ގުޅިގެން އުޅެން 13ހާސް މީހުންނަށް 4 ހާސް ފްލެޓް

ދެން ވެރިކަމާ ހަވާލުވާ މީހުން ޝަރުތު ހަމަވި މީހުނަށް ފްލެޓް ނުދީފާނެކަމުގެ ބިރުބޮޑީ

ގުޅިގެން އުޅެން 13ހާސް މީހުންނަށް 4 ހާސް ފްލެޓް

ޝަރުތު ހަމަވާ 13 ހާސް މީހުން ފްލެޓަށް އެދިފައި ވަނި ކޮށް ނިމުނު 4 ހާސް ފްލެޓް 4 ހާހަށް ދީގެން މައްސަލަ މިއޮތީ ގޯސްވެފައެވެ.

13 ހާސް މީހުން ވެސް ބޭނުން ވަނީ ނިމުނު 4 ހާސް ފްލެޓަށް ވަންނާށެވެ. މިކަމަށް އޮތް ޙައްލަކީ ނިމުނު 4 ހާހުގައި ގުޅިގެން އެކުގައި ލޯބިން ދިރިއުޅޭ ގޮތަށް 13 ހާސް މީހުންނަށް 4 ހާސް ފްލެޓް ހަވާލު ކުރުމެވެ.

އިތުބާރު ކުރުމެއް އިންތިޒާރު ކުރުމެއް ކެތްތެރިވުމެއް ނެތިއްޔާ ދެން ހެދޭނީ ހެދެން އޮތް ގޮތެކެވެ. ތަނަކަށްދާން ސައިކަލަށް އަރާތަނުން މަގު އެކީ ހުސްކޮށް ލިބެންޖެހޭނީ އޭނާ އެކަނި ދުއްވާށެވެ. ބަލިމީހަކު އަރުވަން ވެސް ކުރިމަތީގައި އޮތް ވެހިކަލް މަޑުކޮށްފިއްޔާ ބަރުގޮނު އަޅާވަރުން ކަންފަތް ފަޅައިގެންދާހާ ވެއެވެ. އަނެއްކޮޅުން ނަލަ ދުވެލީގައި އައިސް މަގެއްގެ މެދަށް މަޑުކޮށްގެން ބިއްލޫރި ތިރިކޮށްގެން މީހަކާ އަނގަތަޅަން އިންނައިރު ފަހަތުގައި ޓްރެފިކް ގުޅަޖެހުނަސް އެންމެ ރަނގަޅެވެ. ސައިކަލަށް އެރި މީހާއަށް އެކަނި މުޅިމަގު މިލްކުވީ ގޮތަށް ކާރުގައި އިން މީހާއަށް އެކަނި މުޅިމަގު މިލްކުވީމާ އޮންނާނެ އިރަކު މަޑުކޮށްގެން އިންނަންވީއެވެ. ފަހަތުގައި ތާށިވެފައި ކިތަންމެ ބަޔަކު ތިބިއްޔާ އޭނާއަށް ކޮން  ކަމެއް ހެއްޔެވެ؟

ދާތާކަށް ގޮސް އެދިޔަ އެއްޗެއް ޕާކް ކުރެވެން ވާނީ ހަމަ އެދިޔަ ތަނެއްގެ ދޮރުމަތީގައެވެ. ތަންކޮޅެއް ދުރުން ލިބޭ ހުސްތަނެއްގައި ޕާކްކޮށް ހިނގާލަން ވެއްޖެނަމަ ގޯހެކެވެ. މުޅި ދުނިޔެ ވޮލެޓަށް ލައިގެން ތިމާ ނޫން އެހެން މީހަކަށް އެކައްޗެއްވެސް ނުލިބި އުޅެން ބޭނުމެވެ. މާލެ ސަރަހައްދު ހިއްކާ ފްލެޓާ ގޯތިދޭން ފެށިފަހުން އެންމެން ވެސް މާލޭ މީހުންނަށް ވެއްޖެއެވެ. ފައިން ވެލިނުހިކި ފޯމުގައި ޖަހަނީ މާލޭގައި ދިރިއުޅޭތާ 20 ތިރީސް އަހަރު ވެއްޖެ ކަމަށެވެ.

13 ހާސް މީހުން ވެސް ބޭނުން ވަނީ ނިމުނު 4 ހާސް ފްލެޓަށް ވަންނާށެވެ. އެންމެ ފުރަތަމަ ނިމޭ ފްލެޓަށް ވަންނަން އެންމެން ބޭނުމެވެ. އެހެން ވާގޮތެއް ވެސް އެބައޮވެއެވެ. ދެން ވެރިކަމާ ހަވާލުވާ މީހުން ޝަރުތު ހަމަވި މީހުނަށް ފްލެޓް ނުދީފާނެ ކަމަށް ގަންނަ ބިރު މާ ބޮޑީއެވެ.