ޔާމީނު ބުރިޖުން ފުންމާލުން ބަޔާނަކުން ނިމޭތަ!

ޔާމީނު ބުރިޖުން ފުންމާލުން ބަޔާނަކުން ނިމޭތަ!

އާއިލާގެ ހުރުމަތޭ ތަހުގީގުގެ ނަޒާހަތޭ ކިޔައިގެން ނެރެލާ ބަޔާނަކުން އިންސާފު ލިބިދެވޭ ކަމަކަށް ނުވާނެއެވެ. ހަސަން ޔާމީނު ބުރިޖުމަތިން ފުންމާލީ ކީއްވެހެއްޔެވެ. 

ޔާމީނު ހަމަހުރެފައި ބުރިޖުމަތިން ކަނޑަށް ފުންމާލަފާނެ ހެއްޔެވެ. ފުންމާލާ ހާލަތަށް އޭނާގެ ކަންކަން ދިޔައީ ހަމަ ކުއްލިއަކަށް ހެއްޔެވެ. 

ހަސަން ޔާމިނުގެ އުޅުމާއި ގުޅުންތައް ހުރީ އެ ފަދަ ކަމެއް ކުރަންޖެހޭ ފަދަ ހިސާބެއްގައި ހެއްޔެވެ. ޔާމީނު ދިރި ހުރުމަށްވުރެ މަރުވުން އޭނާއަށް މުހިންމު ވާންޖެހުނު ސަބަބެއް އޮންނާނެޢެވެ. އެ ސަބަބެއް ހޯދާ ދެނެގަނެ އަޅަންޖެހޭ ފިޔަވަޅެއް އެޅުމަކީ ދައުލަތުގެ ޒިންމާއެކެވެ. 

ބުރިޖިމަތިން ކަނޑަށް ފުންމާލާ ވީނުވީއެއް ނޭނގި ގެއްލުމަކީ ނިމުމެއް ނޫނެވެ. އެކަމުގެ ވަށައިގެން ހުރި ހުރިހާ ކަމަކަށް އަމާޒު ހިފައިގެން ކުރެވޭ ތަހުގީގަކަށް ފަހު ގަބުލުކުރެވޭ ވަރުގެ ރިޕޯޓެއް ނެރެ ހާމަކުރަން ޖެހެއެވެ. ތަހުގީގަށް ތިލަވާ ކިތަންމެ ކުޑަކަމެއްގެވެސް އެންމެ ފުނަށް ގޮސް އަޅަންޖެހޭ ހުރިހާ ފިޔަޅެއް އަޅަންޖެހެއެވެ. 

ރާއްޖޭގައި އަމިއްލައަށް މަރުވުމުގެ ވަރަށް ގިނަ ހަދިސާތައް ހިނގާފައި އެބަހުއްޓެވެ. އަމިއްލައަށް މަރުވުގެ ސަބަބުތައް ދެނެގަނެ އެފަދަ ކަންކަން ތަކުރާރުވުން ކުޑަކުރަން އެޅޭ ފިޔަވަޅެއް ނުފެނެއެވެ. މަރު ވީމާ މަރުވީ ކަމަށް ނިންމާ އެ ހިސާބުން މައްސަލަ ފައިލް ކޮށްލިމާ ނިމޭނިމުމަށް ބަދަލު ގެންނަންޖެހެވެ. 

ގޮތްނޭނގޭ މަރުތަކާއި އަމިއްލައަށްވާ މަރުތަކާއި ސީރިޔަސް އެކްސިޑެންޓްތަކާއި ގުޅޭ ވަށާޖެހޭ ފުރިހަމަ ތަހުގީގެއްކޮށް ތަފްސިލީ ރިޕޯޓެއް ނެރެން ޖެހެއެވެ. ނެރޭ ރިޕޯޓަށް ބިނާކޮށް އަޅަންޖެހޭ ފިޔަވަޅެއް އަޅައިގެން ނޫނީ ދިރި ތިބީންނަށް ރައްކާތެރި ކަމެއް ނެތެވެ.