ސޭޓުގެ ވަތްގަނޑާ ދައުލަތުގެ މާލިއްޔާ މިފަހަރަކު ނުގުޅޭނެތަ!
ކުރިންވެސް ގާސިމާ ދިމާލަށް ނުގޮވާ ކުނިފުޅައެއްނެތް
އަންނަ ރިޔާސީ އިންތިހާބަށް އެމްޑީޕީން އުންމީދުވާރަކު ވަނީ ކަނޑައަޅާފައެވެ. އެ އުންމީދުވާރަށް އިންތިހާބު ކާމިޔާބުކޮށް ދޭން މަސައްކަތް ކުރުމާއި އެ އުންމީދުވާރަށް ވޯޓު ދިނުމަކީ އެމްޑީޕީގެ ކޮންމެ މެންބަރަކަށް ލާޒިމު ކަމެކެވެ. ޕީޓީގެ ރައީސްގެ އެންމެ ބޮޑު މަސްއޫލިއްޔަތަކީ ވެސް އެއީއެވެ.
އެހެނެއް ކަމަކު އެމްޑީޕީގެ ރައީސް މި ފަހަރަކު މި އުޅުއްވަނީ ދިމާ އިދިކޮޅަށެވެ. މައުމޫނަށްވުރެ މައުމޫނެވެ. ބޮޑު ތިން ބަލިން ބަލިވީމާ ވެސް މަވެތިކަމުގައި ހޭކެނޑިފައެވެ. ސޮހޭސޮރުގެ ހާލު އަމިއްލަ ޕާޓިން ޖެހުނީމާވެސް ހެޔެއް ނޭރިއެވެ.
އެމްޑީޕީގެ ރައީސް އެމްޑީޕީ ނޫން ޕާޓީއަކުން އުންމީދުވާރަކު ނެރުވައިގެން އެމީހަކަށް ވެރިކަން ހޯދަދޭން އެހުރީ އެއްރޮއްޖަށް ފޫގަޅައިގެނެވެ. ޔާމީނު ވެރިކަމުގައި ވީމޮޅައިގެން ނިކުމެ ޖުމްހޫރީގެ ނިވާ ފަތްގަނޑު ދަށަށް ވަދެ ތިބި ކުދިންކޮޅު ހިސޯރުކުޅަ ކައުންސިލަކުން ލީޑަރަށް ދައްކާ ހުވަފެނުގައި އެމްޑީޕީ ރައީސް ކުލަޖައްސާ ދޭން އުޅެގަތީމާ ދުރުތިބީން ކުރަނީ މަލާމާތެވެ.
މާމިގިލީ ގޮނޑުދޮށުގައި މުންޑުބުރި އަނދެގެން ކަކުނިކޮނަން އޮއްވާ ދޮންމަނިކުގޯތި ބަދިގެއަށް ގެނައި ބޯނެއް ބުރުމަލަކަށް މިއަދަކު ނުވެއެވެ. ބޮޑު ސޭޓުގެ ވަތްގަނޑާ ދައުލަތުގެ މާލިއްޔާ ގުޅާލެވޭ ކަމަކަށް އަމްދަކުން މިއަދަކު ނުވެއެވެ. އެރަށާ މިރަށާ އެއޮތް ރަށް ހޯދައިގެން ސޭޓުގެ އަންބޮޑި ބޮޑުކުރަން އުޅޭކަމަކަށް ވެސް މިހާރަކު ނުވެއެވެ. ވިލާ މޯލްޑިވްސްއަށް ރާއްޖެ ބަދަލުވާ ކަމަކަށް ވެސް ނުވެއެވެ. ފަސްޓް ލޭޑީއަކީ ކާކުކަން ވަކިކުރަން ނޭނގިގެން އުޅެން ޖެހޭނެ ކަމަކަށްވެސް މިހާރަކު ނުވެއެވެ. ދައުލަތުން ހައްގު ނޫން ބަދަލުތަކެއް ހޯދައިގެން ކޯލިޝަން މެދުވެރިކޮށް ދައުލަތް ލޫޓުވާ ކަމަށް ބުނާ މީހާ ވެރިކަމަށް ގެންނަން މިހާރު ނަޝީދަށް ނިކަން ރަނގަޅެވެ. ކުރިންވެސް އެތައް ފަހަރަކު އެކިބުރުމަތިން ގާސިމާ ދިމާލަށް ނުގޮވާ ކުނިފުޅައެއް ނަޝީދު ނެތެވެ. ރައީސް ސާލިހުގެ ވެރިކަމުގައި ގާސިމް އިބްރާހީމްމެން ބައިވެރިކޮށްގެން އެންމެ އިރިއިރިލެވީ ވެސް ނަޝީދެވެ. އެކަމަކު
ޕާޓީގެ ރިޔާސީ ޓިކެޓް ނުލިބުމުން ޕާޓީއަށް ވެރިކަން އޮންނަން ވެސް ނަޝީދު ބޭނުމެއް ނޫނެވެ. ގާސިމް އިބްރާހީމް ނެރުވައިގެން ގާސިމަށް ވެރިކަން ލިބި ނަޝީދު ނޭދޭ ކުޑަވެސް ކަމެއް ވެއްޖެނަމަ އެފަކީރަށް ނަޝީދު ފަހުން ކޮށްލާނެ ވަރު ހިތަށް އަރައެވެ. ކޭކަލަޔާ ބުއިކަލަ ގޮވާ ވެރިކަމަކީ އޭނާ ދިން އެއްޗަކަށް ހަދާނެއެވެ. އިރާދަ ކުރެއްވި އަލަކަށް އިރާދަ ކުރެއްވުމުން މިންވަރު ކުރެއްވި ކަމަކަށްވެސް ނުވަނެއެވެ. ވެރިކަމުގައި އަމިއްލަ ހިޔަންޏަކަށް ނުވާނޭ ބުނި ޒަމާންވީ މިތުރަށް ދޫދިނުމެއް ކުލުނެއް ނެތްއިރު ގާސިމަށް ޖައްސާނީ ކޮންހާލެއް ހެއްޔެވެ.
ބާރަށް ގާސިމާ ބަގުޑި ބައްދަން ޖަހާ ހިސާބު އަދި ފެންނަނީ އަތަށް ގޮވާތަނެވެ. ހުކުމުގެ މަންނަ އޮތީ އިބޫ އަތުގައެވެ. ތިޔަ ކުޅޭކުޅީގައި ހުކުން ބުނި ފަންސަވީހެއް ނުލިބެނީސް ސަލާމަތް ވާނެއެކޭ ހަމަ ހިޔެއް ނުވެއެވެ. މަނާ މަންތިރިވެ ބޮނދު ބުޑަށް ސައި ކީއިރު ވެސް ނޭނގުނު ނޫންހެއްޔެވެ.