ނަޝީދު ވެސް ދަރަނި އަދާކުރަން ނެގީ ދަރަނި
ވެރިކަން ހޯދަނީ އެއިރަކު ގައުމުގައި އޮތް އަރަންޏަކާއި ދަރަންޏަކަށް ޒިންމާ ވެގެން
ވެރިކަމުގެ މަސްތުގައި ރައީސް ނަޝިދެއް ކަމަކު ވައި އަނގަ ނުތަޅުއްވާށެވެ. ދެބޯގެރި ދުއްވައިގެން ދިވެހިން މިއަދަކު ޅޮސް އުނދޯއްޔަކަށް ނުލެވޭނެއެވެ. 2008 ގައި ވެރިކަމަށް ވަޑައިގެންނެވީ ވެސް ދަރަނީގެ ވާހަކަ ދައްކަވައި ގެންނެވެ. ރައީސް މައުމޫނު ވެރިކަމުގައި އުފަން ނުވާ ކުދިންގެ ބޮލަށްވެސް ދަރަނި ނަންގަވާ ގައުމު ދަރުވާލާފައި އޮވެގެން އަވަހާރަ ނުލެއްޕެވިގެން ނަޝީދު އުޅުއްވިއެވެ. ވެރިކަން ލިބި ވަޑައިގަތުމުން ކުރެއްވި ކަމަކީވެސް ދަރަނި އަދާކުރަން ދަރަނި ނެންގެވުމެވެ. އޭރު އެ ކަމަކީ ހަލާލު މޮޅު ކަމެކެވެ.
އާނއެކެވެ. ވެރިކަން ހޯދާ މީހަކު ވެރިކަން ހޯދަނީ އެއިރަކު ގައުމުގައި އޮތް އަރަންޏަކާއި ދަރަންޏަކަށް ޒިންމާ ވެގެންނެވެ. ދަރަނި އަދާ ކުރާނެ ގޮތާއި އާމްދަނީ ހޯދާނެ ގޮތްތައް އެކަށައަޅައިގެންނެވެ. ރައީސް ނަޝީދު ވެރިކަމަށް ވަޑައިގެން ދައުލަތުގެ އެތައް މިލްކިއްޔާތެއް ސަރުކާރުގެ ކޮންޓްރޯލު ނުއޮންނަހެން ބޭރަށް ލީޒް ކުރެއްވިއެވެ. ކަސްޓަމް ޑިއުޓީ ނަގަމުން ރައްޔިތުންގެ އަތުން ޓެކްސް ނަގަންގަވަން ފެއްޓެވިއެވެ. އާއްމު ރައްޔިތުންނަށް އާމްދަނީ ހޯދޭނެ ކުރު މަގެއް އޭރަކު ރައީސް ނަޝީދަކަށް ވެސް ނުދެއްކެވުނެވެ. ބަޖެޓް ޑެފެސިޓް ނުވާނެ ގޮތެއް ނުހެއްދެވުނުތާ އާމްދަނީއާއި ހަރަދު އެއް މިންވަރަކަށް ނުގެންނެވުނެވެ. ކަންމަތީ ފިހާރައިގެ ދަރަނި ކަނޑުވައެއް ނުލެއްވުނެވެ. އަތްފޯރާ ފަށަށް މުދަލުގެ އަގު ތިރިއެއް ނުކުރެއްވުނެވެ. އިންފްލޭޝަން މަތިވުން ނުހުއްޓުވުނެވެ. އާމްދަނީ ހޯދޭނެ ވަސީލަތްތައް ގާއިމެއް ނުކުރެއްވުނެވެ.
މައުމޫނު ވެރިކަމުގައި ނަގާފައިވަ ދަރަނި އަދާކުރަން ނަޝީދު ވެރިކަމުގައި ލޯނު ނުނަގާ ފަރަކު ނުޖެއްސުނެވެ. ނަޝީދު ވެރިކަމުގެ ދަރަނިތައް އަދާ ކުރަން ޔާމިނުގެ ވެރިކަމުގައި ލޯނު ނަގަން ޖެހުނެވެ. އެހެން އެކަން އޮތް އިރު، ޔާމީންގެ ވެރިކަމުގައި ނަގާފައިވާ ދަރަނި ދެއްކުމަށްޓަކައި މި ސަރުކާރުން ދަރަނީގެ މައްޗަށް ދަރަނި ނަގާ ވާހަކަ ރައީސް ނަޝީދު ދެއްކެވުމަކީ ތަފާލެއްގައި ދަނޑިން ތެޅުން ކަހަލަ ކަމެކެވެ.
ހަމަތެދެކެވެ. ދިރުމެއް ނެތް ފިކުރެއް ދިރުވާކަށް އެމްޑީޕީ މިއަދަކު ނޫޅެއެވެ. ހިނގާ އުމްރާނީ މަސައްކަތް ތަކަކީ ތަރައްގީ ނޫންކަމަށް ދައްކާ ފިކުރަކީ ފިކުރެއް ނޫނެވެ. ރައްޔިތުން ބޭނުން ވަނީ ތަރައްގީއަށްޓަކާ މީހުން އުޅޭ ކޮންމެ ރަށަކީ އުމްރާނީ އަސާސީ ހިދުމަތްތައް ލިބޭ ތަނަކަށް ވުމެވެ. ނަޖިސްފެނުން ފެންވަރައިގެން ކިސަޑުފެން ބޮއެގެން ލަފާނުފުރޭ ބަޔަކަށް އަންނާނެ ތަރައްގީއަކީ ވައި އަނގަ ތަރައްގީއެވެ. ރައްޔިތު މީހާ ރަށުގައު ހުރެ ޖީބަށް ފައިސާ ވަންނާނެ ގޮތަކީ ކޮންމެ ރަށަކީ މަސައްކަތުގެ ވެއްޓެއް އޮތްތަނަކަށް ނެދުމެވެ.
ލިބޭ އާމްދަނީ ކުރެވޭނީ ފަސޭހަކަމާއި އަވަސް ކަމާއެކު ރަށްރަށަށް ދަތުރު ފަތުރު ކުރެވި އަރާފައިބަން ފަސޭހަ ވެގެންނެވެ. ކަރަންޓާ ފެނާ ނަރުދަމާގެ ހިދުމަތް ފެންވަރު ކުރި ގޮތެއްގައި ދެވިގެންނެވެ. އިގުތިސާދީ އިންޖީނު ހިނގައި ގަންނާނީ ހުރިހާ ހުރިހާ ފިސްޓަނެއް އެކު އެކުގައި ރަގަޅަށް ހިނގައިގެނެވެ. ރައީސް ސާލިހު އެކުރައްވަނީ އެ މަސައްކަތްޕުޅެވެ. ސިޔާސީ ބޭނުމުގައި ވޯޓު ހޯދަން ތަޅާ ވައިއަނގައިން ރައްޔިތުމިހާގެ ޖީބު ފުރޭނެ ނަމަ އެކަން ދިވެހިންނަށް ވާނެތާ ކޮން ދުވަހެއް ހެއްޔެވެ.