ބޮޑުސޭޓް ދުއްވާލާ ކުރުސީ ވެރިކަމަށް އައުމުގެ އިންޒާރު
ވެރިކަން ފިރުކައިގަންނާނެ ކަމުގެ އިންޒާރު ހަސަން ކުރުސީ މިހާ ކުރިން އެ އޮތީ ދީފަ!
އެއްގޮތަކުން ނުވިއްޔާ އަނެއް ގޮތަކުން ވެރިކަން ޖަހައިގަތުމަކީ ހަސަން ކުރުސީގެ ނިޔަތެވެ. ބޭނުމެވެ. އުޅެއުޅެވެސް އިބޫ އަތުން ވެރިކަން ދަމައެއް ނުގަނެވުނެވެ. ބޮޑު ވަޒީރުކަން ނަމަވެސް ލިބޭނެ ގޮތެއް ވޭތޯ މަރުފަލި ޖަހައިފިއެވެ. ނިޒާމު ބަދަލުކޮށްގެން ބޮޑުވަޒީރުކަން ލިބޭތޯވެސް ލައްކަ ސަކަރާތް ޖަހައިފިއެވެ. ވީކަމެއް ހަރާމުން ހަރާމެވެ.
މަޖިލީހުން ލިބިއޮތް ސްޕަރމެޖޯރިޓީ ބޭނުން ކޮށްގެން މެންބަރުންނަށް ވަޒީރުކަމުގެ ހުވަފެން ދައްކައިގެން ބަރުލަމާނީ އަކަށް ބަދަލު ކުރަން ދެއްކި ޖާދޫއަކަށް މެންބަރުން ނުހެއްލުނެވެ. ގިނަ މެންބަރުން ކުރުސީއާއި ޖެހުނީ ފެޔަށެވެ. ނިޒާމު ބަދަލުކުރާ ވާހަކަ ނުދައްކާ ރިޔާސީ ޕްރައިމަރީގެ ވާހަކަ ނުދައްކަން ހުރި މީހާ ކުއްލިޔަކަށް ފެނުނީ ރިޔާސީ ޕްރައިމަރީގައި ވާދަކުރަން ނިކުތްތަނެވެ. ނިޒާމު ގޯހަސް ހެޔޮތާއެވެ. ވެރިކަން ލިބެންޏާ ނިޒާމް ގޯހެއް ނުވާނެއެވެ.
ހުތުރު ބައްޔަކުން ބަލިވެ ޓިކެޓް ގެއްލުމުން މަށަށް ނެތް ވެރިކަމެއް ގޯތި ކުއްޖަކަށް ވެސް ލިބިގެން ވާކަށް ނެތެވެ. ހެދުނު އެއްޗެއް ހަދައިގެން ބޭނުމީ ވެރިކަން ފިރުކައިގަތުމެވެ. އަމިއްލަ ޕާޓީ ދޫކޮށް ހަސަނު ކުރުސީ ބޮޑު ސޭޓް ފަހަތަށް ޖެހެލުމުގައި ދެ ބޭނުމެއް އެބައޮތެވެ.
ސޭޓަށް ރާއްޖޭގައި ނުކުރެވެނީ ވެރިކަން އެކަންޏެވެ. ވެރިކަން ކުރި މީހުންގެ ލިސްޓުގައި ސޭޓްގެ ނަން ޖަހާލެވެނިކޮށް ސޭޓަށް ނިމުނީއޭ ހަސަނަށް ހީވެއެވެ. ސޭޓްގެ ވެރިކަމެއްގައި ނިޒާމް ބަދަލުކޮށް ރަމްޒި ރައީސަކަށް ސޭޓް ބަހައްޓައިގެން ބޮޑުވަޒީރު ދައުލަތް ހިންގާގޮތް ހަދާ ބޮޑުވަޒީރަކަށް ވުމަކީ ކުރުސީގެ ފުރަތަމަ ވިސްނުމެވެ.
ކުރުސީގެ ދެވަނަ ވިސްނުމަކީ މާ ނުރައްކާތެރި ބިރުވެރި ވިސްނުމެކެވެ. ކުރުސީ ރަނިންގ މޭޓެއްގެ ގޮތުގައި ހުރެ ސޭޓަށް ވެރިކަން ހޯދާ ދިނުމެވެ. ސޭޓަކީ އުމުރުން ދުވަސް ވީ ބަލިމީހެއް ކަމުން ދައުރު ތެރޭގައި ވެރިކަން ނައިބު ރައީސްގެ އަތްމައްޗަށް ފޮރޮޅާލުމުގެ ނުބައި ވިސްނުމެވެ. ކުރުސީގެ ބޮލުގައި އެނބުރޭ ނުބައި ވިސްނުން ކެތްނުވެގެން އެންމެ ފަހުން ހާމަވެސް ކުރީއެވެ.
ހުރި ނުބައިކަން ދެކިބަލާށެވެ. ފާރިސް މައުމޫނުއާއި އަލީހުސައިން ފަދަ ބޭފުޅަކަށް ރަނިންގ މޭޓްކަން ނުދީ ޖުމްހޫރީގެ ރަނިންގ މޭޓްކަން ހަސަން ކުރުސީއަށް ދޭން އެ އޮތީ ގޮވާލާފައެވެ.
ހަސަން ކުރުސީ ރަނިންގ މޭޓަކަށް ލައިގެން ގާސިމް އިބްރާހީމް ގެ ވެރިކަމެއް ކުރަން ފަށައިފި ނަމަ ފުރަތަ ހަމަސް ތެރޭގައި ރައީސް ކަމުން ގާސިމް ވަކިވާން މަޖުބޫރު ކުރުވާނެ ކަމީ ޝައްކެއް ނެތް ކަމެކެވެ. ގާސިމް އިބުރާހީމް ވެރިކަމަށް ގެނައުމަށް ފަހު ވެރިކަމުން ވަކިކޮށް ވެރިކަން ފިރުކައިގަންނާނެ ކަމުގެ އިންޒާރު ހަސަން ކުރުސީ މިހާ ކުރިން އެ އޮތީ ދީފައެވެ. މަރުގެ އިންޒާރެއްގެ ގޮތުގައެވެ.