ކަނޑުގައި ރޮގުދަމަށް ތިއްބާ ސޯލިހު ފަހަތަށް މުޅިގައުމު
މަގޫދޫ އެއްބައެއްގެ ގޮތުގައި ރައީސް ސޯލިހު ފަހަތްޕުޅުގައި
ކޮންމެ ރެއަކު އިރާދަމުން ބައެއްގައި ބަޔަކު ހުކުން ހަރާން ކުރަނީއެވެ. އަނެއް ބަޔަކު ފިކުރެއްގައި މަސްތުގައި ވާނުވާގައެވެ. އަނެއް ބަޔަކު ކަނޑުމެދުގައި ކަނދުފަތި އަޅައިގެން ރަނބަ ގިރަނީއެވެ. އަނެއް ބަޔަކު މައިދާން ލޮލަށް ނުފެނި އައްޑަނަ ނަގައިގެން ދިފާއު ވަނީއެވެ. އެ އެންމެން ގަނޑު މަސްހުނި ގަނޑެއްހެން އެކުވެ ފޯކަސްގެއްލި ކަނޑުގައި ރޮގުދަމަށް ތިއްބާ ރައީސް ސޯލިހު ފަހަތަށް މުޅިގައުމު އެކުގައި އަރާ ނިމެނީއެވެ. ފާފު އަތޮޅުން ދައްކަނީ އެމަންޒަރެވެ. އެ ހަގީގަތެވެ.
މަގޫދޫ ތަރައްޤީވަމުން ދަނީ މަގޫދޫ ރައްޔިތުންގެ އެއްބައިވަންތަކަމުންނެވެ. ހިނގަމުންދާ ކަންކަމުގެ އިތުރުން މަގޫދޫގެ ތަރައްޤީއަށް ސަރުކާރުން ހިންގާނެ މަޝްރޫޢުތަކުގެ ތެރޭގައި މަގޫދޫގެ ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ހެދުން ހިމެނެއެވެ. މަގޫދޫ ފަޅުގައި ރަށެއް ހިއްކައިގެން ރިޒޯޓު ހެދުމުގެ މަސްވަރާތައް ވަނީ ފެށިފައެވެ. ސަރުކާރުން އެ ދައިރާގައި ހިންގަމުންދާ އެންމެ ބޮޑު ޕްރޮޖެކްޓަކީ މަގޫދޫގައި އަޅާ އެއަރޕޯޓެވެ.
ރައީސް ސޯލިހު ވިދާޅުވީ ތެދުފުޅެކެވެ. މަގޫދޫ އެއަރޕޯޓު ވެގެންދާނީ ސަރަޙައްދީ އެއަރޕޯޓްތަކުގެ ތެރެއިން އެންމެ ފެންވަރު ރަނގަޅު އެއަރޕޯޓަށެވެ. އެއަރޕޯޓްގެ ޓަރމިނަލާއިއެކު ވީއައިޕީ ލައުންޖެއްވެސް ހެދިގެންދާނެއެވެ. މަގޫދޫ އެއަރޕޯޓަކީ ޕްރައިވެޓް ޖެޓްތައް ޖެއްސޭނެ އެއަރޕޯޓެކެވެ. އެއަރޕޯޓްގެ ރަންވޭ 1800 މީޓަރުގެ ދިގުމިން ހުންނާނެއެވެ. ޕްރައިވެޓް ޖެޓްތައް ޕާކުކުރާނެ ޖާގަ ހަދައި ފްލައިޓްތަކަށް ޚިދުމަތް ދިނުމަށް ފިއުލް ފަރމެއް ގާއިމުކުރާނެއެވެ. އެއަރލައިންތަކުގެ ކްރޫންނަށް ތިބެވޭނެ ގޮތަށް ހޮޓަލެއްވެސް އަޅާނެއެވެ.
މިދައްކަނީ ސަމާސާ ވާހަކައެއް ނޫނެވެ. ބާރަށް ހިނގަމުންދާ މަސައްކަތްތަކެއްގެ ވާހަކައެވެ. ލޮލުންދެކެ އަތުން ހިފާން އޮތްކަންކަމުގެ ވާހަކައެވެ. ރައީސް ސޯލިހުގެ ހެޔޮވެރިކަމުގެ ހެޔޮ ވާހަކައެވެ. މަގޫދޫ އެއަރޕޯޓް އެގޮތުގައި ނިންމާ ސަރަހައްދަށް ތަރައްގީއާއި ކުރިއެރުން ގެނައުމަށް ދާއިރާގެ ރައްޔިތުން ބޭނުމީ ކޮންގޮތެއްކަން ވަރަށް ސާފެވެ. އެހެން ވެރިކަމެއް އައިސް މަސައްކަތް ހުއްޓި ނުވަތަ ބަދަލުތައް ގެނެސް ތަރައްގީގެ ލާބަ ލިބުން ލަސްވާކަށް ދާއިރާގެ ރައްޔިތުން ބޭނުމެއް ނުވެއެވެ.
ބިލަތްދޫ ދާއިރާގެ ރައްޔިތުންވެސް އެތިބީ ރައީސް ސޯލިހު ގެނެސް ދެއްވާ ހަމަހަމަ ތަރައްގީގެ ފުރުސަތުތައް ލިބިގަތުމަށް ރައީސް ސޯލިހާ އަތުގުޅާލައި ގެންނެވެ. ދެވަނަ ދައުރު ރައީސް ސޯލިހު ދެއްވައިގެން ރައްޔިތުން އެދޭ ތަރައްގީ ގެނެސް ފުރިހަމަ ކުރުމަށް އެއްރޮއްޖަށް ފޫގަޅައިގެނެވެ.