ. އެއްބައެއް ނޫނެވެ. އެއް ފިކުރެއް ވެސް ނޫނެވެ. 

ޕީޕީއެމް ފައުންޑަރ ރައީސް މައުމޫނަށް ކޯޓުން ޕީޕީއެމް ލިބިދާނެތީ އުފެއްދި ބެކަޕް ޕީއެންސީ، މިހާރު ބޮޑުވެއްޖެއެވެ. ޕީއެންސީ އަކީ ރައީސް ޔާމީންގެ ފިކުރެއް ނޫނެވެ. ޑރ. މުއިއްޒުގެ ފިކުރެވެ. 

ހަނދުމަފުޅު އެބަހުރި ތޯއެވެ. ޕީޕީއެމްގެ ރިޔާސީ ޓިކެޓް ޑރ. މުއިއްޒު ހޯއްދަވާން އުޅުއްވާ ކަމުގެ ތުހުމަތުގައި ސްލޫކީ މައްސަލަ ބައްލަވާ ފިޔަވަޅު އުޅުއްވަން މުއިއްޒާ ދެކޮޅަށް ރައީސް ޔާމީނު ކުރެއްވި މަސައްކަތްޕުޅު މުއިއްޒު ގައިމުވެސް ހަނދުމަފުޅު ހުންނާނެއެވެ. އެންމެ ފަހު ވަގުތާ ޖެހެންދެން ޓިކެޓް ދޫކޮށް ނުލައްވާ މުއިއްޒު ޖައްސަވަނީ ފަޔަށް ބަޑިކަމަށް ސިފަކުރެއްވި ހަނދުމަ ފުޅު ނެތޭހާ ދުވަހެއް ނުވޭ ނޫންތޯއެވެ. 

ޓިކެޓް އޮތްތަނަށް ޖަންޕު ޖައްސަވައިގެން މުއިއްޒު ހޯއްދެވި ޓިކެޓަކީ ރައީސް ޔާމީނު ދެއްވި ޓިކެޓެއް ނޫނެވެ. ވޯޓު ހޯއްދެވުމަށް ރައީސް ޔާމީނުގެ ކިތަންމެ ބޮޑު ފޮޓޯފުޅެއް ވިއްކެވިޔަސް ރައީސުލްޖުމްހޫރިއްޔާ ކަމަށް ރައްޔިތުން ވޯޓު ދިނީ ޑރ. މުއިއްޒަށެވެ.

ދަންނަވަން ތޯއެވެ. ރާއްޖޭގައި އަލަށް އުފެދޭ ސަރުކާރުގެ ރިޔާސަތުގައި ޕީޕީއެމެއް ނެތެވެ. ކުރިއަށް އޮތް ފަސް އަހަރު ރާއްޖޭގެ ރައީސް އާއި ނައިބު ރައީސާ ދެބޭފުޅުންނަކީ ވެސް ޕީއެންސީ ދެބޭފުޅުންނެވެ. 

އަޖައިބެއް ނުވާނެ ހެއްޔެވެ. ޕީޕީއެމާއި ޕީއެންސީ ކޯލިޝަން އެއްބަސްވުން އޮތީ ރައީސް ޔާމީނު ވެރިކަމަށް ގެނައުމަށެވެ. ޑރ. މުއިއްޒު ވެރިކަމަށް ގެނައުމަށް ހެދުނު ކޯލިޝަން އެއްބަސްވުމެއް ނެތެވެ. ޕީޕީއެމް މެންބަރުން މުއިއްޒަށް ތާއީދުކޮށް ވޯޓުދިނީ އެމްޑީޕީގެ ވެރިކަން ނިންމުމަށެވެ. ޕީޕީއެމްގެ ރައީސް ޔާމީނު މިނިވަން ކުރުމުގެ އުންމީދުގައެވެ. ޕީޕީއެމް ސަޕޯޓަރުން މުއިއްޒަށް ވޯޓު ދިނީ މުއިއްޒުގެ ރިޔާސީ ކެންޕޭނުގައި ޕީޕީއެމާ ހިޔާލު އެއްގޮތް ގިނަ ކަންތައް ތަކެއް ހުރެގެންނެވެ. ރައީސް ޔާމީނުގެ ޕަޕެޓަކަށް ޑރ. މުއިއްޒު ނުވާނެކަން އޭރުވެސް ސަޕޯޓަރުންގެ ގިނަ މީހުނަށް އެނގެއެވެ.

ރާއްޖޭގެ ރައީސް ކަމަށް އިންތިހާބުވެ ވަޑައިގަތުމާއެކު ޕީއެންސީގެ ރައީސް ކަމަށް މުއިއްޒު އިސްވެ ވަޑައިގެން ޕީއެންސީއަކީ ވަރުގަދަ ޕާޓީއަކަށް ހައްދަވާނެ ކަމަށް ވިދާޅުވީ ސަމާސާއަކަށް ނޫނެވެ. ތެދެކެވެ. ޕީއެންސީއަކީ ޕީޕީއެމް ކަހަލަ ގާނޫނީ ސަހުސެކެވެ. ޕީޕީއެމްގެ ގޮނޑިކޮއްކޮއެއް ނޫނެވެ. އެދުވަސް މާޒީވެއްޖެއެވެ.

ޕީޕީއެމުން ކެނޑިގެން ޕީއެންސީއަށް ސޮއިކުރުމުގެ ހައްގު ކޮންމެ ޕީޕީއެމް މެންބަރަކަށް ވެސް އޮންނާނެއެވެ. އެހެން މީހުންނެކޭ އެއްފަދައިންނެވެ. މިހާރު ފެންނަމުން އެދަނީ އެ މަންޒަރެވެ. ޕީއެންސީ ބޮޑު ބިޔަ ޕަޓީއަކަށް ވަމުން ދާތަނެވެ. ޕީއެންސީއަކީ ކުރިއަށް އޮތް ފަސް އަހަރު ރާއްޖޭގެ ވެރިކަން ކުރާނެ ޕާޓީ ކަމަށް ވާތީއެވެ. 

ވެރިކަން ކުރުމުގައި ޕީޕީއެމް ބައިވެރި ކުރުމާ ނުކުރުމުގެ ފުރިހަމަ ބާރު ޕީއެންސީއަށް މިއަދު އެބަ އޮތެވެ. ވެރިކަން ކުރުމުގައި ޕީޕީއެމް ބައިވެރި ކުރާކަން ކިތަންމެހާ ވެސް ރަނގަޅެވެ. އޭގެ ފައިދާ މަގުމަތީގައި ރައީސް ޔާމީނުގެ ދިފާއުގައި އުޅުނު ކިތަންމެ ބަޔަކަށް ކުރާނެއެވެ.

ރައީސް މައުމޫނު އަތްޕުޅުން ރައީސް ޔާމީނު ޕީޕީއެމް ޖަހައިގެންހެން ރައީސް ޔާމީން އަތްޕުޅުން ޑރ. މުއިއްޒު ޕީޕީއެމް ޖަހައެއް ނުގަންނަވާ ނޫންތޯއެވެ. ރައީސް ޔާމީނަށް ރައީސް ޔާމީނުގެ ޕީޕީއެމް އެބައޮތެވެ. މުއިއްޒު ބޮޑުކޮށް ބާރުވެރި ކުރުވަނީ ރާއްޖޭގެ ރައްއޔިތުން ވެރިކަން މަތިކޮށްފައިވާ ޕީއެންސީއެވެ. 

ރައީސް ޔާމީން ކިތަންމެ ހިތްޕުޅު ހަމަޖެހި ވަޑައިނުގަތަސް ކަންވެފައިވާ ގޮތުން ގިނަ ބަޔަކު ޕީއެންސީއަށް ވަންނާނެއެވެ. ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ފަހު ޕީޕީއެމް ވެއްޓުން ގާތީ ޑީއާރުޕީއާއި އެއްގޮޅިއަށެވެ. ޕީޕީއެމަށް ވުންގާތީ ޑީއާރުޕީއަށް ވެގެން ދިޔަ ގޮތެވެ.

ޕީއެންސީ ވެރިކަމުގައި އޮވެ ރައީސް ޔާމީނު ބަންދުގައި ހުންނަވާ ކޮންމެ ދުވަހަކީ ޕީޕީއެމްގެ ސައިޒު ކުޑަވެގެން ދާނެ ދުވަހެކެވެ. ރައީސް ޔާމީނު މިނިވަންކޮށް ހުންނަވާ ކޮންމެ ދުވަހަކީ ޑރ. މުއިއްޒުގެ ސިޔާސީ ކުރިމަގަށް އޮތް ޗެލެންޖެކެވެ. ރައީސް ނަޝީދު މިނިވަންކޮށް ބަހައްޓަވައިގެން އެމްޑީޕީގައި ރައީސް ސޯލިހު ކުރެއްވި ތަޖުރިބާ ނުކުރައްވާ ވޭތޯ ޑރ. މުއިއްޒު ބައްލަވާނެއެވެ. 

މުއިއްޒު ވެރިކަން ކުރައްވަން ފައްޓަވަނީ 10 އަހަރު ވެރިކަން ކުރެއްވުމަށް ކަމަށް ޕީއެންސީގެ ޗެއަރޕާސަން އަބްދުއްރަހީމް (އަދުރޭ) ވަނީ ވިދާޅުވެފައެވެ. މިހާ ހިސާބުގައިވެސް ރައީސް ޔާމީނު މިނިވަން ކުރައްވުމުގެ ނިޔަތް އޮތްނަމަ މިހާ ކުރިން މުއިއްޒު 10 އަހަރަށް އަމާޒު ނުހިއްޕެވީހެވެ. އެހެން އެކަން އޮތްނަމަ 2028 ވެސް ރައީސް ޔާމީނަށް ލިބިވަޑައެއް ނުގަންނަވާނެއެވެ.