ގާސިމް ގުރުބާންކޮށްގެން ޔާމީނު ބާރުވެރި ކުރުން

ޖޭޕީގައި ތިބި ޕީޕީއެމް އެޖެންޓުންގެ އަސްލު ސިފަފާޅުވާނެ

ގާސިމް ގުރުބާންކޮށްގެން ޔާމީނު ބާރުވެރި ކުރުން

ޖުމްހޫރީ ޕާޓީ ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމީ ރާއްޖޭގެ އިސްތިގުލާލު ގެއްލޭތީ އިސްތިގުލާލު އަނބުރާ ހޯދަންކަމަށް ޖުމްހޫރީ ޕާޓީގެއައު ނައިބުލީޑަރެއް ކަމުގައިވާ އިގުބާލު އާދަމު ބުނުމުން ހައިރާނެއް ނުވެއެވެ. ހަތަރު އަހަރަށް ވުރެ ގިނަ ދުވަހު އަތް އަނބުރާލާފައި ވެރިކަމުގެ ބާރުގައި މެކިގަނެގެން އުޅުނުއިރު ތިޔަ ބުނާ އިސްތިގުލާލު އޮތީ މުކައްބަ ދަށުގައި ނޫނީ ފޮށާ ދަށުގައި ހެއްޔެވެ. 

އިއްޔެއާއި ޖެހެންދެން އަދި މިއަދުވެސް ސަރުކާރު ހިންގާ ކޯލިޝަނުގެ ދެވަނަ ޕާޓީއަކީ ޖޭޕީއެވެ. މި ކުރިއްޔާ ކުރިކަމެއްގައި ޖޭޕީގެ ބައިވެރިވުން އިންތިހައަށް އޮތެވެ. ރަނގަޅަށް ކުރެވުނު ކަމަކަސް ނުބަޔަށް ކުރެވުނުކަމަކަސް ޖޭޕީގެ ބައިވެރިވުން ނެތްކަމެއް މި ސަރުކާރުން ކޮށްފައެއް ނެތެވެ. ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގައި ޖޭޕީގެ ވަޒީރުންގެ ބާރުގަދަ ގަދައެވެ.

ޖޭޕީގެ ލީޑަރުގެ އަނބި ނަހުލާއަކީ ރާއްޖޭގެ ކަނޑާ ވަޔާ އެއްގަމު ދަތުރު ފަތުރާބެހޭ ބާރުގަދަ ވަޒީރެވެ. އެކަމަނާއަކީ ޖުމްހޫރީގެ ނައިބުލީޑަރެކެވެ. ދަނޑުފަގާއި ކަނޑުފަޅުގެ މުއްސަދިކަމާ ބެހޭ ވަޒީރަކަށް ހުންނެވީ އުފެދުނީއްސުރެ ޖޭޕީގެ ނައިބު ލީޑަރުކަން ކުރެއްވި ޑރ. ހުސައިނެވެ. މިހާރުގެ ވެސް ޓޫރިޒަމް ވަޒީރަކީ ޖުމްހޫރީއަށް ނިސްބަތްވެ ވަޑައިގަންނަވާ ޑރ. މައުސޫމެވެ. ސަރުކާރުގެ އެހެނިހެން ސިޔާސީ މަގާމުތަކުގައި ތިބިހާ ޖުމްހޫރުންގެ ވާހަކަ ދައްކާކަށް ނެތީމެވެ.

ވެންޓީލޭޓަރ ހިޔާނާތް ފެންމަތި ވަންދެން ހެލްތު މިނިސްޓަރ ކަމުގައި ހުންނެވީ މިފަހަރުގެ ޖުމްހޫރީ ރިޔާސީ ކެންޑިޑޭޓްގެ ތަރުޖަމާން އަބްދުﷲ އަމީންއެވެ. މުއައްޒަފުންނަށް ޖިންސީ ފުރައްސާރަ ކުރުމުގެ ކަންތައްގަޑެއް ތިލަވެ އިސްތިއުފާ ދެއްވަންދެން ޓޫރިޒަމް މިނިސްޓަރކަން ކުރެއްވީ އޭރު ޖުމްހޫރީ ޕާޓީގެ ރައީސް ކަމުގައި ހުންނެވި އަލީ ވަހީދެވެ. 

ޓެލެކޮމިނިކޭޝަން ވަޒީރަކަށް ހުރީ ޖުމްހޫރީން ސްލޮޓް ލިބިގެން ވަޒީރުކަމުގައި ހުއްޓާ އިތުބާރު ނެތް ކަމުގެ ވޯޓަކުން މަގާމު ގެއްލުމުން މިހާރު ޕީޕީއެމަށް ލައްގައިގެން އެ އުޅޭ މަލީހެވެ. އަމިއްލަ ތަފާލުގައި ދަނޑިން ތެޅުމުގައި ދެވަނައެއް ނެތް މަލީހެވެ. 

ހަމަތެދެކެވެ. މި ސަރުކާރުން ކުރިކަމެއް ކުރީ ޖޭޕީގެ ބައިވެރިވުމާ އެކުއެވެ. މިހާރު ގެއްލޭ އެއްޗެއް ގެއްލިފައި އޮންނާނީ ޖޭޕީގެ ބައިވެރިވުން ވަރަށް ބޮޑަށް އޮވެގެންނެވެ. މިސަރުކާރުން ގޯސްކޮށް ކަމެއް ކޮށްފައި އޮތްނަމަ  އިގްބާލުމެން ޓްވީޓެއް ކޮށްލައިގެން އެ ޒިންމާ އަކުން ޖޭޕީއަކަށް ވަކި ނުރެކެވޭނެއެވެ.

ހަގީގަތަކީ އެއީއެއް ނޫނެވެ. އިސްތިގުލާލު ގެއްލޭތީ ޖޭޕީއަކުން ނޫޅެއެވެ. އެކަމާ އުޅޭނީ ހިނގާ ކަމެއް ނަމަތާއެވެ. އިގުބާލުމެން ދައްކަން ތިޔަ އުޅެނީ ޕީޕީއެމުން ދައްކާ އިންޑިއާ އައުޓުގެ ވާހަކަ ނޫން ހެއްޔެވެ. އިންޑިއާ އައުޓް ކެންޕޭނަކީ ފެށުނީއްސުރެއް ޖޭޕީން ދެކޮޅު ކެންޕޭނެކެވެ. ޕީޕއެމްގެ ހަރަކާތް ކުއްވެރިކޮށް ޖޭޕީން ވަނީ ބަޔާންވެސް ނެރެފައެވެ.

ރާއްޖެއާއި އިންޑިއާއި އުފެދިފައިވާ ގާތްގުޅުމާ އިތުބާރަށް ހިޔަނި އެޅޭނެ އެއްވެސް ކަމެއް ވުމަކަށް ޖޭޕީ ނޭދޭނެއެވެ. އެހެނެއް ކަމަކު ކުއްލިޔަކަށް އިސްތިގުލާލް ގެއްލޭ ޖޭޕީ ވެރިކަމަށް ނިކުންނަ ކަމަށް ވެއްޖެއެވެ. މިވަރު ބަޔަކު ކުއްލިޔަކަށް އިސްތިގުލާލު ގެއްލިގެން ތެޅިގަތީމާ ތިޔަ ވަނީ ކީއްކަން އެބަ ސާފުވެއެވެ. ޖޭޕީގެ ނަމުގައި އިގުބާލުމެން ގަދަ ބަސްބުނަން ތިޔަހެންކޮށްލާ ކަމަކުން ފެންނަނީ ފޮރުވިގެން އުޅޭ އަސްލު ސިފައެވެ. 

އޮއިވާލި ކަނދުފަތީގައި މަސް އަޅާހެން ރިޔާސީ އިންތިހާބާ ދިމާކޮށް ޖުމްހޫރީގައި ވަދެ އަތްގަދަކޮށް ހިސޯރުކޮށްގެން ސޭޓުގެ ތިޖޫރީގެ ދޮރުފަތް ނައްޓާލައިގެން ތިބެ ޔާމާލާ ނަގާ ޕީޕީއެމް އެޖެންޓުން ކިބައިން އަސްލު ސިފަފާޅުވާނެއެވެ. ދައްކާނީ ޕީޕީއެމުން ދައްކާ ވާހަކައެވެ. ކުރާނީ ޕީޕީއެމުން ކުރާކަންތަކެވެ. އާހިރުގައި ނަތީޖާ އަކީ ގާސިމް ގުރުބާން ކަންބަޅިއަކަށް ހަދައިގެން ޔާމީނު ބާރުވެރި ކުރުމެވެ.