އިސްލާހުގެ ވާހަކަ ނަޝީދު ދެން ނުދައްކަވާ
ލިބިވަޑައިގެން ދެ ފުރުސަތު ވެސް ގެއްލުވާލެއްވީ އަމިއްލަފުޅަށް
2019 ރައްޔިތުންގެ މަޖިލިހަށް މެންބަރުން އިންތިހާބު ކުރީއްސުރެ ރައްޔިތުންގެ މަޖިލީހުގެ ރައީސްއަކީ ރައީސް ނަޝީދެވެ. މަޖިލީހުގެ ރިޔާސަތުގައި ރައީސް ނަޝީދު އިންނެވީ 67 މެންބަރުންގެ ސްޕަރ މެޖޯރިޓީއާއި އެކުގައެވެ. ގާނޫނު އަސާސީ އިސްލާހު ކުރަންވިޔަސް އެއްވެސް އުދަނގޫ ކަމެއް ނެތެވެ. އެ ބޮޑު މެޖޯރިޓީ ކޮންޓްރޯލު ކުރެއްވީ ރައީސް ނަޝީދެވެ.
ރައީސް ނަޝީދު ރިޔާސަތުގައި އިންނަވައިގެން ބޭނުންފުޅުވެ ވަޑައިގެން ގޮތަށް މަޖިލީހުގެ ގަވައިދަށް ބަދަލު ގެންނެވިއެވެ. މަޖިލީހުގެ ނިޒާމަށް ބޮޑެތި ބަދަލުތައް ގެންނެވިއެވެ. ދާއިމީ ކޮމެޓީތަކުގެ ކޮންޓްރޯލު އަތްޕުޅުގައި އޮތެވެ.
ރިޔާސީ ކޮމިޝަންތަކަށް ގާނޫނީ ބާރު ހޯއްދަވާ ދެއްވިއެވެ. ޒަމާނުއްސުރެ ގާނޫނު ޑްރާފްޓް ކުރުމަކީ ސަރުކާރުން ކުރާކަމެއްގެ ގޮތުގައި އޮތް އޮތުން މަޖިލީހުން ކުރާކަމަކަށް ބަދަލު ކޮށްލެއްވިއެވެ. ބޭނުންފުޅުވެ ވަޑައިގެން ހުރިހާ ކަމެއް ބޭނުންފުޅުވެ ވަޑައިގެން ގޮތަކަށް މަޖިލީހުން ނިންމެވުމަށް ރައީސް ނަޝީދަށް ވަރަށް ފަހަކާ ޖެހެންދެން ފުރުސަތު އޮތެވެ. އެހެން އެކަން އޮތް އިރު ނުކުރެއްވި ކަމެއް ދަ ޑިމޮކްރެޓްސް އުފައްދަވައިގެން އަދި ކުރެއްވޭވަރުގެ ހަކަތައެއް ދަ ޑިމޮކްރޭޓްސްގައި އަމްދުން ނެތެވެ.
ކަންކަން ކުރެއްވެން އޮވެ ނުކުރައްވާ ކުރެއްވެން ނެތް އިރު ކުރައްވަން އުޅުއްވާނީ އެކަމެއް ކުރެއްވުމުގެ ނިޔަތް ނެތަތީއެވެ. ދަ ޑިމޮކްރެޓްސްގެ ވެރިކަމެއްގައި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ އަދަދު 76 އަށް ކުޑަކޮށް އެ މެމްބަރުންނަކީ ގަޑި ޖެހޭ ބަޔަކަށް ހައްދަވާ ވާހަކަ ދެއްކެވީމާ ރައީސް ނަޝީދުގެ އިހުލާސްތެރި ކަން ނެތްވަރު ނޫން ކަމެއް ނުފެނެއެވެ. ދަ ޑިމޮކްރޭޓްސްގެ ރިޔާސީ މެނިފެސްޓޯގައި ކިތަންމެ ރީތި ފަށުވި އިބާރާތަކުން އެވާހަކަ ލިޔުނަސް އެއީ ކުރައްވަން ބޭނުންފުޅުވެ ވަޑައި ނުގެން ކަމެއްކަން ރައްޔިތުންނަށް ސާފެވެ.
މަޖިލިހުގެ މެމްބަރުން 76 އަށް ކުޑަކޮށް އެވަރުގެ ހިފެހެއްޓުމަކީ ވައުދެކޭ ވިދާޅުވާއިރު ސްޕަރމެޖޯރިޓީއާއި އެކު މަޖިލީހުގައި އިންނެވި އިރު އެކަން ނުކުރެއްވެވީ ކީއްވެ ހެއްޔެވެ. އެ ކަން ފާސް ކުރާއިރު ތިއްބެވި މެންބަރުންގެ މައްޗަށް ތަންފީޒު ނުކުރާ ގޮތަށް ދެން ހޮވާ މަޖިލީހަކަށް އެ އުސޫލު ލާޒިމް ކުރާގޮތަށް ވެސް އެކަން ކުރެވުނީސް ނޫން ހެއްޔެވެ.
ކުދި ދާއިރާތަކުގެ ބަދަލުގައި މުޅި އަތޮޅުން މެމްބަރުން އިންތިހާބު ކުރަން ޖެހޭ ގޮތަށް ހަމަޖެއްސުމަކީ ރަނގަޅު ކަމެކެވެ. އަތޮޅުތަކުންނާއި މާލެ އިން އިންތިހާބު ކުރާ ޖުމްލަ ގޮނޑީގެ އަދަދު 55 އަށް ނުވަތަ 40 އަށް ވެސް އޭރު ކަނޑައަޅަން އުޅުއްވި ނަމަ އެކަންވެސް ވީހެވެ. އަންހެނުންނާއި ނުކުޅެދުންތެރިންނަށް ވެސް ގޮނޑި ހާއްސަ ކުރެވުނީހެވެ. ޕްރޮޕޯޝަނަލް ރެޕްރެޒެންޓޭޝަންގެ ތެރެއިން ޕާޓީތަކަށް ވޯޓު ލިބޭ ނިސްބަތުން ގޮނޑި ބެހެއްޓުނީހެވެ. ދައުރުގެ މެދު ތެރެއިން މެމްބަރަކު ވަކި ކުރުމަށް މެމްބަރުންގެ ރީކޯލް ވޯޓު ނެގޭނެ ގޮތަށް ވެސް ގާނޫނުގައި ކަނޑައެޅުނީހެވެ. މަޖިލީހުގެ މެމްބަރުންނަކީ ގަޑިޖެހޭ ބައެއް ކަމުގައި ވެސް ހެދުނީހެވެ. މެމްބަރު ކަމަށް ކުރިމަތިލާ މީހެއްގެ ކިބައިގައި ހުންނަން ޖެހޭ ފެންވަރާއި ޝަރުތުތަކެއް ވެސް ކަނޑައެޅުނީހެވެ.
ލިބިވަޑައިގެން އޮތް މަޖިލިސް ކޮންޓްރޯލު އަތްޕުޅުން ގެއްލި ވަޑައިގެން މެންބަރުން އިތުބާރު ކަނޑާލީމާ އިސްލާހުގެ ވާހަކަ ދެން ނުދައްކަވާށެވެ. ރާއްޖޭގެ ގާނޫނީ އޮނިގަނޑު އިސްލާހުކޮށް ހަމަ މަގަށް އަޅުވަން ލިބިވަޑައިގެން ދެ ފުރުސަތު ވެސް ގެއްލުވާލެއްވީ އަމިއްލަފުޅަށެވެ. ރައީސުލްޖުމްހޫރިއްޔާކަން ވެސް ލިބިވަޑައި ގަތެވެ. އެކަމެއް ނުކުރެއްވުނެވެ. ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ރައީސް ކަމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން އެކުއެކުގައި ލިބިވަޑައިގެން ހުންނަވާ މަޖިލިސް ކުޑަކުރައްވާކަށް ނޫޅުއްވައެވެ. އާރާބާރު ތަންމިނަށް ލިބިވަޑައިގެން ނުކުރެއްވި ކަމެއް ދެންވެސް ނުކުރައްވާނެއެވެ. އާރާ ބާރު ލިބި ވަޑައިގަތުމުން އިތުރަށް ބާރުވެރިވެ ވަޑައިގަތުމާއި މަވެތިކަން ނޫން ކަމެއް ނުކުރައްވައެވެ.