މުއިއްޒުގެ ދީނީ ސަރުކާރަށް އަތްކަނޑާކަށް ނުކެރޭނެ!

މުއިއްޒަށް މަޖިލިސް ލިބުމުން ނިކަން ރަނގަޅަށް އިސްލާމީ ޝަރީއާ ތަންފީޒު ކޮށްލަބަލަ!

މުއިއްޒުގެ ދީނީ ސަރުކާރަށް އަތްކަނޑާކަށް ނުކެރޭނެ!
އެމްޑީޕީ ސަރުކާރު ލާދީނީ ވެގެން ކަންތައް ތަކެއް ނުކުރި ކަމަށް ބުނެ ބޮޑެތި ތުހުމަތުތައް ވެރިކަމަށް އަންނަން ވެގެން މުއިއްޒުމެން ކުރިއެވެ. ވެރިކަން އޮތީ ދީނީ ބައެއް ކަމަށް ދެއްކިގެން އުޅުނު މުއިއްޒުމެން އަތުގައެވެ. 
20 ވަނަ މަޖިލީހުގެ ސުޕަރ މެޖޯރިޓީއާއެކު ސަރުކާރު ބޭނުންނަމަ، މިޤައުމުގައި ނުކުރެވޭނެ އެއްވެސް ކަމެއް މިހާރަކު ނުއޮންނާނެއެވެ. މުއިއްޒު ބޭނުވެގެން ކުރަން އުޅޭކަމެއް ނުކުރެވި އޮތުމަކަށް ބަހަނާއެއް ހުއްޖަތެއް މިހާރަކު ނުއޮންނާނެއެވެ. މުއިއްޒުގެ ދީނީ ސަރުކާރުން ދީނީ ކަމެއް ކުރާކަށް އެއްވެސް ހުރަހެއް މިހާރަކު ނުއޮންނާނެއެވެ. 
އަންނަނިވި ބައެއް ކަންކަމަކީ ދީނީވެގެން އުޅޭ މީހުން ރާއްޖޭގައި ތަންފީޒުނުވާތީ ކަންބޮޑުވުން އެންމެ ބޮޑަށް އޮތް ބައެއް ކަންކަމެވެ. ރައީސް މައުމޫނާ ދެކޮޅަށްވެސް އެންމެ ބާރަށް ދެއްކިވާހަކަތަކެވެ. އެމްޑީޕީގެ ވެރިކަމެއް އަތުވެއްޖެނަމަ ކިޔާ ތަސްބީހަތަކެވެ. 
  • ބަނގުރަލާ އޫރުމަސް ވިއްކުން ހުއްޓުވުން
  • ރިބާގެ މުޢާމަލާތް ހުއްޓުވުން
  • ރިބާ ނަގާދިނުމަށް ހުކުން ކުރުން ހުއްޓުވުން.
  • މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުން.
  • އިސްލާމީ ޝަރީއަތާ އެއްގޮތަށް ޢަދުލަށް ހުކުމް ކުރުން.
  • ޝަރުއީ ހައްދު ގާއިމުކޮށް މަރަށް މަރުހިފުން.
  • ސްޕާތައް ބަންދުކޮށް ހަށިވިއްކުމުގެ ވިޔަފާރި ހުއްޓުވުން.

ބުނެވި ދިޔަ ކަންކަމަކީ ދައުލަތުން އަތްގުޅި ނުކާވަރު ހޭދަތަކެއް ނުކޮށްވެސް ކޮށްލެވެން ހުރި ކަންކަމެވެ. ގާނޫނުތަކާއި އުސޫލުތަކަށް ގެނެވޭ ބަދަލު ތަކަކުން ތަރުތީބުވެ ތަންފީޒު ކުރެވޭނެ ކަންކަމެވެ. ބޭނުންވާނީ ކެރުމެވެ. ހިތްވަރެވެ. 

ދީނަށް ލޯބިކުރާ މާއްދިއްޔަތަށް އަޅުވެތިނުވާ ލާދީނީ ކަމެއް ނެތް ސަރުކާރަކުން ކޮށްލާކަށް އެއިއްޔަކީ ބޮޑެތިކަންކަމެއް ނޫނެވެ. މުއިއްޒުމެން ބުނާ ލާދީނީ ސަރުކާރު ތަކަށް ކުރަން ނުކެރުނަސް މުއިއްޒުގެ ދީނީ ސަރުކާރަށް ވެސް އަތްކަނޑާކަށް ނުކެރޭނެއެވެ. ގިސާސް ހިފާކަށް ނުކެރޭނެ. ހައްދު ގާއިމު ކުރާކަށް ނުކެރޭނެއެވެ. މަޖިލިސް ލިބިގެން ނިކަން ރަނގަޅަށް މުއިއްޒު ސަރުކާރުން  އިސްލާމީ ޝަރީއާ ތަންފީޒު ކޮށްލަބަލާށެވެ.