ފުވައްމުލަކު ތާރުއެޅި 34 މަގު އަންނަ ހަފްތާގާ ހުޅުވާނެ
މަޝްރޫޢަކީ 279 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެއް
ފުވައްމުލައް ސިޓީގެ އެތެރޭގެ 34 މަގެއްގައި ތާރު އަޅައިގެން ތަރައްގީ ކުރުމަށް އެމްޓީސީސީއާއި ހަވާލުކުރި މަސައްކަތް ފެށޭ އޮގަސްޓް މަހު ފުރަތަމަ ހަފްތާގައި ނިމޭނެއެވެ. ފުވައްމުލަކުގައި ތާރު އަޅައިގެން ތަރައްގީ ކުރަނީ 18 ކިލޯމީޓަރުގެ މަގުގެ ސަރަހައްދެވެ.
މަސައްކަތް ފުރަތަމަ ފަށާފައިވަނީ 31 މަގު ތަރައްގީ ކުރުމަށެވެ. ނަމަވެސް ސިޓީ ކައުންސިލާއި ރައްޔިތުންގެ އެދުމުގެ މަތިން އިތުރު އިތުރު 3 މަގުވަނީ މިޕްރޮޖެކްޓަށް އިތުރުކޮށްފައެވެ. އިތިރުކުރި 3 މަގަކީ ކުރިން ގައު އަޅައިގެން ހަދާފައިވާ 3 ކިލޯމީޓަރުގެ މަގެވެ.
"އޮގަސްޓް 10ގެ ކުރިން ހުރިހާ މަގުތައް ރައްޔިތުންނަށް ބޭނުން ކުރެވޭނެ" ކަމަށް އެމްޓީސީސީގެ ސީއީއޯ ޢާދަމް އާޒިމް ވިދާޅުވެއެވެ. ފުވައްމުލަކު މަގު ހެދުމުގެ މަސައްކަތް ކުރިއަށްދަނީ ރައްޔިތުން އެދުނު ބަދަލުތަކާއެކުގައެވެ.
ފުވައްމުލަކު މަގު ހެދުމުގެ ފޭސް 2ގެ މަސައްކަތްތައް އޮގަސްޓް މަހުގެ ފުރަތަމަ ހަފްތާގައި ނިންމާލާއިރު ފުވައްމުލަކަށް ދިމާވާ އެންމެ ބޮޑު އެއް މަސައްލަ ކަމުގައިވާ ވިއްސާރަ ދުވަސްވަރު މަގުގައި ފެން ބޮޑުވެ ފެން ނުހިނދުމުގެ މައްސަލައަށް ހައްލު ލިބިގެންދާނެއެވެ.
މަގު ހެދުމުގެ މަސައްކަތުގެ ތެރޭގައި ފެން ހިންދާ ނިޒާމު ވެސް ވަނީ ގާއިމުކޮށްފައިވާ ފުވައްމުލަކު ދެވަނަ ފިޔަވަހީގެ މަގުހެދުމުގެ މަޝްރޫޢަކީ 279 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. ފުވައްމުލައް ސިޓީގެ މަގު ހެދުމުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތްވެސް އެމްޓީސީސީއާއި ވަނީ ހަވާލުކޮށްފައެވެ. 3ވަނަ ފިޔަވަހީގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުންނެވެ.
މަގުހެދުމުގެ 3ވަނަ ފިޔަވަހީގެ ދަށުން ފުވައްމުލަކު އެތެރޭގެ 12.17 ކިލޯމީޓަރުގެ މަގުގައި ތާރުއަޅާނެއެވެ. އަދި މަގުތަކުގައި ފެން ހިންދާ ނިޒާމު ގާއިމުކޮށް މަގުތަކުގައި މަގުބައްތި ހަރުކުރާނެއެވެ. މަސައްކަތް ނިންމުމަށް އެކުންފުންޏަށް ދީފައިވަނީ 730 ދުވަހުގެ މުއްދަތެކެވެ. މި މަސައްކަތަށް 255 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުވެއެވެ.
ފުވައްމުލަކުގައި މަގުހެދުމުގެ ފުރަތަމަ ފިޔަވަހީގައި ކުރިގެންގޮސްފައި ވަނީ ރަށުގެ ވަށައިގެން އޮތް ރިންގް ރޯޑްގައި ތާރު އަޅައިގެން ތަރައްގީ ކުރުމުގެ މަސައްކަތެވެ. މި މަސައްކަތުގެ ދަށުން 20،650 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރުއަޅައި ތަރައްގީ ކޮށްފައިވެއެވެ. އެއީ 32 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.