ރައީސް ސިނގިރޭޓާ މެދު ވިސްނަވާހެން ޓީޗަރުންނާ މެދުވެސް ވިސްނަވާ: މަޓޭ ޒާކިރު

ސިވިލް ސާވިސްގެ އާއްމު މުއައްޒަފުންނަކީ ހަފްތާއަކު 5 ދުވަހު ދުވާލަކު 8 ގަޑިއިރު މަސައްކަތް ކުރަންޖެހޭ ބައެކެވެ. އެއަށްވުރެ އިތުރަށް މަސައްކަތް ކުރުވޭނީ އިތުރުގަޑީގެ ފައިސާ ދީގެންނެވެ. އެހެން ނަމަވެސް ސަރުކާރު ސްކޫލްތަކުގައި ވަޒީފާ އަދާކުރާ ޓީޗަރުންނަށް ހޮނި ހިރު ދުވަހަކީ މިހާރު ރަސްމީ މަސައްކަތު ދުވަހެކެވެ.
ހޮނިހިރު ދުވަހު މަސައްކަތަށް ނުނިކުމެއްޖެނަ އެ ދުވަހަކީ ހާޒިރު ނުވާ ދުވަހެއް ކަމަށް ބަލާ މުސާރަ ކަނޑައެވެ. ހޮނިހިރު ދުވަހު މަސައްކަތަށް ހާޒިރު ނުވާ މުއައްޒަފުންނަށް އަހަރީ ޗުއްޓީ ވެސް ނުލިބެއެވެ.
ހަފްތާއަކު ފަސް ދުވަހަށް ވުރެ އިތުރަށް ޓީޗަރުން ލައްވާ މަސައްކަތް ކުރުވިޔަސް އެންމެ ލާރިއެއްވެސް އިތުރަކަށް ނުދެއެވެ. ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް އިތުރު ގަޑީގެ ފައިސާ ނުދިނުމަކީ މިސަރުކާރުން ކުރާ ގާނުނީ ކުށެއް ކަމަށް ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު، މައުރޫފް ޒާކިރު ވެސް ވިދާޅުވެއެވެ.
ސިވިލް ސާވިސްގެ އެހެން މުވައްޒަފުންނަށް އިތުރު ގަޑީގެ ފައިސާ ލިބޭ އުސޫލުން، ހޮނިހިރު ދުވަހު މަސައްކަތް ކުރާނަމަ، ޓީޗަރުންނަށް ވެސް އިތުރު ގަޑީގެ ފައިސާ ލިބެން ޖެހޭނެ ކަމަށް މެންބަރު، މައުރޫފް ޒާކިރު ދެކިވަޑައިގަނެއެވެ. ތައުލީމާ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އިތުރު ގަޑީގެ ފައިސާ ނުލިބޭ މައްސަލަ އަކީ ބޮޑު މައްސަލައެއް ކަމަށް މައުރޫފް ވިދާޅުވެއެވެ.
ކޮންމެ ދެ އަހަރަކުން ލިބެންޖެހޭ މުސާރައިގެ ކުރިއެރުން ނުލިބި ގިނަ ދުވަސްވެފައިވާ އެތައް ޓީޗަރުންނެއް އެބަތިބިކަމުގެ ކަންބޮޑުވުން އޮނަރަބަލް މައުރޫފު ޒާކިރު މިއަދު ރައްޔިތުންގެ މަޖިލީހުގައި ފާޅުކުރެއްވިއެވެ. ދާއިރާގައި ހުރެގެން މާސްޓާސް ސެޓްފިކެޓު ހާސިލު ކުރުމުން ވެސް މުސާރައިގެ ކުރިއެރުން ނުލިބި ހަތަރު އަހަރު މަޑުކުރަން ޖެހުމަކީ ޓީޗަރުންގެ ކަންބޮޑުވުމެއް ކަމަށްވެސް މައުރޫފް ވިދާޅުވިއެވެ.
އެކަޑެމިކް މަސައްކަތް ކުރާ ޓީޗަރުންނާއި ލީޑިން ޓީޗަރުން ލައްވައި އިދާރީ މަސައްކަތްތައް ކުރުވުމަކީ ވެސް އޮތް ކަންބޮޑުވުމެއް ކަމަށް މައުރޫފް ފާހަގަކުރައްވައެވެ. ރަސްމީ ދުވަސްތަކުގައި އާއިލީ ޒިންމާ ނަގާ ޓީޗަރުންނާއި ސަލާމް ބުނާ ޓީޗަރުންގެ ނަންތައް އާންމުކޮށް އެހެން މުވައްޒަފުންނަށް ފެންނާނެހެން ހާމަކުރުމަކޮށް ޓީޗަރުންގެ ޒާތީ ހައްގުތަކަށް އަރައިގަންނަމުން ދާކަމަށްވެސް މައުރޫފް ވިދާޅުވިއެވެ.
ކޮންމެ ކުލާހެއްގައި އެތައް ބައިވަރު ކުދީންނެއް ތިބުމާއި ހަތަރުފަސް ކުލާސް ބަލަހައްޓަން އެންމެ ޓީޗަރަކާ ހަވާލު ކޮށްފައި އޮންނަ މައްސަލައަކީ ވެސް ކުޑަ މައްސަލައެއް ނޫންކަމަށް މައުރޫފް ފާހަގަ ކުރައްވައެވެ.
ސިނގިރޭޓާ ދޭތެރޭގައި ވިސްނަވާ ގޮތަށް ތައުލީމީ ދާއިރާގެ މުވައްޒަފުންނާ ދޭތެރޭގައި ރައީސް މުއިއްޒު ވިސްނާވަޑައިގަތުމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ގޮވާލެއްވިއެވެ.