ދުނިޔޭގެ އެންމެ މަގުބޫލު 10 ސީރީޒްގެ ތެރޭގައި ކޯރާ ސީޒަން2

ދުނިޔޭގެ އެންމެ މަގުބޫލު 10 ސީރީޒްގެ ތެރޭގައި ކޯރާ ސީޒަން2

މޯނާ ސިންގް އާއި ބަރުން ސޮބްތީ މުހިންމު ރޯލުތަކުން ފެނިގެންދާ "ކޯރާ" ސީޒަން 2 އަށް ނެޓްފްލިކްސްގައި ބޮޑު ތަރުހީބެއް ލިބެމުންދާއިރު، އިނގިރޭސި ނޫން ބަސްބަހުން އުފައްދާފައިވާ ސީރީޒްތަކުގެ ތެރެއިން ދުނިޔޭގެ "ގްލޯބަލް ޓޮޕް 10" ލިސްޓުން މި ސީރީޒް ވަނީ ޖާގަ ހޯދާފައެވެ.

ސުދީޕް ޝަރުމާ އުފައްދާފައިވާ މި އިންވެސްޓިގޭޓިވް ކްރައިމް ތުރިލާ ފެބުރުއަރީ 11 ގައި ރިލީޒްކުރުމާ އެކު، ފިލްމީ މާހިރުންނާއި އާންމު ބެލުންތެރިންގެ ފަރާތުން ވަނީ ވަރަށް މަތީ ތަރުހީބެއް ލިބިފައެވެ. ނެޓްފްލިކްސްގެ "ޓޫޑޫމް" އިން އާންމުކުރި ފެބުރުއަރީ 9 އިން 15 އަށް ހިމެނޭ ހަފުތާގެ ތަފާސްހިސާބުތަކަށް ބަލާއިރު، އިނގިރޭސި ނޫން ސީރީޒްތަކުގެ ތެރެއިން މި ސީޒަން ރޭންކް ކުރެވިފައިވަނީ ދުނިޔޭގެ 10 ވަނައިގައެވެ.

މި ސީރީޒް ރިލީޒްކުރިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި 1.6 މިލިއަން ވިއުސް ލިބިފައިވާއިރު، ބެލުންތެރިން ވަނީ ޖުމލަ 7.7 މިލިއަން ގަޑިއިރު މި ސީރީޒް ބަލާފައެވެ. މީގެ އިތުރުން ދުނިޔޭގެ 11 ގައުމެއްގެ އެންމެ މަގުބޫލު 10 ސީރީޒްގެ ލިސްޓުގައި މި އުފެއްދުން ހިމެނިފައިވުމީ ބައިނަލްއަގުވާމީ ގޮތުން މި ސީރީޒަށް އޮތް ތަރުހީބު ހާމަވާ ކަމެކެވެ.

އެކްޓަރުންގެ މޮޅު ހުނަރާއި ކުޅަދާނަ ވާހަކަ ދެއްކުންތެރިކަމުގެ ސަބަބުން، "ކޯރާ" ސީޒަން 2 ވެފައިވަނީ މިހާރު ނެޓްފްލިކްސްގައި އެންމެ ގިނަ ބަޔަކު ވާހަކަދައްކާ އިންޑިއާގެ ސީރީޒަށެވެ. މިއީ މި ސީރީޒަށް ދުނިޔޭގެ ފެންވަރުގައި ލިބުނު އިތުރު ކުރިއެރުމެކެވެ.