ބަރުލަމާނީ ނިޒާމަށް ރައީސް ސޯލިހުގެ ތާއީދެއްނެތް!

ރާއްޖޭގައި އޮތީ ކޮންމެހެން ވެރިކަންކުރާ ނިޒާމުގެ މައްސަލައެއް ނޫންކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއެވެ. ރަނގަޅަށް ވެރިކަން ކުރައްވަން ބޭނުންފުޅުވާ ބޭފުޅަކަށް ގާނޫނު އަސާސީ ޖާގަދޭ ކަމަށް އެ މަނިކުފާނު ވިދާޅުވެއެވެ. އަދިވެސް ރައީސް ސޯލިހު ތާއިދު ކުރައްވަނީ ރިޔާސީ ނިޒާމަށެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރާއްޖެ ޓީވީގެ ފަލަސުރުހީގައި ރޭގައި ވިދާޅުވި ގޮތުގައި ރައްޔިތުންގެ ވެރިއަކަށް ހުންނަންވާނީ ސީދާ ރައްޔިތުން އިންތިހާބުކުރާ މީހެކެވެ. މަޖިލީހުގައި މެޖޯރިޓީ އޮންނަ ބަޔަކު ހޮވާ ބޮޑުވަޒީރަކު ލައިގެން ސަރުކާރެއް ހިންގާކަށް ރައީސް ސޯލިހު ތާއީދެއް ނުކުރައްވައެވެ.
" ކޮންމެހެން ނިޒާމުގެ މައްސަލައެއް ނޫން މިއުޅެނީ.
އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައްޔިތުންގެ ވެރިއަކަށް
ހުންނަންވާނީ ސީދާ ރައްޔިތުން އިންތިހާބުކުރާ މީހެއް." ރައީސް ސޯލިހު
ރާއްޖެއަށް އެންމެ ރަނގަޅުވާނީ މިހާރުވެސް މިއޮތް ރިޔާސީ ނިޒާމާއިގެން ކުރިއަށް ދިއުންކަމަށް ރައީސް ސޯލިހު ދެކިވަޑައިގަންނަވައެވެ. ވެރިކަން ހިންގުމުގައި ނިޒާމަށްވުރެ ބޮޑަށް ވެރިކަމަށް އަންނަ ބޭފުޅެއްގެ ވިސްނުމާއި ފިކުރު އޭގެ މައްޗަށް ބިނާވާ ކަމަށް ރައީސް ސޯލިހު ދެކިވަޑައިގަންނަވައެވެ.
ރައީސް ސޯލިހު ވިދާޅުވަނީ އިސްލާހު ކުރަންޖެހޭ ކަންކަން ހުންނާނެ ކަމަށެވެ. ގާނޫނު އަސާސީގައިވެސް އިސްލާހު ކުރަންޖެހޭ ކަންކަން އެބަހުރި ކަމަށެވެ. އިސްލާހު ކުރަންޖެހޭ ކަންކަން އިސްލާހު ކޮށްގެން ކުރިއަށް ދެވޭނެ ކަމަށް ރައީސް ސޯލިހު ދެކިވަޑައިގަނެއެވެ.
ރިޔާސީ ނިޒާމާއި ބަރުލަމާނީ ނިޒާމުގައި ރަނގަޅު ކަންތަކާއި ގޯސް ކަންތައްތަކެއް ހުއްޓަސް ރާއްޖެއަށް އެންމެ ރަނގަޅު ނިޒާމަކީ ރިޔާސީ ނިޒާމުކަމަށް ރައީސް ސޯލިހު ގަބޫލުފުޅު ކުރައްވައެވެ. ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެއް ޕާލަމެންޓޭރިއަން ކަމުގައިވާ ރައީސް ސޯލިހު ތާއީދު ކުރައްވަނީ ވެސް ރިޔާސީ ނިޒާމާއެކީގައި ރާއްޖެ ކުރިއަށް ދިޔުމަށެވެ.