ކުޑަކުދިންގެ ދުވަހާއި ކުޑަކުދީން

ކުދިންގެ ވަޒީފާއަކީ އުނގެނުން

ކުޑަކުދިންގެ ދުވަހާއި ކުޑަކުދީން

ދުނިޔޭގައި ތަފާތު އެކި ކަހަލަ ދުވަސްތައް ފާހަގަކުރަމުން އައުމަކީ މިހާރު އާއްމުކަމެކެވެ. އަހަރުގެ ގިނަ ދުވަސްތަކަކީ މިފަދަ ދުވަސްތައް ކަމަށްވީހިނދު ކޮންމެސް އެއްކަމެއް ފާހަގަ ކުރުމަށް ބަޔަކު އަވަދިނެތި އުޅެމުން ދާތަން ފެނެއެވެ. އެކަކަށްވުރެ އަނެކަކު ނުވަތަ އެއްބަޔަކަށްވުރެ އަނެއްބަޔަކު ދުވަސް ކުލަގަދަގޮތެއްގައި ފާހަގަކުރަން އުޅޭތަންފެނެއެވެ. ބައެއްދުވަސްތައް ފާހަގަކުރުމުގައި މީ މުބާރާތެކޭވެސް ހީވަމުންދެއެވެ. ކޮންމެއަކަސް ތަފާތު ފެންވަރުގައި ފާހަގަކުރަމުންދާ ދުވަސްތަކުގެ ތެރެއިންވެސް ކުޑަކުދިންގެ ދުވަހަކީ ވަރަށް ޚާއްޞަ ސަމާލުކަމެއް ދެވިގެން ރައްޖޭގައިވެސް ފާހަގަކުރަމުން އަންނަ ދުވަހެކެވެ. މިދުވަސް އެންމެ ކުލަގަދަ ގޮތެއްގައި ފާހަގަކުރަމުން އަންނަނީ ސްކޫލްތަކުގައެވެ.

ކޮންމެ އަހަރެއްގެވެސް ކުޑަކުދިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ މެއި 10 ވަނަ ދުވަހެވެ. މިދުވަސް ފާހަގަކުރުމަށްޓަކައި ސްކޫލްތަކުގެ މުއައްޒަފުންނާއި ބެލެނިވެރިން ދުރާލާ ތައްޔާރުވާން ފަށައެވެ. އަދި ކުޑަކުދިންގެ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމަށްޓަކައި ބޮޑެތި ޢަދަދުތަކުން ޚަރަދު ކުރެއެވެ. ރެޔާދުވާލް ސްކޫލްގައި ހޭދަކުރަން ޖެހުނަސް ބޮޑުކަމަކަށް ނުވެއެވެ. އުފަލާއެކު ކޮށްދޭހިތުން ބެލެނިވެރިންވެސް ތިބެނީ ތައްޔާރަށެވެ.

ކުޑަކުދިންނަކީ ވަރަށް މުހިއްމު ބައެއް

ކުޑަކުދިންނަކީ ކޮންމެ އާއިލާއަކަށްވެސް އެހާމެ ބޮޑު އުފަލެއްދީ އާއިލާއަށް ހިނިތުންވުން ގެނެސްދޭ ބައެކެވެ. އެކުދިން އާއިލާގެ މެންބަރުންގެ ގައިގައި ބައްދާލައިގެން ލޯބިވަނީ ބެލުމެއްނެތިއެވެ. އެކުދިން އާއިލާގެ މެންބަރުންނަށް ޙަޤީޤަތް ކިޔައިދީ، ދިރިއުޅުމުގެ ވަރަށް މުހިއްމު ބައެއް ފިލާވަޅުތައް ދަސްކޮށްދެއެވެ. އެހެންކަމުން ކުދިންގެ ކުޑައިރުގެ ދުވަސްތަކަކީ އަޅުގަނޑުމެންނަށް ލިބިފައިވާ ޚަޒާނާއެއްކަމުގައި ބަލަންޖެހެއެވެ..

ކުޑަކުދިންގެ ކިބައިން ފެންނަ އަޖައިބު ކުރުވަނިވި ބައެއްކަންކަން

ކުޑަކުދިންގެ ކިބައިގައި ވިސްނާ ފިކުރުކޮށްފި މީހަކަށް އަޖައިބަކަށް ފުދޭވަރުގެ އެތަކެއް ކަމެއް ލައްވާފއިފައިވެއެވެ. އެކަން އެގޮތަށް މިންވަރު ކުރައްވާފައިވަނީވެސް އެކުދިންގެ މައުސޫމްކަމާއެކު ހަރުދަނާ މުސްތަގުބަލެއް ލިބިދިނުމުގެ ބޭނުމުގައެވެ. މިގޮތުން ފާހަގަކޮށްލެވޭ އަޖައިބު ތަކުގެ ތެރޭގައި:

1- ކުދިންގެ ވަޒީފާއަކީ އުނގެނުމެވެ. ކުޑަކުދިން އަބަދުވެސް ތައްޔާރުވެގެން ތިބެނީ ހުނަރާއި ފިލާވަޅު ދަސްކުރުމަށެވެ. އެކުދިން ދިރިއުޅެނީ އެކުދިންގެ ކުޑަކުޑަ ސިކުނޑި ތަރައްޤީ ކުރުމަށެވެ. އެއީ އުނގެނުން އެންމެ ފުރިހަމައަށް ތަމްސީލުކުރާ ކަންކަމެވެ. އަޅުގަނޑުމެންގެ ދަރިންނަށް ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދޭން ބޭނުންނަމަ، ކުޑައިރުގެ އުމުރަކީ އެ އުނގެނުމަށް އެކަށީގެންވާ މަރުހަލާއެވެ. އެހެނީ ކުޑަކުދިންނަކީ ވަށައިގެންވާ ހުރިހާ އެއްޗެއް ޖަހައިގަންނަ ކުދިކުދި ސްޕޮންޖްތަކެއް ފަދަބަޔަކަށްވީކަމެވެ.

2- ކުދިން އަނގައިން ދަސްކުރެއެވެ. އެންމެ ތުއްތު އިރުއްސުރެ ކުދިން ކިޔަވާ ގޮތް އަޅުގަނޑުމެން ދެކެމުއެވެ. އެކުދިންގެ ހިއްސުތަކުގެ ތެރެއިން ދުނިޔެއާ މެދު ދާއިމީ ގުޅުމެއް ހިނގައެވެ. އެކުދިން ތަޖުރިބާތަކެއްކޮށް ޖިސްމާނީ ގޮތުން ދުނިޔެއާ ގުޅިގެން އުޅެއެވެ. އޭގެ މިސާލަކީ ދަރިފުޅު ހުރިހާ އެއްޗެއް އަނގައަށް ގެންދާތަން ފެނެއެވެ. އެއީ އެކުދިންގެ ދަސްކުރުމުގެ ފުރަތަމަ މަރުހަލާއެވެ.

3- ކުދިން އެކުދިންގެ ހަށިގަނޑުގެ އަޑުއަހައެވެ. ޖަވާބު ނުދެވޭ އުމުރުގައި އެކުދިންގެ ހަށިގަނޑުން ބުނާ އެއްޗަކަށް ރައްދުދެއެވެ. އެއްވެސް ތަފާތުކުރުމެއް، އިޖުތިމާޢީ މުޢާހަދާތަކެއް ނެތިއެވެ.

4- ކުދިން ކުދިކުދި ކަންތައްތަކުގެ އަގު ވަޒަން ކުރެއެވެ. އެންމެ ކުދިކުދި އަދި އަގު ކުޑަ އެއްޗެއްސަކީ ކުޑަކުދިންނަށް އަގުހުރި އެއްޗެއްސެވެ.  މިގޮތުން ހިލަގަނޑެއް، ގާކޮޅެއް، މޯޅިވެފައިވާ މަލެއް، ހުސް ފުޅިއެއް ފަދަ އެއްޗެއްސަކީ އެކުދިން ވަރަށް ގަޔާވާ އަދި އެހާމެ ބޭނުން އެއްޗެއްސެވެ.

5- ކުދިންނަކީ ޚިޔާލީ ބައެކެވެ. ކުޑަކުދިންނަކީ ވަރަށް ޚިޔާލީ ބައެކެވެ. ކުޑަ ހިނދު ކޮޅެއްގެ ތެރޭގައި އެކުދިންގެ ޚިޔާލީ ނަޒަރުން މުޅި ދުނިޔެވެސް ބަލާލަފާނެއެވެ. އަދި ތަފާތު އެކިކަހަލަ މީހުންގެ ގޮތުގައި ވިސްނުން ބަހައްޓައިގެން ތަފާތު ތަމްސީލްތައް ކުޅެލަފާނެއެވެ.

     މަތީގައި ފާހަގަކުރެވުނު ކަންކަމަށް ބަލާއިރު މިފަދަ ލޯބިލޯބި ކުދިންތަކަކަށް އަންނަ އެންމެ ދުވަހެއް ފާހަގަކޮށްނުދީ ތިބެވޭނީ ކިހިނެއްހެއްޔެވެ. ތިބާގެ ދަރިފުޅަށް ކުޑަކުދިންގެ ދުވަސް ފާހަގަކޮށްދޭހާ ފޯރިޔާއި ޖޯޝާއެކު ތިބާގެ ދަރިފުޅަކީ ދެދުނިޔޭގެ ބާއްޖަވެރިން ކަމުގައި ހެދުމަށްވެސް ޝައުގުވެރިކަން ދޭށެވެ.