ދޮގުނުކުރެވޭނެ ހަގީގަތް: މީހުން ބިނާކުރުމުގައި އިބޫ
ސްކޫލުތަކުގެ ތަފާތު ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީކޮށްފަ
ވަރަށް ބޮޑު ތެދުފުޅެކެވެ. ގައުމު އާރާސްތުވާނީ ޒުވާނުން ބިނާވެގެންނެވެ. އެކަމަށް އިސްކަންދީގެން ކުރާ ހާއްސަ މަސައްކަތްތަކެއް އެބަ ކުރެވެއެވެ. ތައުލީމީ ނިޒާމް މުޅިރާއްޖޭގާ އެއްހަމަކުރުމަށް ބޭނުންވާ ވަސީލަތްތައް ފުރިހަމަ ކުރުމަށް ކުރެވޭ ގިނަކަންކަން ފާހަގަ ކުރަންޖެހެއެވެ. ރައީސް ވިދާޅުވާހެން ހެނދުނު ހެނދުނާ އިނގިލިކުރީލައިގެން ގެންގޮސް ދަރިފުޅު މަދަރުސާގެ ދޮރުން ވައްދަނީ ބޭނުމަކުއެވެ. ސްކޫލްތަކުގައި ކިޔަވަން ތިބި ދަރިވަރުންގެ އަދަދާއި ލިބެންހުރި ވަސީލަތްތަކާ ދިމާނުވުމަކީ ކުރިއްސުރެ އޮތް ދަތިކަމެކެވެ. ރައީސް ސާލިހު ސަރުކާރާ ހަވާލު ވަޑައިގެން އިރު އެކަން އޮތީ އެކި ތަންތާ އެކިވަރަށް ތަފާތުކޮށެވެ. ދަތި އުދަގޫތައް އިންތިހާގައެވެ.
ސްކޫލުތަކުގެ ތަފާތު ކުޑަކޮށް ދަތިތައް ހައްލުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ހުސްވި ހަތަރު އަހަރު ވަނީކޮށްފައެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގާ 1578 ކްލާސްރޫމް އިތުރު ކޮށްފިއެވެ. 85 މަލްޓިޕާޕަސް ހޯލް ދަނީ ނިމެމުންނެވެ. ތައުލީމީ ދާއިރާއާ ގުޅޭ އިތުރު 509 އުމުރާނީ މަޝްރޫއު އެދަނީ ހިނގަމުން ނިމެމުން ބާރަށް ކުރިއަށެވެ.
އާދޭހެވެ. ފެންވަރު ރަނގަޅު ތައުލީމީ ނިޒާމެއްގެ ބިންގަލަކީ ފެންވަރު ރަނގަޅު މުދައްރިސުންނެވެ. މުދައްރިސުންނަށް ބޭނުންވެ ނުވެހުރި ވަރަށް ގިނަ ބޭނުންތައް މިވެރިކަމުގައި ފުރިހަމަކޮށް ދީފިއެވެ. އުފުލާލެވުނު މުސާރައިގެ ކުރިއެރުން އެކަނިވެސް ހެއްކަކަށް ފުދެއެވެ.
އަނެއްކޮޅުން ހުރިހާ އަތޮޅެއްގާ މަތީ ސާނަވީއަށް ކިޔެވުމުގެ ފުރުސަތެއް ނެތް ނެތުން މިވެރިކަމުގައި ނިމުމަކަށް ގެނެސް މުޅި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މިހާރު މަތީ ސާނަވީއަށް ކިޔެވޭނެ ފުރުސަތު ފަހިކޮށްދީފިއެވެ.
ހަމަ އެހެންމެ ބިނާކުރަނިވި އާ ޖީލެއް އުފެއްދުމަށްޓަކާ އެޅުނު އެންމެ މުހިންމު ބިންގަލަކީ ހިލޭ ޑިގްރީ ޕްރޮގްރާމެވެ. ފުރަތަމަ ޑިގްރީއާ ހަމައަށް ހިލޭ ކިޔެވުމުގެ ފުރުސަތު ހަމަ ކޮންމެ ދިވެހި ޒުވާނަކަށް މިއަދު އެބަ އޮތެވެ. 16315 ދަރިވަރުން ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމްގައި މިހަތަނަސް ބައިވެރި ވެއްޖެއެވެ. 6500 އަށްވުރެ ގިނަ ދަރިވަރުން ދަސްވެނިވެ ނިމިއްޖެއެވެ.
ކޮންމެ މަޔަކާ ބަފައަކާއި ބެލެނިވެރިއެއްގެ ރޭނިދި ގެއްލި ދިއުމަށް ތަސައްލީ ހޯދާދީފިއެވެ. އެކަމުގެ ކަންބޮޑުވުން މުޅި ރާއްޖެއިން ނައްތާލެވިއްޖެއެވެ.
ރާއްޖެއިން ބޭރުން މަތީ ތައުލީމުގެ ލޯން ފުރުސަތަށް އެދޭ ދަރިވަރުންގެ އަދަދު ގިނައެވެ. އެދަރިވަރުންނަށް ފަހިކޮށްސަރުކާރުން ދޭ ލޯނުގެ އަދަދު އެތައް ގުނައެއް އިތުރުކޮށް ދީފިއެވެ.
މިހާތަނަށް މިސަރުކާރުން 1986 ދަރިވަރަކަށް ސްޓޫޑަންޓް ލޯނު ދީފިއެވެ. ކުރިން %5 ގައިހުރި އިދާރީ ފީ %1 އަށް ކުޑަކޮށްދީ ލޯނު އަނބުރާ ދެއްކުން 20 އަހަރަށް އިތުރުކޮށް ދީފިއެވެ. އަނެއްކޮޅުން ކުރީގެ ބޮޑު ރޭޓްގައި ދެއްކި ފައިސާ ވާނީ ޖުމްލަ ލޯނު އަދަދުން އުނިކުރެވިފައެވެ. އުފާވާ ކަމަކީ މީގެކުރިން ސްޓޫޑަންޓް ލޯނު ނަގައިގެން ކިޔެވި ކުދިންގެ ކަންބޮޑުވުންތަކެއް އަދިވެސް ހުރުމުން އެ ބުރަތައް ކުރިއަށް އޮތްތަނުގައި ލުއިކޮށްދިނުމަށް ރޭވިފައި އޮތަތީއެވެ.
6000 އަށްވުރެ ގިނަ ހުނަރުވެރިން ވަޒީފާގެ ބާޒާރާ މަސައްކަތު މާހައުލަށް ފައްކާ ކުރެވެމުން ދާއިރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޖޫނިއަރ ކޮލެޖްތަކާއި ޓިވެޓް ސެންޓަރުތަކާއި ޕޮލިޓެކްނިކް ސެންޓަރުތައް ގާއިމްކުރަމުން ދަނީ ފަތުއަޑު ކިޔާފައެވެ. އެގޮތުން ރ. އަލިފުށީގެ ޓިވެޓް ސެންޓަރާއި ހއ. ދިއްދޫ ގެ ޖޫނިއަރ ކޮލެޖްގެ ޢަމަލީ މަސައްކަތް އެދަނީ ހިނގަމުންނެވެ. ކ. ތުލުސްދޫ ޕޮލިޓެކްނިކް ސެންޓަރާއި ނ. ކެނދިކުޅުދޫ ޖޫނިއަރ ކޮލެޖް މިހާރުވަނީ ކޮންޓްރެކްޓަރާ ހަވާލުކޮށްފިއެވެ. ކުޅުދުއްފުއްޓާއި ފުވައްމުލަކު ޓިވެޓް ސެންޓަރާއި ނ. ވެލިދޫ ޖޫނިއަރ ކޮލެޖްގެ މަސައްކަތް އޮތީ ކުރިއަށެވެ.
ޝުކުރުވެރިކަމާ އެކު ރުހުމުގެ ލޮލަކުން ނުދުއްޓަސް މިހުރީ ނުހިނގާ ކަންކަމަކަށް ނުހެދޭނެއެވެ. ދެކޭ އެއްވެސް މީހަކަށް ދޮގުނުކުރެވޭނެ މި ހަގީގަތްތައް އެހުރީ ދިމާލަށް ފެންނާށެވެ.