މުއިއްޒަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޔާމީނު މިނިވަންކުރުން

ރައީސް ޔާމީނުގެ ބަސްމަގުގައި ހުރީ ދޫދެއްވުމުގެ ރާގެއްނޫން

މުއިއްޒަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޔާމީނު މިނިވަންކުރުން

ރައީސް ޔާމީނަކީ ގައިދީއެކެވެ. ދެ ހުކުމެއްގައި 12 އަހަރުގެ ޖަލު ބަންދު ދަނީ ތަންފީޒު ވަމުންނެވެ. ރ. ފުށްގިރި މައްސަލަ ދަށުކޯޓުގައި ރައީސް ޔާމީނާ ދެކޮޅަށް އެބަ ހިނގައެވެ. ވ. އާރަށުގެ މައްސަލައިގެ އިސްތިއުނާފީ މަރުހަލާ އޮތީ ހިނގަ ހިނގައެވެ. އިސްތިއުނާފްގެ ނަތީޖާ ނިކުންނާނެ ގޮތެއް އަދި ނޭގެއެވެ. ސްޕްރީމް ކޯޓަށް އިލްތިމާސް ކުރުމާ ނުކުރުން ވެސް ވެގެން ދާނެ ގޮތެއް އަދި ނޭގެއެވެ. ޑރ. މުއިއްޒުގެ ވެރިކަމުގައި ރައީސް ޔާމީނާ މެދު ސަރީއަތުގެ މަރުހަލާ ތަކުގައި ކަންތައް ވެގެންދާނެ  ގޮތަކާ މާތްކަލާނގެއާ ވަކީލެވެ. 

ހޮވި ވަޑައިގަތުމާއެކު ޕީޕީއެމްގެ ރައީސް ޔާމީން ގެއަށް ބަދަލުކޮށް ދެއްވުމަށް ގޮވާލެއްވިއެވެ. ސަޕޯޓަރުން އުފަލުން ފޮޅުނެވެ. ސަރުކާރުން ވެސް އެކަން ކޮށްދެއްވަން ވީ ލަހަކީ މުއިއްޒު ގޮވާލައްވަން ވީލަހެކެވެ. ރައީސް ޔާމީނު ގެ ވަފާތެރިންނަށް ހީކުރެވުނީ ލަހެއްނުވެ ދޫކޮށް ލައްވާނެ ކަމަށެވެ. ރައީސް ކަމުގެ ހުވާ ކުރައްވާމީ ރައީސް ޔަމީނު މިނިވަންކުރައްވާ އެމަނިކުފާނުގެ އަތްޕުޅުގައި ހިއްޕަވައިގެން ހުންނަވާ ކަމަށް ޑރ. މުއިއްޒު ވިދާޅުވެފައި ވާތީ އެހެން ނުވާނެކަމަށް ހީކުރެވޭކަށް ވެސް ނެތްތާއެވެ.

އެހެނަސް ކަންކަން ހިނގާ ތަރުތީބުވަނީ އެމަގުން ނޫން ކަމަށް ގުނަ ބަޔަކަށް ގަބޫލުކުރެވެން ފަށައިފިއެވެ. އެހެން ނޫވާންވީ ކީއްވެ ހެއްޔެވެ. ރައީސް ޔާމީނު ގެއަށް ބަދަލު ކުރެއްވުމާއެކު ސަޕޯޓަރުންގެ ކިބައިން އިންތިހާބީ ރައީސް އެދިވަޑައިގަތީ ރައީސް ޔާމީނު ދޫކޮށްލުމަށް ގޮވާލާ މަގުމައްޗަށް ނުނިކުތުމަށެވެ. ޑރ. މުއިއްޒުގެ އެދިވަޑައިގަތުމަކީ ރައީސް ޔާމީނާއި އެމަނިކުފާނުގެ ވަފާތެރިންނަށް ބަލައިގަނެވުނު ކަމަކަށް ނުވިއެވެ. ލަސްތަކެއްނުވެ ރައީސް ޔާމީނު މިނިވަން ކުރުމަށް ގޮވާލާ މަގުމައްޗަށް މީހުން ނިކުމެއްޖެއެވެ. 

ބަންދުގައި ހުންނެވިޔަސް އެ މަނިކުފާނުގެ ބަސްމަގުގައި އެހުރީ ދޫދެއްވުމުގެ ރާގެއް ނޫނެވެ. "މަގާމުތައް ލިބުނީމާ ފިނި ކޮޓަރި އަށް ވަދެ ކަންކަން ހަނދާން ނެތޭ ބޭފުޅުން ވަރަށް ގިނަ " ކަމަށް ވިދާޅުވުމުން ޑރ. މުއިއްޒާއި އެމަނިކުފާނުގެ ޓީމާމެދު ރައީސް ޔާމީނުގެ ހިތްޕުޅު ސާފުނޫންކަން ދޭހަވެއެވެ. ރައީސް ޔާމީނު ދެކެ ލޯބިވާ އާންމު ރައްޔިތުން ތިބޭނީ ގައުމުގެ ހައްގުގައި (ރައީސް ޔާމީނަށްޓަކާ) މަގުމަތީގައި ކަމަށް ވިދާޅުވެ މަގުމައްޗަށް މީހުން ނެރުމަށް ބާރު އަޅުއްވަނީ ސަމާސާ އަކަށް ނޫނެވެ. 

ބޮޑެތި ގޮނޑިތަކުގައި ތިބޭ މީހުންނަށް އެ ފަސޭހަތައް ލިބިގެން އެ ދިޔައީ ރައީސް ޔާމީނާއި ތިޔަ ރައްޔިތުން (ރައީސް ޔާމީނުގެ ސަޕޯޓަރުން) ކުރި މަސައްކަތުން ކަމަށް ވިދާޅުވެ ސަޕޯޓަރުންގެ ލޭ ހޫނު ކުރުވުމަކީ އަނދަމުންދާ އަލިފާނުގެ ހުރި ގިނީގެ ގަދަކަން އަންގާދޭ ކަމެކެވެ. "ކެރެން ވާނެ މަގުމަތީގައި އުޅެން. މަގާމުތައް ލިބުނީމައެއް ނޫން ބޮޑެތި ބަސްތައް ބުނަން ވާނީ. އެ މީހާގެ އެތެރޭގައި ހުރި ކަމެއް ދައްކަން ވާނީ އޭގެ ކުރިން،" ކަމަށް ވިދާޅުވެ ރައީސް ޔާމީނު ވަނީ ހިތްޕުޅުގެ އުދާސްތައް ބަންޑުން ކޮށްލައްވާފައެވެ.

ރައީސް ޑރ. މުއިއްޒު ކޯޓުތަކަށް އަތްޕުޅު ނުބާނުއްވާ ކަމުގެ ބަހަނާގައި ރައީސް ޔާމީނު ދޫކޮށްލެއްވުމަށް އެއްވެސް ކަމެއް ޑރ. މުއިއްޒު ނުކުރައްވާނެ ކަމަށް ރައީސް ޔަމީނުގެ ގިނަ ވަފާތެރިން މިހާ އަވަހަށް ދެކެންފަށައިފިއެވެ. އާރަށު މައްސަލަ ރައީސް ޔާމީނާ އެއްކޮޅަށް ނިމުނަސް ދައުލަތުން ސްޕްރީމް ކޯޓުގައި އިސްތިއުނާފް ކުރާނެކަމަށް ދެކޭ މީހުން މަދެއް ނޫނެވެ. ފުށްގިރި މައްސަލަވެސް ބާރަށް ހިންގާ ރައީސް ޔާމީނަށް ހުކުމްކޮށް ޖަލުގެ ތޭރިތަކުގެ ފަހަތުން ނުނެރޭނެ ކަމަށް ސިޔާސީ މުފައްކިރުން ލަފާކުރެއެވެ. ރައީސް ޔާމީނު ވީއްލިފާ ހުންނެވުމަކީ ރައީސް ނަޝީދުގެ ސަބަބުން ރައީސް ސޯލިހަށް ޖެހިވަޑައިގެން މުސީބާތަށް ވުރެ ބޮޑު މުސީބާތަކަށް ޑރ. މުއިއްޒަށް ވެވަޑައިގަންނަވާނެއެވެ.