ހެޔޮނުވާނެ ދެން ފައިބާ!

54 މެންބަރުން ސޮއިކޮށް ހުށަހެޅުމުން ހިންގަން ޖެހޭ އިޖުރާތެއް އިތުރަކަށް ނުއޮންނާނެ

ހެޔޮނުވާނެ ދެން ފައިބާ!

ގާނޫނަށްވުރެ މަތީގައި އެކަކަށްވެސް ނުހުރެވޭނެއެވެ. ދައުލަތުގެ އެއްބާރުގައި މަރުތަޅު އަޅުވައިގެން ހުރުމުގެ ބާރެއް އެކަކަށްވެސް ނުއޮންނާނެއެވެ. ރައްޔިތުންގެ މަލޖިލީހުގައި އިތުބާރުނެތް ރައީސަކާއި ނައިބުރައީސެއްގެ މަސްލަހަތަށް ވުރެ ދައުލަތުގެ މަސްލަހަތު މާ ބޮޑެވެ. ދައުލަތުގެ ބާރެއްގައި މަރު ތަޅުއެޅި ހުއްޓިފައި އޮތް އޮތުން އަނެއް ދެބާރުން ނިމުމަކަށް ގެނެސްދޭން ޖެހެއެވެ. މިހާލަތުގައި ސްޕްރީމް ކޯޓު އިސްނެގުން ވަރަށް މުހިންމެވެ. އިސްތިޝާރީ ލަފައަކަށް އެދުނަސް ނޭދުނަސް ސްމޫޓޯގެ އުސޫލުން ސްޕްރީމް ކޯޓުން އަމުރެއް ނުނެރި ނުވާ ހިސާބަށް ކަންކަން ހިނގައްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސް ރިޔާސަތު ބަލަހައްޓަން އުޒުރުވެރި ވަންޏާ ހަދާނެ ގޮތް މަޖިލީހުގެ ގަވައިދުގައި އެބަ އޮތެވެ. މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނެ ބަޔަކު ކަނޑައަޅާފައި އެބަތިއްބެވެ. އެކަމަށް ކަނޑައެޅިފައި ފަސް މެންބަރުން ތިބެއެވެ. އެއިން ކޮންމެ މެންބަރަކަށް ޖެހިޖެހިގެން 3 ޖަލްސާގެ ރިޔާސަތު ބެލެހެއްޓޭނެއެވެ.

ރައީސް ނަޝީދާއި އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅާފައި ވާތީ އެންމެ ފަހުން އޮތް ތިން ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފެވެ. ހަސަން އަފީފްގެ ތިން ޖަލްސާ ހަމަވުމުން ދެވަނައަށް އޮތް މީހަކަށް ތިން ޖަލްސާ ހަމަވަންދެން ރިޔާސަތު ބެލެހެއްޓޭނެއެވެ. ތިންވަނަ ހަތަރުވަނަ އަދި ފަސްވަނަ މީހާއާއި ހަމައަށް ކޮންމެ މީހަކަށް 3 ޖަލްސާގެ ރިޔާސަތު ބެލެހެއްޓޭނެއެވެ. އެހެންކަމުން މަޖިލީހުގެ ރައީސްއާއި ނައިބު ރައީސް ނުލާ 15 ޖަލްސާ މަދުވެގެން ބޭއްވެން އެބަ އޮތެވެ. ޖެހިޖެހިގެން ތިނެއް ހަމަ ނުވާ ގޮތަށް އެ ފަސް މީހުންގެ މެދުގައި 15 ޖަލްސާއަށް ވުރެ ގިނަ ޖަލްސާ ވެސް ބޭއްވެން އެބައޮތެވެ. އެގޮތަށް ގަވައިދު ތަން ދެއެވެ.

ރައީސް ނަޝީދަށް އެކަން ރަނގަޅަށް އެނގި ވަޑައިގަންނަ ވާނެއެވެ. އަފީފާ ހިސާބުން މަޖިލިސްގެ ޖަލްސާތައް ހުއްޓޭ ގޮތަކަށް މަޖިލީހުގެ ކަން ކަމެއް ރައީސް ނަޝީދަކަށް ވެސް ނުހިންގޭނެއެވެ. މުރައިދޫ ގަނޑުވަރުން ނިކުންނަވަން ޖެހި ވަޑައިގަންނަވާތީ އެކި ފަހަރު އެކި ބަހަނާ ދައްކަވައިގެން މަޖިލީސް ހުއްޓުވުމަކީ ނަޝީދަށް އޮތް ބާރެއް ނޫނެވެ. 

މަޖިލީހުގެ ރައީސްއާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމަށް އެއްފަހަރާ ހުށަހެޅުމަކީ މަޖިލީހުގައި މަރުތަޅު އެޅެން ޖެހޭ ސަބަބެއް ނޫނެވެ. މަޖިލީހުގެ މެޖޯރިޓީ އާއި ދެކޮޅަށް ރިޔާސަތުގެ ބާރު ނަހަމަ ގޮތުގައި ބޭނުން ކުރެވޭނެ އެއްވެސް ޑިމޮކްރެޓީކް ހަމައެއް ނެތެވެ. މަޖިލީހުގެ ރައީސަށް ގާނޫނު އަސާސީ އެ ވަރުގެ ބާރެއް ނުދެއެވެ. މަޖިލީހުގެ ރައީސަކީ މަޖިލީހުގެ އާއްމު ހަމަ ހިފެހެއްޓުމަށް މަޖިލީހުގެ ރިޔާސަތަށް މަޖިލީހުގެ މެންބަރުން އިސްކޮށްފައި އިންނަ މީހެކެވެ. މަޖިލީހުގެ ރައީސްގެ މައްޗަށް އިތުބާރު ނެތްކަމަށް 54 މެންބަރުން ސޮއިކޮށް ހުށަހެޅުމުން ހިންގަން ޖެހޭ އިޖުރާތެއް އިތުރަކަށް ނުއޮންނާނެއެވެ. ވޯޓަކަށް ދިޔުމާއި ނުލާ ޖެހި ވަޑައިގަންނަވާނީ އިސްތިއުފާ ދެއްވާށެވެ. 

އިސްތިއުފާ ނުދެއްވާ ރިޔާސަތުގައި ބަގުޑި ބައްދަވައިގެން ކިތަންމެ ދުވަހަކު އިންނެވިޔަސް މަޖިލީހުގެ އިތުބާރު ރައީސަށް އޮތްކަމަކަށް ނުވާނެއެވެ. ލަދުގެ ކަންފުޅެއް ހުންނަ މީހެއްނަމަ ހިނދު ކޮޅަކަށް ވެސް އިސްތިއުފާ ނުދީ ނުހުރެވޭ ވަރަށް ކަން ހަރާބުވެއްޖެއެވެ. ރައީސް ނަޝީދޫއެވެ. ތިޔަހެން ބަގުޑި ނުބައްދަވާ ހެޔޮނުވާނެ ދެން ފައިބާށެވެ.