އިދިކޮޅުން ފަސާދައަށް ސާބަސްދެނީ މުނާފިގު ކަމުން
ހީލަތްތެރި ކަމާ ތެދުވެރި ނިޔަތް ނެތްކަން ކިތަންމެހާވެސް ސާފު
ކޮންމެވެސް އެއްޗެއް ކިޔައިގެން ނޫސްތަކުގެ ފަލަ ސުރުހީއަށް އަރާލުމަކީ މަކުރާހިތްވާ ކަމަކީތާއެވެ. އެމްޑީޕީ އިސްވެ އޮވެ، ރައްޔިތުންގެ މަޖިލިސް ހުއްޓުވައިފި ކަމަށް ބުނެ އަނގަ ހުޅުވަނީ ލަދެއް ހަޔާތެއް ނެތީމައެވެ. ޕީޕީއެމް-ޕީއެންސީއާއި ޖޭޕީއާއި ނުއުފަންނަ ދަ ޑިމޮކްރެޓްސްގެ މެމްބަރުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިގެން ދޮގުމައްޗަށް ދޮގު ހެއްޖަސް ރައްޔިތުންނަށް ވާނުވާ އެބަ ފެނެއެވެ.
މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީލީ އާޒިމް ބުނާ ގޮތުން މަޖިލިސް ހުއްޓުވައިފައި ވަނީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އިސްވެ ހުންނަވައިގެންނެވެ. އޭނާ ބުނާ ގޮތުން ސަރުކާރުން މިކަން ކުރަނީ، ދެ ކަމެއް ހާސިލު ކުރާށެވެ.
އިދިކޮޅުން ބޭނުންވާ އެއްވެސް ކަމެއް މަޖިލީހުގެ ތެރެއިން ފާސްކޮށް ކޮށްގެން ސަރުކާރަށް ފިއްތުމެއް ފިއްތޭ ނަމަތާއެވެ. އިތުބާރު ނެތްކަމަށް ހުށަހެޅިފައި އޮތް ދެ ވަޒީރުން މަގާމުން ދުރުކުރެވޭ ވަރުގެ ހަކަތައެއް މަޖިލީހުގެ ތެރޭގައި އިދިކޮޅަށް އޮންނަމަތާއެވެ.
ސަރުކާރުން ބޭނުން ވަނީ މަޖިލިސް ނުހުއްޓި ވަޒީރުންގެ އިތުބާރު އޮތްތޯ ނެތްތޯ ބެލުމަށް ވޯޓަށް އަހާ ވަޒީރުންނަށް މަޖިލީހާއި ރައްޔިތުންގެ އިތުބާރު އޮތްކަން ސާބިތުކޮށް ދޭށެވެ. އެކަން ކުރެވޭނީ މަޖިލިސް ނުހުއްޓި ކުރިއަށް ގޮސްގެންނެވެ. އެހެން ކަމުން ސަރުކާރުން މަޖިލިސް ހުއްޓުވާ ކަމަށް ދައްކާ ވާހަކައަކީ ދޮގު ހޮޅި ވާހަކައެއް ކަން މިކަމުން އެކަނި ވެސް ސާބިތުވެއެވެ.
ސަރުކާރުން ކުރާކަމަށް އިދިކޮޅުން ތުހުމަތު ކުރާ ވައްކަމާއި ކޮރަޕްޝަނުގެ ވާހަކަ ދެއްކުން ހުއްޓުވަން ސަރުކާރުން އުޅޭނީ ސަރުކާރުން ވައްކަމެއް ކުރާ ނަމަތާއެވެ. އިދިކޮޅުގައި ތިބި ބޮޑެތި ވަގުން ސަރުކާރުގައި ތިބެ ކުރިހާ ވައްކަން ފޮރުވަން މި ސަރުކާރުގައި ވައްކަމުގެ ލޭބަލު އަޅުވައިގެން ތިމާމެނަށް ވަގަށް ގޮވުން ހުއްޓުވަން ކުޅޭ ޗަރުކޭހަކުން މޭކަރައިގެން މަޖިލިސް ހުއްޓުވާކަށް މި ސަރުކާރަކުން ނޫޅެއެވެ.
އެމްއެމްޕީއާރުސީން ކަޅު ދަބަހުގައި ކާރުޑިކީއަށް ދިޔާ ޑޮލަރު އަރުވައިގެން އުފުލާ ސަރުކާރުގެ ތެރޭން ވައްކަން ނުކުރެވިގެން ނިކުމެ ދަނޑި މޮކް ރެޓަކަށް ވެގެން އުޅޭ ފޫއެނބުރިއެއް ސަރުކާރޭ ވައްކަމޭ ކިޔައިގެން ނެގިނެގިފައި ޖެހުނަސް އެކަކަށް އެކައްޗެއްވެސް ނޯޅޭނެއެވެ. ސަރުކާރަށް އެކަމާހެދި ރިޔާ ބޮޑުވެ ކުރިއަށް ނުދެވިގެނެއް ނޫޅެއެވެ.
އެޓޮލްސް ބަޖެޓް ދަވާލައިގެން އޮނުފުމެން އުޅުނު ސޮރަކު ރައްޔިތުންގެ ފާސައިން ކަޅިވެފައިވާ ރަތް ރާޅު ބާނި ތަކުން މުޅި މާލޭ ފުރާލައިގެން އިނދެ އެހެން މީހުނަށް ވަގަށް ގޮވީމާ އެވަނީ ޖޯކަކަށެވެ. ރަތްރާޅު ކިޔާހާ އެއްޗަކަށް ނަށާނީ އޭދަފުށީ މުންޑު ކޯލިޝަނެވެ.
މަޖިލީސް މެންބަރުން ދަތްދޮޅި ދުއްވަން ބުނެ މެންބަރުން ފާރު މަތިން އުކާލާ މަޖިލީހަށް ވަދެ ޕީޕީއެމްގެ ރިޔާސީޓިކެޓަށް ފެން ބޮވައިގެންފައި އިނދެ ފައިނު މާވަޑި ޅިސްވަރު ކުރަން އޮޑައިން އޮމާން ކުރާކަން މީހަކަށް ނޯޅެއެވެ. ސަރުކާރާ އިދިކީލިވެ ބަޅުރުކު ކުދިންކޮޅު ތާއީދު ހޯދަން މަރުފަލި ޖަހާކަން ބަޅުރުކު ކުދިންގެ ތެރޭގައި ނޭނގޭ މީހަކު ނެތެވެ.
ހެޔޮ އެއްގޮތެއް ނެތި ނަޒާހަތްތެރިކަމުގެ ސިއްކަ ހިފައިގެން ނިކުމެ ދިމާލަށް ފެންނަ އޮތް ހަގީގަތް ނުފެންނަކަމަށް ހަދައިގެން ދާއިރާގެ ވިންދާ ދެކޮޅަށް އިދިކޮޅުވެގެން އުޅުންނޫން ގޮތެއް ނޭނގުނު މީހަކުވެސް އެބަ ފެނެއެވެ. ރެޑްލީފް ގަލަމެއް ޖީބަށް ޖަހައިގެން މަޖިލީހަށް ވަދެ ކަންނެލި އޮޑިޔާ ލޯންޗު ފަހަރު ހޯދައިފިކަމަށް ގޮވާ އަނބުރު ކަތިލި މީހާވަރު ނެތި ތިމާ ދާއިރާގެ ގޮނޑިއަށް ހޮވާދޭން އެންމެ އެހީތެރި މީހާ ނޮޅާކަށިކާން ނިކުތުމުން ދާއިރާ މީހުންގެ ލޯބި ނެތިދާކަން އޮޅިފައިވަނީ ކީއްވެކަން އެނގޭ މީހުންވެސް ލައްކަ ގިނައެވެ.
މަޖިލިސް ހުއްޓުވަނީ ކާކު ކީއްވެކަން ވަރަށް ސާފެވެ. މަޖިލީހުގެ ރައީސް ކަމުގައި އިތުބާރުނެތި ހުންނަން ފައި ވިއްދައިގެން އުޅޭ ނަޝީދުގެ ދާއިމީ ހަތުރުންގެ ބަޔަކު ނިކުމެ މީޑިއާގައި މަޖިލިސް ހުއްޓުވަނީ ސަރުކާރުންނޭ ބުނީމާ އެބައި ގަނޑުގެ ހީލަތްތެރި ކަމާ ތެދުވެރި ނިޔަތް ނެތްކަން ކިތަންމެހާ ވެސް ސާފެވެ. ދައްކާ ވާހަކައިގައި އިހުލާސްތެރި ކަމެއް ނެތްކަން ގައިމެވެ. އަލީ އާޒިމެއް އަލީ ހުސޭނެއް އާދަމް ޝަރީފެއް ރެޑްވޭވް ސަލީމެއް ކިޔާނެ ކަމެއް ނެތެވެ. ސިޔާސީ ގޮތުން ސަރުކާރަށް ޕްރެޝަރ ކުރުމުގެ ނިޔަތުގައި ރައީސް ނަޝީދު ކުރާހާ ކަމެއް ހަލާލުކޮށް ބޭރުފުށުން ފަސާދައަށް ސާބަސްދެނީ މުނާފިގު ކަމުންނެވެ.