ޕީއެންސީ މީހުންނޫން އެންމެންނަކީ އަޅުން ނޫނީ ދުޝްމަނުން!

މައިނޯރިޓީއަށް އިހުތިރާމެއް ނެތް

ޕީއެންސީ މީހުންނޫން އެންމެންނަކީ އަޅުން ނޫނީ ދުޝްމަނުން!

ޕީއެންސީއަށް މަޖިލީހުގެ ސުޕަރމެޖޯރިޓީ ލިބުމުން މައިނޯރިޓީއަށް އިހްތިރާމް ކުރާނެކަމަށް ބުނެ ފޮނިކަނޑާ އުޅުނެވެ. އިދިކޮޅެއް އެއްކޮޅެއް ނުބަލާ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޕީއެންސީ މެޖޯރިޓީން އިހުތިރާމް ކުރާނެކަމަށް އަޑުއަރުވާ އުޅުނެވެ. 

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ސާފު ފެން ނުލިބޭތީ އެމްޑީޕީން މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައެއް ހުސްވި ޖޫން މަހުގެ 3 ވަނަ ދުވަހު މަޖިލީހަށް ބަލައިގަނެ މަޖިލީހުގައި ބަހުސް ކުރިއެވެ. އައްޑޫ ފެނާގުޅޭ ކުއްލި މައްސަލަ ބަލައިގަނެ ބަހުސު ކުރުމަކީ ސުޕަރމެޖޯރިޓީ އޮތް ޕީއެންސީން ތަފާތު ދެއްކުމެއް ކަމަށްބުނެ އަޅިބުރުވިއެވެ. މައިނޯރިޓީއަށް އިހުތިރާމް ކުރުން ކަމަށްވެގެން މުއިއްޒު ސަރުކާރުން މަހުއެއްޗެތިކޮޅު ލިބޭ ނޫސްތައްވެސް ނެގިނެގިފާ ޖެހުނެވެ. ގެރިހަން ލައިގެން އޮތަސް މިނިކާ ވަގަށް މިނިމަސް ނުކައި އޮވެވޭނެ ހެއްޔެވެ. 

ޕީއެންސީގެ ހަގީގީ ސޫރަ ފެންނާކަށް ގިނަދުވަހެއް ނުވިއެވެ. ހަސަދައިން ފޯވެ ބަދަލު ހިފުމުގެ ރޫހު ކަށީގެ މަދުގައި އަށަގެންފައިވާ ބަޔަކަށް ބާރެއް ލިބުނީމާ ނުވެނުދާނެ ގޮތް އެހުރީ ފެންނަން ފަށާފައެވެ. މައިނޯރިޓީއެއް ރައްޔިތުންގެ އިހުސާސެއް އެ މީހުންނަކަށް މުހިންމެއް ނޫނެއެވެ. އަޅުންގެ އަޅުންނަކީ ސާހިބުން ހެދިހާއެއްޗެއް ހެދިގެން ތިބެންޖެހޭ ބައެކެވެ. އަޅުން ބޭނުންވަނީ ކޮންކަމެއްތޯ ބަލާ އެމީހުންގެ ހިޔާލާ މަޝްވަރާ ހޯދާކަށް ސާހިބުންނަކަށް ނުޖެހޭނެއެވެ. ޕީއެންސީ މީހުންދެކެ ގޮތުގައި އެމީހުންގެ މީހުން ނޫން އެންމެންނަކީ އެމީހުންގެ އަޅުންނެވެ. ނޫނީ ދުޝްމަނުންނެވެ. 

ޕީއެންސީއަށް ވެރިކަމާއި މަޖިލިސް ދިނުމަކީ އެމީހުން ހަދާނެ އެއްޗެއް ހަދަން ލިބުނު ލައިންސަންސެއް ކަމަށް އެ މީހުން ދެކެއެވެ. ރައްޔިތުންގެ ކަންބޮޑުވުން ތަކަކީ އެ މީހުން މާބޮޑު އިސްކަމެއް ދޭންޖެހޭ ކަންކަން ކަމަކަށް ނުދެކެއެވެ. ކިނދު ނުފިލާއިރު މައިނޯރިޓީއަށް އިހުތިރާމްކޮށް ފޮނު އެރުވިޔަސް ފައިއިނދުނީމާ މިހާރަކު އެފޮނެއް ނާރުވާނެއެވެ.

ރައްޔިތުންނާ ގުޅުންހުރި ކުއްލި މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ވެއްދުމާއެކު ސައްޕު ޖަހާ ބޭރުކޮށްލައެވެ. 20 ވަނަ މަޖިލިސް ފެށުނު ފަހުން ހުށަހެޅުނު އެންމެ މައްސަލައެއް ފިޔަވާ ސީރިޔަސް ކުއްލި މައްސަލަތައް ތަޅުމުން ނެރެ އެއްލާލަނީ ލަދެއް ހަޔާތެއް ނެތިއެވެ. މިވީ ހަތް މަސްތެރޭގައި ޕީއެންސީ ރައްޔިތުންގެ ގައިގާ ކޮޅުފައިންޖަހާ ބޭރުކޮށްލަފައިވާ ދެތިން މައްސަލައެއް ފާހަގަކޮށްލަމެވެ. 

  • މާލޭ މީހުނަށް ދޫކުރަން ކުރީ ސަރުކާރުން ދޭން ނިންމާފައިވާ ގޯތިތައް ހަވާލުކުރުން ލާޒިމްކޮށް 19 ވަނަ މަޖިލީހުން ފާސްކޮށްފައިވާ ގާނޫން ތަސްދީގު ނުކުރާން ނިންމުން.
  • މަސްވެރިން މިފްކޯއަށް ކިރިމަހަށް އަގުނުދީގެންނާއި ބޮޑުކަންނެލި މަސްވެރިންނަށް ހަމައަގު ނުލިބޭތީ މަސްވެރިން މުޒާހަރާ ކުރަމުންދާތީ މަސްވެރިންގެ ކަންބޮޑުވުން ސަރުކާރާއި މަޖިލީހުގެ ސަމާލުކަމަށް ގެންނަން ހުށަހެޅި ކުއްލި މައްސަލަ.
  • ދައުލަތުގެ ހަރަދުތައް ބޮޑުވެ ދަރަނިވެރިކަން ބޮޑުވެ ބަނގުރޫޓް ވެދާނެކަމުގެ ބިރުއޮތްއިރު މަތިބަރު ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު ސިއްރު ކުރާތީ މައުލޫމާތު ހާމަކުރަން ގޮވާލި ކުއްލި މައްސަލަ.
  • ރާއްޖޭން ބޭރުގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ސަރުކާރުން ދޭންޖެހޭ ފައިސާ ނުދޭތީ ދިވެހި ދަރިވަރުން މަގުމަތިވުން ހުއްޓުވުމަށް އެކުދިންނަށް ދޭންޖެހޭ ފައިސާ ދިނުމަށް ގޮވާލި ކުއްލި މައްސަލަ.

ފާހަގަ މިކޮށްލީ ސަމާސާ ކަންކަމެއް ނޫނެވެ. ސީދާ ރައްޔިތުންގެ ދުވަހީ ދިރިއުޅުމާ ގުޅިފައިވާ ކަންތައްތަކެއްގެ ވާހަކައެވެ. ޕީއެންސީއަށް އެކަންކަންވެސްވީ ސިޔާސީ ޗަރުކޭހަށެވެ. ބޭރުކޮށްލީ ސައްޕުޖަހައެވެ. އަނެއްކޮޅުން ޕީއެންސީން މައިނޯރިޓީއަށް އިހުތިރާމް ކުރާވަރުން މަޖިލިހަށް ކުއްލި މައްސަލަ ނުވެއްދޭނެ ގޮތަށް އުސޫލުތައް ބަދަލުކުރަން އެދަނީ ވިސްނަމުންނެވެ. ކޮންފަދަ އަޖައިބެއް ކަހަލަ އިހުތިރާމް ކުރުމެއްހެއްޔެވެ.