ގަން އެއަރޕޯޓްގެ މަސައްކަތަށް ހުރަސްއަޅައި ކަޓުނަގަން ނޫޅޭ!

ހިނގަހިގާ ހުންނަ ޕްރޮޖެކްޓްތައް ހުއްޓުވަން ނަޝީދެއް ކަމަކު އުޅޭނެ ކަމެއްނެތް

ގަން އެއަރޕޯޓްގެ މަސައްކަތަށް ހުރަސްއަޅައި ކަޓުނަގަން ނޫޅޭ!

ހިނގަހިގާ ހުންނަ ޕްރޮޖެކްޓްތަކަށް ދަނޑިބާނައިގެން ކަންކަން ހަލާކު ކުރަން ރައީސް ނަޝީދެއް ކަމަކު އުޅޭނެ ކަމެއްނެތެވެ. ރައީސް ސާލިހަށް އައްޑޫ ރައްޔިތުންގެ ގިނަ ބަޔަކު ކުރާ އިތުބާރު ކަނޑުވާލާ މި ސަރުކާރުން އައްޑޫއަށް ކަމެއް ކޮށްނުދެވުނުކަން ދައްކާ ނަފްރަތު އުފައްދަން ނޫޅޭށެވެ. ގަމު އެއަރޕޯޓް ޕްރައިވެޓައިޒް ކުރާ ވާހަކަ ދައްކަން މިހާރު މީ ކޮންވަގުތެއް ހެއްޔެވެ. 

ރައީސް ސާލިހުގެ ތަރައްގީގެ ޕްލޭނެއް އައްޑުއަށް އެބައޮތެވެ. ރައީސް ސާލިހުގެ އައްޑޫ ޕްލޭންގެ މަސައްކަތްތައް ތަރުތީބު ވެގެން ކުރިއަށް އެބަދެއެވެ. ގަން އެއަރޕޯޓް ތަރައްގީކޮށް އެކަމަށް ކުރަންޖެހޭ މަސައްކަތް ވަނީ ފެށިފައެވެ. ދަނީ ކުރިއަށެވެ. 8000 އެނދުގެ އައްޑޫ ޓޫރިޒަމް ޕްލޭންގެ މަސައްކަތް ހުރީ މެކުހުގައެވެ. 

ވަށާޖެހޭ ތަރައްގީގެ ޕްލޭނެއްގެ ދަށުން މުޅި އައްޑޫ ކުރިއަށް އޮތް ދެތިން އަހަރެއްގެ ތެރޭގައި ފުރިހަވެ ނިމޭނެއެވެ. ޓޫރިޒަމްގެ ފުރުސަތު ފަހިވެ ރިސޯޓްތަކާއި ސިޓީ ހޮތާތަކާއި ގެސްޓްހައުސްތައް ހުޅުވި އައްޑޫގެ އިގްތިސާދީ އިންޖީނު ބާރަށް ހިނގައި ގަންނާނެއެވެ. ފަތުރުވެރިންނާ ދަތުރުވެރިންނަށް މަތީފެންވަރުގެ ހިދުމަތް ލިބޭ އެއަރޕޯޓަކަށް ގަން އެއަރޕޯޓު ވާނެއެވެ. ހިތަދޫ ސީޕޯޓަކީ މުޅި ދެކުނު ސަރަހައްދުގެ ކަނޑުގެ ހަބަކަށް ވެގެން ދާނެއެވެ. ހިޔާލީ ވާހަކަ ތަކެއްގެ ގޮތުގައެއް ނޫނެވެ. އަމަލީ ގޮތުން ކުރަންޖެހޭ ހުރިހާ ކަމެއް ތާވަލާ އެއްގޮތަށް ބާރަށް ކުރިއަށް އެބަދެއެވެ. 

އައްޑޫގެ ތަރައްގީއާއި ގުޅުންހުރި އަސާސީ ހިދުމަތްތައް ހުއްޓުމެއް ނެތި އެހެރަ ދަނީ ބާރަށް ކުރިއަށެވެ. ގަމުގެ ވައިގެ ބަދަރު ތަރައްގީ ވެގެން ދާއިރު ރިސޯޓްތަކާއި ސިޓީ ހޮޓާތަކާއި ގެސްޓް ހައުސްތައް ހުޅުވާ ހިންގޭ ވަރަށް އެތަންތަން ވެސް ނިމިގެން ދާނެއެވެ. ރައްޔިތުންނާއި ފަތުރުވެރިންނަށް އެންމެ ރަނގަޅު ފެންވަރުގައި އަސާސީ ހިދުމަތް ލިބި ސިއްހީ ގޮތުން މަތީފެންވަރުގެ ހިދުމަތް ލިބޭ ވަރަށް ހޮސްޕިޓަލް ތަރައްގީ ކުރެވެއެވެ. 

ގުޅިފައިވާ މައި ރަށްތަކާއި ހުޅުމީދޫ ގުޅާލެވި، ދަތުރު ފަތުރުން މުޅި އައްޑޫ ގުޅުވާލައި، ހިތަދޫ ޕޯޓަކީ އާގު ބޯޓުފަހަރާއި ކްރޫޒް ލައިނަރު ފަދަ އުޅަދުތަކަށް ދުނިޔޭގެ ފެންވަރުގެ ހިދުމަތް ދެވޭ ދެކުނު ކަނޑުހަބް ކަމަށް ވާނެއެވެ.

ސަރުކާރުން ވަށާޖެހޭ ތަރައްގީގެ ޕްލޭނެއް އެކުލަވާލާ ތަންފީޒު ކުރަން ފަށާފައި ވަނިކޮށް މަޖިލީހަށް ގަރާރެއް ލައިގެން އާއްޑޫގައި ހިންގާ ތަރައްގީގެ މަޝްރޫއުތައް ހުއްޓުވަން އުޅެނީ އައްޑޫ ރައްޔިތުންނަށް ހެވެއް އެދިގެނެއް ނޫނެވެ. ގަން އެއަރޕޯޓް ތަރައްގީގެ ޕްލޭނާ އެއްގޮތައް ތަރައްގީ ކުރަން ބޭނުންވާ ފައިސާ ހޯދާ ޓެންޑާކޮށް ބަޔަކާއި ހަވާލުކޮށްގެން މަސައްކަތުގެ އަމަލީ މަސައްކަތް ހިންގައި ގަންނަން ފަށާއިރަށް މި ޖަހަން ފެށީ ކޮން ސަކަރާތެއް ހެއްޔެވެ. ގަން އެއަރޕޯޓް ޕްރައިވަޓައިޒް ކުރާ ވާހަކަ މިހާރު ދައްކާ ޕްރެޝަރ ކުރާނީ އެއަޕޯޓްގެ މަސައްކަތް ކުރިއަނުދީ އެކަން ދިގު ދެންމުމަށެވެ. 

މިސަރުކާރުން އައްޑޫ އެއަޕޯޓާއި މުޅި އައްޑޫގެ ތަރައްގީ ޕްލޭނާއި އެއްގޮތަށް ގެންގޮސް ނިންމަފާނެތީ މޭކަރާނެ ކަމެއްނެތެވެ. އަރާއިރު އަހުމަދު ރަޝީދުމެން މަޖިލީހުގައި ތިބެ ހިޔަލީމެން ކުންފުންޏަށް ކޮވިޑް ހާލަތުގެ ނާޖާއިޒު ފައިދާ ނަގަން ޖެހިފާޑަށް އައްޑޫ ރައްޔިތުންގެ ތަރައްގީއާއި ސަކަރާތް ޖަހަން ނުހަދާށެވެ. ޕްރައިވަޓައިޒް ކުރުމޭ ކިޔައިގެން އޭގެން ބައެއް ހިޔަލީ ރަޝީދަށް ދޭންވީ ހެއްޔެވެ. ސަރުކާރަށް ނުވާކަން ދައްކަން ގަން އެއަރޕޯޓްގެ މަސައްކަތަށް ހުރަސް އަޅާ ލަސްކޮށް ކަޓުނަގަން ނޫޅޭށެވެ. އެކަމެއް ނުވާނެއެވެ.