ހަރަދު ކުޑަކުރުމުގެ ނަމުގައި އާސަންދަ ގުރުބާން ކުރަންނުހަދާ!
އާސަންދައަކީ ބަޔަކު އިސްތިހާރުކޮށްގެން ކުރާ ވިޔަފާރިއެއް
ގިނަ ދިވެހި ރައްޔިތުންނަކީ ހީކުރާވަރުގެ ފޯރާބައެއް ނޫނެވެ. ކޮންމެ ކަމެއްވެސް ނަހަމަ ގޮތުގައި ބޭނުންކުރާ މީހުން އަބަދުވެސް އުޅޭނެއެވެ. ނަހަމަ ގޮތުގައި ހިދުމަތެއްގެ ބޭނުން ބަޔަކު ކުރުމަކީ އެ ހިދުމަތުން ރައްޔިތުން މަހުރޫމް ކުރަން ޖެހޭ ސަބަބެއް ނޫނެވެ. އެ ހިދުމަތް ދަތިކޮށް އުދަގޫ ކުރަންވީ ސަބަބެއްވެސް ނޫނެވެ. ބައެއް މީހުންގެ ހަމާގައި ދިވެހި ރައްޔިތަކަށް ވީތީ ވަކިމީހެއް ނުބަލާ އާސަންދަ ދީގެން ނުވެއެވެ. ސަރުކާރުގެ މަތިފަޑީގައި ތިބި ގިނަ މީހުންގެ ވިސްނުމަކީ މިއެވެ.
ބޭނުން ޖެހިފައިވާ މީހާއަށް އެކަނި ލިބޭ އެއްޗަކަށް އާސަންދަ ހަދާ ނަމުގައި ވަކި ބަޔަކަށްދޭ އެއްޗަކަށް އާސަންދަ ބަދަލުކޮށްލަން ވިސްނަނީ އެހެންވެއެވެ. އާސަންދަ ހައްގުވާ ޝަރުތު ހަމަވާ ބަލިމީހުންގެ ލިސްޓަކީ ޒަކާތުގެ ބެހެނިވެރިންގެ ލިސްޓުހެން ކޮންމެ އަހަރަކު ކުރިޔާލާ ތައްޔާރު ކުރެވޭނެ އެއްޗެއް ނޫނެވެ. މީހަކަށް އާސަންދަ ލިބެން ހުރަސް ކުރަންޖެހޭ މިންގަޑުތައް ގިނަވެ އެ މިންގަޑިތައް ގިރާ ނުކުރެވިގެން އެއްވެސް ރައްޔިތަކަށް އާސަންދަ ނުލިބުމަކީ ވެގެންވާނެ ކަމެއް ނޫނެވެ. ގިރާ ކުރަންޖެހޭ ހުރަސްތައް ގިނަވުމުން މަރުފުށު ކަމަކަށްވެސް މީހަކަށް އާސަންދަ ނުލިބި ހިގައިދާނެއެވެ.
އެއްބަހެވެ. އާސަންދައިގެ ތެރެއިންވާ ލީކާއި ހިންގާ ކޮރަޕްޝަން ހުއްޓުވަން ޖެހެއެވެ. ކޮންމެ ރައްޔިތަކަށް ހިލޭ ބޭސް ފަރުވާ ފަސޭހަ ކަމާއެކު ކޮށްދެވޭނެ ގޮތަކަށް ދައުލަތުން އިންތިޒާމު ކުރެވިފައި އޮންނަން ޖެހެއެވެ. މުއިއްޒެއްް ގާސިމެއް މައުމޫނެއް އެކަމުގައި ތަފާތު ވެގެން ނުވާނެއެވެ. އަސާސީ ބޭސް ފަރުވާ ދައުލަތުން ހިލޭ ލިބިދޭން ޖެހޭނެއެވެ.
ސަރުކާރުގެ ސިއްހީ ހިދުމަތްދޭ ތަންތަނުން ނުލިބޭ ހިދުމަތެއް ނޫނީ އަމިއްލަ ތަނަކުން އާސަންދައިގެ ދަށުން ނުދެވޭ ގޮތަށް އާސަންދަ އިސްލާހުކޮށް ހެދިދާނެއެވެ. ރާއްޖޭގެ އެއްވެސް ހޮސްޕީޓަލަކުން ލިބެންނެތް ހިދުމަތެއް ނޫނީ ރާއްޖޭން ބޭރުން ނުދިނީމާ ނިމުނީއެވެ. ރާއްޖޭން ބޭރުން ހިދުމަތް ދިނުމުގައިވެސް އެންމެ ހަރަދު ކުޑަ ގޮތެއް ހިޔާރު ކުރެވިދާނެއެވެ.
އާސަންދައިން ދެވޭ ހިދުމަތަށްވުރެ މަތީފެންވަރުގައި ހިދުމަށް ބޭނުންވާ މީހަކު އެހެން ނިޒާމެއްގެ ދަށުން ނުވަތަ އަމިއްލަ ހަރަދުގައި ހިދުމަތް ހޯދުމަކީ އަމިއްލަ ކަމެކެވެ. އާސަންދައަކީ ބަޔަކު އިސްތިހާރުކޮށްގެން ކުރާވިޔަފާރިއެއްގެ ގޮތުގައި އޮތް އޮތުން ހުއްތަން ޖެހެއެވެ. ކޮންމެ ދިވެހިރައްޔިތަކަށް އަސާސީ ފެންވަރުގައި ސިއްހީ ހުރިހާ ހިދުމަތެއްވެސް ދައުލަތުން ލިބިދޭން ޖެހޭނެއެވެ. ނަންބަރު އައިނެއް ހެއްދިޔަސް ލޯކޮޅު ދީފާ ދުނިގަނޑު ނުދިއެއްވެސް ކަމަކު ނުދާނެއެވެ.
ރާއްޖޭގައި ހިންގާ ސިއްހީ ހިދުމަތްދޭ ސަރުކާރުގެ ތަންތަނުގެ ފެންވަރު މަތިކޮށް ހިދުމަތް ފަސޭހަ ކުރަންޖެހެއެވެ. ބަލިމީހުންގެ ކިޔު ކުރުކޮށް އަމިއްލަ ހޮސްޕިޓަލްތަކާއި ކުލިނިކްތަކުން ކިރުފެލަން އޮންނަ ގެރިއަކަށް އާސަންދަ ނުހަދާ ގޮތަކަށް ސިއްހީ ނިޒާމް އިންތިޒާމް ވާންޖެހެއެވެ.