ކެންދޫ ދާއިރާގެ ރަށްރަށުގައި ހިންގާ ޕްރިޖެކްޓްތަކާއި ގުޅިގެން ބޮޑު އިތުރުފުޅެއް ކެންދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އަލީ ހުސައިން ހައްދަވައިފިއެވެ. އެދާއިރާގެ ކުޑަރިކިލުއާއި ކިހާދޫއާއި ދޮންފަނުގެ ބަނދަރަކީ ރައީސް ޔާމީނު ސަރުކާރުގައި ލޯނު ހޯދާ އެގްރިމަންޓް ހަދާ، ސޮއިކޮށް، ފައިސާ ހޯދާފައިވާ ޕްރޮޖެކްޓް ތަކެއް ކަމަށް ވިދާޅުވެ މަޖިލީހުގައި އަލީ ހުސައިން ހެއްދެވީ ބޮޑުވެގެންވާ އިތުރުފުޅެކެވެ.
ދޮންފަނު، ކިހާދޫ، ކުޑަރިކިލު ބަނދަރަކީ ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެން ފަހުން ސަރުކާރުން އެޕިޑްފަންޑްއަށް ހުށަހަޅައިގެން ފައިސާ ހޯދާ ބަޖެޓްކޮށްގެން މި ސަރުކާރުން ހުރިހާ ކަމެއް އަލިފުން ޔާއަށް ކޮށްނިންމާފައިވާ މަސައްކަތެކެވެ. އަލީ ހުސައިން އެ ވިދާޅުވާ ގޮތަށް ކުރީ ސަރުކާރުގެ އެއްވެސް ދައުރެއް ނެތި ފުރިހަމަކޮށް ނިންމާފައިވާ ތިން ބަދަރެވެ.
ރައީސް ސޯލިހުގެ ރިޔާސީ ކެންޕެއިން 2018ގެ ދުވަސްވަރާއި އެންމެފަހުން ރައްޔިތުން މަޖިލީހަށް މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ކެންޕެއިން ތެރޭގައި ހޮދު އަލީހުސައިން ވެސް އެންމެ ބާރަށް ދެއްކެވި އެއް ވާހަކަފުޅަކީ އެ ތިން ރަށުގެ ބަދަރާ ގުޅޭ އެއްވެސް ކަމެއް ރައީސް ޔާމީނު ސަރުކާރުން ކޮށްފައި ނެތް ވާހަކައެވެ. މިހާރު ކުއްލިޔަކަށް އެ ހުރިހާ ކަމެއް އެކޮޅުކޮޅުން ޖައްސަވާ ދާއިރާގެ ރައްޔިތުންނަށް އޮޅުވާލައްވާ ސިޔާސީ ގޮތުން ފިތުނަވެރިކަމުގެ ހުޅަށް ޕެޓްރޯލް އެޅުއްވިޔަސް ހަގީގަތް ބަދަލެއް ނުކުރެއްވޭނެއެވެ.
ނަރުދަމާގެ މަސައްކަތް ނުނިމޭ ވާހަކަ ދައްކެވެނީ މަސައްކަތް ފަށައިގެން ކުރިއަށް ގެންދާތީ ނޫންހެއްޔެވެ. ނުކުރާނަމަ ނުނިމޭ ވާހަކަ އެއް ނުދެއްކޭނެއެވެ. ފަށައިގެން ކުރިއަށް ދާތީ ދެއްކެނީ ނޫންހެއްޔެވެ. މުޅި ރާއްޖޭގެ އެކި ކަންކޮޅުގައި އެތައް ސަތޭކަ ޕްރޮޖެކްޓެއް މި ސަރުކާރުން އެ ހިންގަނީ ރާއްޖޭގެ މަސައްކަތު ކުންފުނިތަކަށް އޮބި ނޯންނަ ވަރަށެވެ. ވެލާ ބިސްވަޅޭ މަދިރިފަންޏޭ މިހާރު ތިޔަ ވިދާޅުވެވެނީ މި ސަރުކާރުން ކަންތައް ތަކެއް ކުރާތީ ނޫން ހެއްޔެވެ. އަޑަށް ބާރުލައްވާ ކުރިން ދެއްކެވި ނަޖިސްފެނުން ރައްޔިތުން ފެންވަރާ ވާހަކަ މިހާރު ނުދައްކަވަނީ އެކަން މި ސަރުކާރުން މުޅި ރާއްޖޭގައި ހައްލު ކުރަމުން ގެންދާތީކަން އެނގެއެވެ.
އިއްޒަތްތެރި މެންބަރަށް ދާއިރާގައި ހިނގާ ކަންކަން އަވަސްކޮށް ހަލުވިކުރުވަން ސަރުކާރާ ގުޅިގެން އުޅުއްވުމަށްވުރެ ބޮޑުވެގެން ތިޔަ އުޅުއްވަނީ ދާއިރާގައި ގިނަގުނަ މަސައްކަތްތަކެއް ރައްޔިތުންނަށްޓަކާ ސަރުކާރުން ކުރަމުން ގެންދާ ގެންދިޔުމެވެ. މި ސަރުކާރުން ދަރަވަންދުއާއި ކެންދޫގެ ގޮނޑުދޮށް ހިމާޔަތްކޮށް ނިންމާފައި އޮތްކަމެއް ވެސް އިއްޒަތްތެރި މެންބަރަކަށް އެނގިވަޑައެއް ނުގަންނަވައެވެ. ކަމަދޫ ބަނދަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރަމުން ދާތަނެއް ފެނިވަޑައެެއް ނުގަންނަވައެވެ. ދަރަވަންދޫގައި ހުރި އެމެޖެންސީ ހެލްތު ކެއަރ ޔުނިޓެއް ފެނިވަޑައެއް ނުގަންނަވައެވެ. ކެންދޫ ބޯޅަދަޑާއި ކިހާދޫ ބޯޅަދަނޑާއި ދަރަވަންދޫ ބޯޅަ ދަނޑުގެ މަސައްކަތް ހިނގާތަނެއް ފެނިވަޑައެއް ނުގަނެއެވެ. އިންޖީނުގެތައް އަޕްގްރޭޑް ކުރެވޭ ތަނެއް ފެނިވަޑައެއް ނުގަންނަވައެވެ. ޝެޑިއުލާ އެއްގޮތަށް ބަރާބަރަށް ދާކަން އެނގިވަޑައިގަންނަވާނީ އެކުގައި ގުޅިގެން ކުރާކަންކަން ބައްލަވާ އެއްބާރުލުން ދެއްވާ މެންބަރުންނަށެވެ.
ދާއިރާގެ ހުރިހާ ރަށެއްގެ ފެނާ ނަރުދަމާގެ މަސައްކަތް ހިނގާ ވަރަކާ ހިނގާ ގޮތެއް އެނގިވަޑައެއް ނުގަންނަވައެވެ. ދާއިރާގައި ކޮޅުނެތްކޮޅަށް ހިންގާ އެތައް ޕްރޮޖެކްޓް ހިނގާކަން އެނގި ވަޑައިގަންނަވަނީ ދާއިރާގެ ރައްޔިތުންގެ އިހުސާސްތައް ދެނެވަޑައި ގަންނަވާ ނަމަތާއެވެ.
ދަންނަވަންތޯއެވެ. މަޖިލީހުގައި ތިއްބެވި އިދިކޮޅު މެންބަރުން ހިތްއުފާ ކޮށްދެއްވަން ދައްކަވާ ދޮގުވާހަކަ އެމީހުން ގަބޫލުކޮށްފާނެއެވެ. އެކަމަކު ދާއިރާގެ ރައްޔިތުން ހުވަފެނުންވެސް ނުދެކޭހާ ތަރައްގީގެ ޕްރޮޖެކްޓްތައް މިސަރުކާރުން ހިންގާ ނިންމަމުން ދާކަން ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ގަބޫލުކޮށް ބަލައިގަނެއެވެ. އިއްޒަތްތެރި މެންބަރު ދާއިރާގެ ރައްޔިތުންނާ ދުރުގައި މާބޮޑަށް އުޅުއްވޭތީ ދާއިރާގެ ވާހަކަ ދެއްކެވޭނީ އިދިކީލި ވިސްނުންފުޅުގައެވެ.